ޚަބަރު

ޢީދު ބަންދު ހަފްތާގައި ބޭންކުތަށް ހުޅުވާނީ ބުދަ ދުވަހު


ކުރިއަށް އޮތް ޢީދު ބަންދުގައި ބޭންކުތަކުން ޚިދުމަތް ދޭނީ މޭމަހުގެ 4ވަނަ ދުވަހު ކަމަށް އެމްއެމްއޭއިން ހާމަކުރައްވައިފިއެވެ.

މިއަހަރުގެ ފިޠުރު ޢީދު އަދި ހަފްތާ ބަންދާގުޅިގެން މިމަހުގެ 29އިން އަންނަ މަހުގެ 7ވަނަ ދުވަހަށް ސަރުކާރު ބަންދުވާނެއެވެ. މަރުކަޒީ ބޭންކު އެމްއެމްއޭއިން ވިދާޅުވީ އެ ހަފްތާގެ ބުދަ ދުވަހު ބޭންކިންގ ޚިދުމަތް ދިނުމަށް ނިންމާފައިވާކަަމަށެވެ. ޢާންމުންނަށް ޚިދުމަތްދޭ ގަޑިތަށް އެ އޮތޯރިޓީން ވަނީ އާއްމުކުރައްވާފައެވެ.

އެގޮތުން ބޭންކިންގ ޚިދުމަތް ހެނދުނު 9:30އިން މެންދުރު 12:00އަށް ދިނުމަށް ހަމަޖެހިފައިވެއެވެ. މި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓު އުސޫލުންނެވެ. ސިޓީއާއި ތަކެތި ބަލައިގަތުން ވެސް ހަމަ އެ ގަޑިތަކުގައި ކުރިއަށްދާނެ ކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.

ބޭންކު އޮފް މޯލްޑިވްސްއިން ވެސް މެއި 4ވަނަ ދުވަހު ހެނދުނު 9:30އިން ފެށިގެން މެންދުރު 12:00އަށް ޚިދުމަތް ދިނުމަށްވަނީ ނިންމަވާފައެވެ. އެހެންނަަވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ ސެލްފް ސަރވިސް ބޭންކިންގ ސެންޓަރތައް މެދުވެރިކޮށް ޖަމާކުރުމާއި، ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށް ބީއެމްއެލުން ވިދާޅުވެއެވެ.