އިޓާލިއަން ލީގުގައި އޭއެސް ރޯމާ ބަލިކޮށް ތާވަލުގެ އެއްވަނައަށް އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާން ޖެހިލައިފިއެވެ.
އިންޓަގެ ދަނޑުގައި ކުޅުނު މި މެޗް އެ ޓީމުން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.
ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ރޯމާއިން ގިނައިރު ބޯޅަ ގެންގުޅުނު ނަމަވެސް، ގިނަ ހަމަލާ އުފައްދާފައިވަނީ އިންޓައިންނެވެ. މި މެޗްގެ ފުރަތަމަ ލަނޑު މެޗްގެ 30 ވަނަ މިނެޓްގައި އިންޓައަށް ކާމިޔާބުކޮށްދިނީ ޑެންޒެލް ޑަމްފްރީސްއެވެ. އަދި އިންޓަގެ ދެވަނަ ލަނޑު ފުރަތަމަ ހާފް ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ޖަހާދިނީ މެދުތެރެއަށް ކުޅޭ މާސެލޯ ބްރޮޒްވިޗެވެ.
މި މެޗުގައި އިންޓަގެ ތިންވަނަ ލަނޑު މެޗްގެ 52 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މި ސީޒަނުގައި އެ ޓީމަށް މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ ލައުޓާރޯ މާޓިނޭޒެވެ. މި ލަނޑާއެކު އޭނާ ވަނީ މި ސީޒަންގައި އިންޓައަށް 20 ލަނޑު ކާމިޔާބުކޮށްދީފައެވެ. މި މެޗްގައި ރޯމާއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 85 ވަނަ މިނެޓްގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ހެންރިކް މިޚްޓާރިޔަންއެވެ.
މި ކާމިޔާބީއާއެކު އިންޓައަށް މިހާރު ވަނީ 33 މެޗުން 72 ޕޮއިންޓް ލިބި ރެއާއި ހަމައަށް އެއްވަނައިގައި އުޅުނު އޭސީ މިލާން މައްޗަށް އެއް ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. މިހާރު ލީގުގައި ކޮންމެ ޓީމަކަށްވެސް ބާކީ އޮތީ ފަސް މެޗެވެ. ނަމަވެސް މިރޭ ރަށުން ބޭރުގައި މިލާން އާއި ލާޒިއޯ ބައްދަލުކުރާ މެޗް މިލާނުން ކާމިޔާބުކޮށްފިނަމަ، އެއް މެޗް އިތުރަށް ކުޅެ އެ ޓީމަށް ޕޮއިންޓް ތާވަލްގެ އެއްވަނައަށް އެރޭނެއެވެ.
މީގެ އިތުރުން އިންޓަ އަތުން ބަލިވުމާއެކު ރޯމާ ވަނީ 12 މެޗަށްފަހު ފުރަތަމަ ފަހަރަށް ބަލިވެފައެވެ. އަދި މިވަގުތު އެ ޓީމު އުޅެނީ 34 މެޗުން ލިބިފައިވާ 58 ޕޮއިންޓާއެކު ތާވަލްގެ ފަސްވަނައިގައެވެ.