ކުޅިވަރު

ގްރީން އަތުން ބަލިވެ ވެލެންސިއާއިން ފުރުސަތު ނަގާލައިފި


އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ގްރީން ސްޓްރީޓްސް އަތުން ބަލިވެ ކުލަބު ވެލެންސިއާއިން ތާވަލުގެ ތިންވަނައަށް އަރަން ލިބުނު ފުރުސަތު ނަގާލައިފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗު ގްރީން އިން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން 43 ވަނަ ސިކުންތުގައި ގްރީން ސްޓްރީޓްސްއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. ވެލެންސިއާގެ ޑިފެންޑަރު ސަމްދޫހު މުޙައްމަދަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ މި ލަނޑު ގްރީންއަށް ކާމިޔާބު ކޮށްދިނީ އަންސަރު އިބްރާހީމް (އަންކޮ)އެވެ.

މި ލަނޑާއެކު ވެލެންސިއާއިން ގްރީންގެ ހާފަށް ބާރުބޮޑުކޮށް ހަމަލާއެއް އުފެއްދޭތޯ މަސައްކަތްކުރި ނަމަވެސް މާކަ އެދެވޭ ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ.

ކައުންޓަ އެޓޭކަށް ވިސްނައިގެން ކުޅުނު ގްރީނުން ވަނީ ފުރަތަމަ ހާފުގައި ވެލެންސިއާގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް އުފައްދައިފައެވެ. އެގޮތުން ގްރީންގެ ފޯވާޑް ހަސަން ނަޒީމް (ޗޯޓު)އަށް ވަނީ ލަނޑު ޖަހަން ރަނގަޅު ދެ ފުރުސަތެއްލިބި ބޭކާރުވެފައެވެ. އަދި މެޗުގެ 15 ވަނަ މިނެޓުގައި ގްރީންގެ ކެޕްޓަން ރިލްވާން ވަހީދު (ރިލޭ) އޭރިއާ ބޭރުން ފޮނުވާލި ނުރައްކާތެރި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.

މެޗުގެ 22 ވަނަ މިނެޓުގައި ގްރީން ސްޓްރީޓްސްއިން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ރިލޭއެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ވެލެންސިއާއިން ވަނީ ލަނޑު ޖަހާ ފަރަގު ކުޑަކޮށްފައެވެ. މެޗުގެ 30 ވަނަ މިނެޓުގައި ވެލެންސިއާއަށް މި ލަނޑު ކާމިޔާބުކޮށްދިނީ އަބްދުﷲ މިދުހަތު ފަހުމީ (ބިިޗަޑު)އެވެ.

މި ލަނޑަށްފަހު ވެލެންސިއާއިން ގްރީންގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް އުފެއްދިއިރު މެޗުގެ 42 ވަނަ މިނެޓުގައި ވެލެންސިއާއިން ވަނީ އިތުރު ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އެޓީމުގެ ސްޕެއިން ފޯވާޑް ބޯހާސް މާޓިންއެވެ.

ދެވަނަ ހާފު ފަށައިގެން ގްރީން ސްޓްރީޓްސްއިން ކުރިއަށް ޖެހި ވެލެންސިއާގެ ހާފަށް ބާރުބޮޑުކުރިއިރު، މި ހާފުގެ ކުރީކޮޅު ވެލެންސިއާގެ ބޯހަސްއަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

މި މެޗުގައި ގްރީންއިން ކާމިޔާބުކުރި ތިންވަނަ ލަނޑު މެޗުގެ 69 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ޗޯޓުއެވެ.

މި ނަތީޖާއާއެކު ވެލެންސިއާ ލީގު ތާވަލުގެ ހަތަރުވަނައިގައި އޮތީ ކުޅުނު 10 މެޗުން ލިބުނު 13 ޕޮއިންޓާއެކުގައެވެ. އަދި މިއީ މޮޅެއް ނުލިބި ވެލެންސިއާއިން ލީގުގައި ނިންމާލަން ޖެހުނު ފަސްވަަނަ މެޗެވެ. ލީގު ތާވަލުގެ އެއްވަނައިގައި އޮތް މާޒިޔާއަށް 10 މެޗުން 27 ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި އީގަލްސް އޮތީ ކުޅުނު ނުވަ މެޗުން ލިބުނު 22 ޕޮއިންޓާއެކުގައެވެ. އަދި ތިންވަނައިގައި އޮތް ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)އަށް 10 މެޗުން 14 ޕޮއިންޓް ވަނީ ލިބިފައެވެ.