ޚަބަރު

ރަޝިޔާގެ ވަރުގަދަ ޙަމަލާތަކެއް އޮދޭސާއަށް


ޔޫކްރެއިނުގެ ދެކުނުގައި އޮންނަ ކަޅު ކަނޑުގެ މުޙިއްމު ބަނދަރުމަތީ ރަށެއްކަމަށްވާ އޮދޭސާއަށް ރަޝިޔާއިން ވަރުގަދަ ޙަމަލާތަކެއް ދޭން ފަށައިފިއެވެ.

ފެބްރުއަރީ މަހުގެ 24ވަނަ ދުވަހުން ފެށިގެން ޔޫކްރެއިނުގައި ކުރަމުންދާ ހަނގުރާމައިގެ ދެވަނަ ފިޔަވަހީގައި އެ ޤައުމުގެ އިރުމަތީގައި އޮންނަ ދޮންބާސާއި ދެކުނުގެ ސަރަޙައްދުތައް ރަޝިޔާގެ ފައުޖުތަކުގެ ބާރުގެ ދަށަށް ގެންނާނެކަމަށް އެ ޤައުމުގެ އަސްކަރިއްޔާއިންވަނީ ބުނެފައެވެ. އެ ލަނޑުދަނޑި ޚާޞިލުކުރުމަށް ރަޝިޔާގެ ފައުޖުތަކުގެ ބާރުގެ ދަށަށް އޮދޭސާ ގެނައުމުގެ މަސައްކަތްވަނީ ފަށައިފައެވެ. ޔޫކްރެއިނުގެ އިރުމަތީގައި އޮންނަ ދޮންބާސާއި ދެކުނުގައި އޮންނަ ކުރައިމިޔާއާ ދެމެދު އޮތް ރަޝިޔާގެ ލަޝްކަރުތައް ޔޫކްރެއިނުގެ ހުޅަނގުގެ ސަރަޙައްދުތަކުގައި ޙަރަކާތްތެރިވާ ރަޝިޔާއަށް ވަފާތެރި ހަނގުރާމަވެރި ޖަމާޢަތްތަކާ ގުޅުވާލެވޭނީ ރަޝިޔާގެ ބާރުގެ ދަށަށް އޮދޭސާ ގެނެސްގެންނެވެ. އެއާއެކު ޔޫކްރެއިނުގެ އިރުމަތިންނާއި ދެކުނުންނާއި ހުޅަނގުން ރަޝިޔާގެ ބޮޑު އެއް ލަޝްކަރާ ކުރިމަތިލާންޖެހި ހަނގުރާމައިގެ އިތުރު މަރުޙަލާއެއް ފެށޭނެއެވެ.

ޔޫކްރެއިނުގެ ސަރުކާރުން ބުނެފައިވަނީ ރަޝިޔާގެ ބާރުގެ ދަށަށް އޮދޭސާ ގެނައުމުގެ ގޮތުން އެ ރަށަށް ވަރުގަދަ މިސައިލު ޙަމަލާތަކެއް ދެމުންދާކަމަށެވެ. އަދި އެ ޙަމަލާތަކުގެ ސަބަބުން މިލިޔަނެއްހާ މީހުން ދިރިއުޅޭ އޮދޭސާގެ އުމުރާނީ ވަޞީލަތްތަކަށް ގެއްލުންތަކެއް ލިބިފައިވާކަމަށް އެ ޤައުމުގެ ސަރުކާރުން ބުނެފައިވެއެވެ. އޭގެ އިތުރުން ދޮންބާސްގެ ދޮންޔެސްކުގެ މުޙިއްމު ރަށެއްކަމަށްވާ މެރިއުޕޯލުގެ ކާރުޚާނާއަކަށްވެސް ރަޝިޔާގެ ފައުޖުތަކުންވަނީ ޙަމަލާދީފައެވެ. ދިގުލައިގެންދިޔަ ގެއްލުންބޮޑު ހަނގުރާމައަކަށްފަހު ރަޝިޔާގެ ބާރުގެ ދަށަށް މެރިއުޕޯލް ގެނައި ނަމަވެސް އެ ކާރުޚާނާ އަދިވެސް އޮތީ ޔޫކްރެއިނުގެ ސިފައިންގެ ބާރުގެ ދަށުގައެވެ. ބެލެވޭ ގޮތުގައި އެ ކާރުޚާނާގައި ޔޫކްރެއިނުގެ ޢާއްމުންނާއި ސިފައިން ހިމެނޭހެން 1،500 މީހުން އެބަތިއްބެވެ.

ފާއިތުވި ދުވަސްތަކުގައި ޔޫކްރެއިނުގެ އިރުމަތީގެ ސަރަޙައްދުތަކުގައި ކުރަމުންދާ ހަނގުރާމަވެސްވަނީ ވަރުގަދަވެފައެވެ. އެ ގޮތުން ޔޫކްރެއިނުގެ ދެވަނައަށް އެންމެ ބޮޑުރަށްކަމަށްވާ ކާރްކީވަށް ހުއްޓުމެއްނެތި ރަޝިޔާގެ ފައުޖުތަކުން ދެމުންދާ ޙަމަލާތަކުގެ ސަބަބުން އެ ރަށަށްވެސްވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އޭގެ އިތުރުން ދޮންބާސްގެ ލުހާންސްކުގައިވެސް ރަޝިޔާގެ ފައުޖުތަކުންވަނީ ކުރިއެރުންތަކެއް ހޯދައިފައެވެ. އެއާއެކު އެ ސަރަހައްދުގައި ޙަރަކާތްތެރިވަމުންދާ ޔޫކްރެއިނުގެ ފައުޖުތައްވަނީ ފަހަތަށް ޖެހިފައެވެ.

44 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ޔޫކްރެއިނުގައި ފާއިތުވި ދެ މަސްދުވަހުގެ ތެރޭގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން އެތައް މިލިޔަން މީހުންގެ ގެދޮރުވަނީ ގެއްލިފައެވެ. އޭގެ ތެރެއިން ފަސް މިލިޔަން މީހުންވަނީ ޤައުމުދޫކޮށް ހިޖުރަކޮށްފައެވެ.