ޚަބަރު

ޔަހޫދީން އަޤްޞާއަށް ވަނުން ހުއްޓުވަން ޢަރަބި ލީގުން އިސްރާއީލަށް ގޮވާލައިފި


އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ އިރުމަތީ ޤުދުސްގައި ހުންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތްކަމަށްވާ މަސްޖިދުލް އަޤްޞާއަށް ޔަހޫދީން ވަނުން ހުއްޓުވަން ޢަރަބި ލީީގުން ގޮވާލައިފިއެވެ.

ރަމަޟާން މަހުގެ ތެރޭގައި އަޤްޞާގެ ޙުރުމަތްކެނޑުން އިތުރުވެފައިވަނިކޮށް ޢަރަބި ލީގުން ބުނެފައިވަނީ ކުރިޔަށް އޮތީ ރޯދަމަހުގެ ފަހު ދިހައެއްކަމަށާއި އެއީ ގިނަ ޢަދަދެއްގެ މުސްލިމުން އަޅުކަންކުރުމަށް އަޤްޞާއަށް ޖަމާވާނެ ދުވަސްތަކެއްކަމަށެވެ. އެހެންކަމުން އަޤްޞާއާއި އެ މިސްކިތް ހުންނަ ސަރަޙައްދުގައި ހަމަނުޖެހުން ނުހިނގާނެ ގޮތްތަކެއް ހަމަޖެއްސުމަށް އެ ޖަމުޢިއްޔާއިންވަނީ އިސްރާއީލަށް ގޮވާލައިފައެވެ. އަދި ޢަޤްޞާގައި އަޅުކަންކުރުމަށް ޖަމާވައި މުސްލިމުންނަށް ހުރަސްއަޅައި އެ މީހުންނަށް އަނިޔާވެރިކަމާއެކު ޙަމަލާދިނުމަށްފަހު އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުން ޔަހޫދީންނަށް ޙިމާޔަތްދީގެން މިސްކިތުގެ ޙުރުމަތްކަނޑަމުންދާކަމަށް ޢަރަބި ލީގުން ފާހަގަކޮށްފައިވެއެވެ. އެއީ މުސްލިމުންނާއި ޔަހޫދީންނާ ދެމެދު ކުރިމަތިލުމެއް ހިނގުމަށް ފުރުޞަތު ދިނުންކަމަށް އެ ޖަމުޢިއްޔާއިން ފާހަގަކޮށްފައިވެއެވެ.

22 ޤައުމުގެ މައްޗަށް އެކުލެވޭ ޢަރަބި ލީގުން ބުނެފައިވަނީ އަޤްޞާއަކީ ހަމައެކަނި މުސްލިމުން އަޅުކަންކުރަން ޚާއްޞަ މިސްކިތެއްކަން އިސްރާއީލުން ދަންނަންޖެހޭކަމަށެވެ. ބައިނަލްއަޤްވާމީ ޤަރާރުތަކުން އަޤްޞާގައި އަޅުކަންކުރުމުގެ ޙުއްދަދީފައިވަނީ ހަމައެކަނި މުސްލިމުންނަށެވެ. ޢަރަބި ލީގުން އިސްރާއީލާ ދެކޮޅަށް ތެދުވުމުގެ ކުރިން އެ ޤައުމުގެ ހަރުކަށި ސަރުކަރުން ބުނެފައިވާ ގޮތުގައި ހުރިހާ ދީނެއްގެ މީހުންނަށް އަޤްޞާ ހުންނަ ސަރަޙައްދުގައި އަޅުކަންކުރުމުގެ ފުރުޞަތު ދެމުންދާކަމަށެވެ. ނަމަވެސް ފަހުން އިސްރާއީލުން ބުނެފައިވަނީ އަޤްޞާ ހުންނަ ސަރަޙައްދުގައި ޔަހޫދީން އަޅުކަންކުރުން ހުއްޓުވަމުންދާކަމަށާއި ޢަރަބި ލީގުން ކޮށްފައިވަނީ ދޮގު ތުޙުމަތުތަކެއްކަމަށެވެ. އަދި ފާއިތުވި އަހަރުތަކުގެ ރޯދަމަހުގެ ފަހު ދިހައެއްގައި އެ ސަރަޙައްދުގައި ޔަހޫދީން އަޅުކަންކުރުމަށް ފުރުޞަތުދީފައިނުވާނެކަމަށްވެސް އެ ޤައުމުން ބުނެފައިވެއެވެ. އިސްރާއީލުން އެހެން ބުނި ނަމަވެސް މިދިޔަ ރަމަޟާން މަހުގެ ތެރޭގައި ޢަޤްޞާގައި އަޅުކަންކުރުމަށް ޖަމާވައި މުސްލިމުންނަށް ހުރަސްއަޅައި އެ މީހުންނަށް ޙަމަލާދީ ލާއިންސާނީ އަނިޔާތައް ޔަހޫދީން ދީފައިވެއެވެ. އެއާއެކު ފަލަސްޠީނުގެ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން ޔަހޫދީ އާބާދީތަކަށް ވަރުގަދަ މިސައިލް ޙަމަލާތަކެއް ދީފައިވެއެވެ.

1967ވަނަ އަހަރުގެ ތެރޭގައި ޢަރަބިންނާއި ޔަހޫދީން ކުރި ހަނގުރާމާގައި އިރުމަތީގެ ޤުދުސްވަނީ އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައެވެ. އަދި ޤުދުސްސަކީ އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ކަނޑައެޅުމަށް ހަރުކަށި ޔަހޫދީންވަނީ މަސައްކަތް ފަށައިފައެވެ. ނަމަވެސް އެއީ ބައިނަލްއަޤްވާމީ ބަލައިގެންފައިވާ ނިންމުމެއް ނޫނެވެ.