ޚަބަރު

ލަންކާއަށް ބޭނުންވާ ޒަރުރީ ސާމާނު ގަންނަން ދެ ބިލިޔަން ޑޮލަރު ބޭނުންވޭ


ސުރީ ލަންކާއަށް ބޭނުންވާ ޒަރުރީ ސާމާނު ގަންނަން ދެ ބިލިޔަން ޑޮލަރު ބޭނުންވާކަމަށް އެ ޤައުމުގެ މާލީ ވަޒީރު ޢަލީ ޞަބްރީ ވިދާޅުވެއްޖެއެވެ.

ސުރީ ލަންކާއަށް ކުރިމަތިވެފައިވާ ނާޒުކު އިޤްތިޞާދީ ޙާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޞަބްރީ ވިދާޅުވީ އެ ޤައުމަށް ކޮންމެހެންވެސް ބޭނުންވާ ދެ ބިލިޔަން އެމެރިކާ ޑޮލަރު އިންޑިޔާއިންނާއި ވޯލްޑު ބޭންކުން ހަމަޖައްސާދޭނެކަމުގެ އުއްމީދު ބޮޑުކަމަށެވެ. ޞަބްރީ ވިދާޅުވި ގޮތުގައި ވޯލްޑު ބޭންކާއެކު ކުރަމުންދާ މަޝްވަރާތަކުން 500 މިލިޔަން އެމެރިކާ ޑޮލަރު ކުރިޔަށް އޮތް ހަތަރު ހަފުތާއާ ހަ މަސްދުވަހުގެ ތެރޭގައި ލިބޭނެކަމުގެ އުއްމީދު އައުވެފައިވާކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ފައިސާ ބޭނުންކުރާނީ އެ ޤައުމުގެ ފަޤީރުންގެ ޙާލަތު ރަނގަޅުކުރުމަށެވެ. އަދި އިންޑިޔާއިންވަނީ އިތުރު 1.5 ބިލިޔަން އެމެރިކާ ޑޮލަރު ދޭނެކަމުގެ ޔަޤީންކަން ދީފައިވާކަމަށާއި އެއީ ސުރީ ލަންކާއަށް ބޭނުންވާ ޒަރުރީ ސާމާނު ގަތުމަށް ލިބުނު ބޮޑު އެހީއެއްކަމަށް އޭނާވަނީ ވިދާޅުވެފައެވެ.

22 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ސުރީ ލަންކާއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ އަޑިގަނޑުން އަރައިގަތުމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯއްދެވުމަށް ޞަބްރީ ހުންނެވީ އެމެރިކާގެ ވެރިރަށް ވޮޝިންޓަނުގައެވެ. އެ ގޮތުން ބައިނަލްއަޤްވާމީ މާލީ އިދާރާއާއެކު ކުރެއްވި މަޝްވަރާތަކުގައި އޭނާވަނީ ކުރިޔަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި ތިނެއް ނުވަތަ ހަތަރު ބިލިޔަން އެމެރިކާ ޑޮލަރު ބޭނުންވާކަމަށް ވިދާޅުވެފައެވެ. އަދި އެ ފައިސާއަކީ އެ ޤައުމުން ދައްކަން ޖެހޭ ދަރަނިތައް ދައްކަން ކޮންމެހެންވެސް ބޭނުންވާ ޢަދަދެއްކަމަށް އޭނާ ވިދާޅުވެފައިވެއެވެ. އޭނާ ވިދާޅުވި ގޮތުގައި ސުރީ ލަންކާއަށް ބޭނުންވާ ފައިސާ ހޯދުމަށް އެ ޤައުމުން ތިން ސިޔާސަތެ ގެންގުޅެއެވެ. އެ ގޮތުން ރަޙުމަތްތެރި ޤައުމުތަކުން އެހީތެރިކަން ހޯދުމާއި ބޭރުގެ މާލީ އިދާރާތަކުން އެހީތެރިކަން ހޯދުމާއި ބޭރުގެ އެކި ފަރާތްތަކަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުން ފަސްކުރުމަށް އެދުން ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.

ދިގު މުއްދަތަކަށް ބަހާލައިގެން ބޭރުގެ އެކި ފަރާތްތަކަށް ސުރީ ލަންކާއިން 51 ބިލިޔަން އެމެރިކާ ޑޮލަރު ދައްކަން އެބައޮތެވެ. އޭގެ ތެރެއިން އަންނަ ޖުލައި މަހުގެ ތެރޭގައި އެއް ބިލިޔަން އެމެރިކާ ޑޮލަރު ދައްކަން ޖެހެއެވެ. ސުރީ ލަންކާއިންވަނީ ދަރަނިތައް ދެއްކުމުގައި ލުއި ގޮތްތަކެއް ހޯދުމަށް ޗައިނާއާއި ޖަޕާނާއި އޭޝިޔަން ޑެވެލޮޕުމެންޓު ބޭންކު، އޭޑީބީގެ އެހީތެރިކަމަށް އެދިފައެވެ.