ކުޅިވަރު

ލިވަޕޫލާ އެއްވަރުވުންވެސް އެއީ ރަނގަޅު ނަތީޖާއެއް: ލަމްޕާޑް


އިނގިރޭސި ޕްރިމިއާ ލީގުގައި މާދަމާ ރޭ ލިވަޕޫލާއި އެވަޓަން ބައްދަލުކުރާ މެޗް އެއްވަރުވުމަކީ ވެސް ރަނގަޅު ނަތީޖާއެއްކަމަށް އެވަޓަންގެ ކޯޗް ފްރޭންކް ލެމްޕާޑް ހާމަކޮށްފިއެވެ.

އޭނާ މިކަން ހާމަކޮށްފައިވަނީ މިމެޗްގެ ކުރިން ނޫސްވެރިންނާއި ވާހަކަދައްކަމުންނެވެ.

ތާވަލްގެ 17 ވަނައިގައި މިވަގުތު އޮތް އެވަޓަން އާއި މިދިޔަ އަހަރުގެ އޯގަސްޓް މަހުން ފެށިގެން ރަށުން ބޭރުގައި މޮޅުވެފައެއްނުވެއެވެ. އަދި މިމެޗް ފެށުމުގެ ކުރިން ރެލިގޭޝަން ޒޯނަށް ވެއްޓުމުގެ ބިރުވެސް އެބައޮތެވެ. ލެމްޕާޑް ހާމަކުރިގޮތުގައި މިދައްކަނީ މެންޗެސްޓަރ ޔުނައިޓެދް ކޮލަށް ހަތަރު ލަނޑު ޖެހި ޓީމެއްގެ ވާހަކަ ކަމަށާއި ލިވަޕޫލަކީ ވަރަށް ވަރުގަދަ ޓީމެއް ކަމުން މިމެޗުން އެއްޕޮއިންޓް ލިބުނަސް ހިތްހަމަ ޖެހޭނެކަމަށެވެ. ލިވަޕޫލްވަނީ އެޓީމް އެންމެފަހުން ކުޅުނު 12 މެޗްގެ ތެރެއިން 11 މެޗުން ވަނީ މޮޅުވެފައެވެ. އަދި ތާވަލްގެ ދެވަނައިގާ އޮތީ މެންޗެސްޓަރ ސިޓީއަށް ވުރެ އެންމެ ޕޮއިންޓް މަދުން ލިބިގެންނެވެ. ލެމްޕާޑް އެންމެފަހުން ލިވަޕޫލްގެ ދަނޑަށް ގޮސްފައިވަނީ ޗެލްސީ އާއެކު 2020 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އެމެޗް 5 ލަނޑު 3 ލަނޑުން ކާމިޔާބުކުރީ ލިވަޕޫލެވެ.

ތާވަލްގެ ދެ ފަޅީފައި ދެތީމް އޮތް ނަމަވެސް 240 ވަނަ މަރސީސައިޑް ޑަރބީ އަކީ މިހާތަނަށް ކުޅެފައިވާ ޑަރބީތަކުގެ ތެރެއިން ދެޓީމަށްވެސް މޮޅުވުން އެންމެ މުހިންމު އެއްމެޗަށް ވެގެންދާނެކަމަށް ވެއެވެ. ލިވަޕޫލް މޮޅުނުވެވިއްޖެނަމަ ލީގު އަތުން ބީވެގެން ދިއުމުގެ ބިރު އޮތް އިރު އެވަޓަން ބަލިވެއްޖެނަމަ ކްލަބްގެ ތާރީހްގައި ފުރަތަމަ ފަހަރަށް ރެލިގޭޓް ވުމުގެ ބިރާވަނީ އެޓީމަށް ކުރިމަތިވެފައެވެ. އެހެން ކަމުން މިދެތީމްގެ މެދުގައި މިވަގުތު ވަރަށް ބޮޑު ތަފާތެއް ހުރިކަމަށް ވިޔަސް ގިނަ ބަޔަކު ގަބޫލް ކުރާގޮތުގައި މިއީ ފޯރިގަދަ ކުޅުމެއް ފެނިގެންދިއުން ވަރަށް ގާތް މެޗެކެވެ.