އިނގިރޭސި ވިލާތުން ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު މައްޗަށްޖެހި ބޮޑު ކުރިއެރުމެއް ލިބިއްޖެއެވެ.
މި އަހަރުގެ މިހާތަނަށް އިނގިރޭސިވިލާތުން ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ ޢަދަދަކީ ކޯވިޑުގެ ކުރިން 2019ވަނަ އަހަރުގެ މި މުއްދަތުގައި އެޤައުމުން ރާއްޖެއަށް އައި ފަތުރުވެރިންގެ ޢަދަދާ އަޅާ ބަލާއިރު 42.4 އިންސައްތަ އިތުރު އަދަދެއް ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީވެސް އިނގިރޭސި ވިލާތުންނެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް އިނގިރޭސިވިލާތުން ރާއްޖެއަށް ވަނީ 69808 ފަތުރުވެރިން އައިސްފައެވެ. މި ޢަދަދު 2019ގެ އޭޕްރީލްމަހުގެ ނިޔަލަށް ހުރީ 48992ގައެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިިހާތަނަށް ރާއްޖެއަށް ޖުމްލަ 531019 ފަތުރުވެރިން އައިސްފައިވާއިރު މީގެތެރެއިން %13.1 ހިއްސާކުރަނީ އިނގިރޭސިވިލާތުގެ ފަތުރުވެރިންނެވެ. ރާއްޖެއަށް އެންމެ ގިނަ ޢަދަދަކަށް ފަތުރުވެރިން އަންނަ ޤައުމުގެ މަޤާމު އިނގިރޭސިވިލާތުން ހޯދާފައިވަނީ، ރާއްޖެއަށް މިހާރު ދެވަނައަށް އެންމެ ގިނަ ޢަދަދަކަށް ފަތުރުވެރިން އަންނަ ޤައުމުކަމުގައިވާ އިންޑިއާއާ އަޅާބަލާއިރު، 10404 ފަތުރުވެރިންގެ ފަރަޤާ އެކުއެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެތެރޭ އިނގިރޭސިވިލާތުން ރާއްޖެއަށް އައިސްފައިވަނީ 62777 ފަތުރުވެރިންނެވެ. އެހެންކަމުން އަހަރުގެ މިހާތަނަށް އެޤައުމުން ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ ޢަދަދު މިވަނީ މިިދިޔަ އަހަރުއައި ޖުމްލަ ޢަދަދު ހުރަސްކޮށްފައެވެ.
އިނގިރޭސިވިލާތުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދުތައް އިތުރުވަމުންދާއިރު، ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ސަރުކާރާއި އަމިއްލަ ކުންފުނިތަކުންދަނީ ގިނަ މަސައްކަތްކެއް ކުރަމުންނެވެ. އެގޮތުން ދުނިޔޭގެ އެކި ހިސާބުތަކުގައި ބާއްވާ ފެއަރތަކާއި ރޯޑު ޝޯވްތަކުގައި ބައިވެރިވެ ރާއްޖޭގެ ފަތުރުވެރިކަމާއި ގުޅޭ މައުލޫމާތުތައް ދަނީ ހިއްސާކުރަމުންނެވެ.