ޚަބަރު

ހަނގުރާމައިގެ ސަބަބުން އިގްތިޞާދަށް އަރާފާނެ ލޮޅުންތަކަށް ސަރުކާރު އޮތީ ސަމާލުވެގެން: ފައްޔާޟް


ރަޝިޔާއާއި ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން އިގްތިޞާދަށް އަރާފާނެ ލޮޅުންތަކަށް ސަރުކާރު އޮތީ ސަމާލުވެގެންކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ފައްޔާޟް އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ފައްޔާޒު މިހެން ވިދާޅުވެފައި މިވަނީ ރަޝިޔާއާއި ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން އެ ސަރަހައްދުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުވެސް ކުރިއާ އަޅާބަލާއިރު މަދުވެފައިވާ ދަނޑިވަޅެއްގައެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން އިގްތިޞާދީ ތަރައްގީއާ ބެހޭ ވަޒީރު ފައްޔާޟް އިސްމާއިލް ވިދާޅުވީ ރަޝިޔާއާއި ޔޫކްރެއިން ހަނގުރާމަ ދިގު ދެމިގެންދާކަމުގައިވާނަމަ ދަތިތަކެއް ކުރިމަތިވާނެކަމަށާއި، އެހެންކަމުން ހާލަތު ވަރަށް ގާތުން ބަލަމުންދާކަމަށެވެ. އަދި އިތުރަށް ކުރަންޖެހޭނީ ކޮންކަމެއްތޯ ދިރާސާކުރަމުންދާކަމަށްވެސް މިނިސްްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ކޯވިޑާއެކު ޝިޕިންގ އިންޑަސްޓްރީއަށް ލޮޅުންތަކެއް އަރާފައިވާއިރު، މިހާރު ކުރިއަށްދާ ހަނގުރާމައިގެ ސަބަބުންވެސް އެ ސިނާއަތަށް ބޮޑު ލޮޅުމެއް އަރާފައިވާކަމަށެވެ.

"ކޯވިޑާއެއްކޮށް ވަރަށް ބޮޑު ލޮޅުމެއް އަރާފައި މިއޮތީ ޝިޕިންގއަށް. ދެން އެނގިވަޑައިގަންނަވާނެ 2000 ޑޮލަރަށް ގެނެވޭ ކޮންޓެއިނަރުތައް 6000 ޑޮލަރަށް އަރައިގެން ގޮސްފައި ހުރިކަން ކޯވިޑަށްފަހު. އެ އަނެއްކާވެސް ދަށަށް ޖަހާލާފައި އޮތްވާ ރަޝިޔާ ހަނގުރާމަ އައީމަ ވަރަށް ބޮޑެތޮ ލޮޅުންތަކެއް އެބަހުރި. މުޅި ޔޫރަޕްގެ ޝިޕިންގ ލޮޖިސްޓިކްސްއަށް ވަރަށް ބޮޑު ބުރޫއެއް އަރައިފި. އެއީ ޔޫކްރެއިން ޕޯޓާއި ބްލެކް ސީ އާ އެތަންތަނުގެ މޫވްމަންޓްސް ހުރި ގޮތާއި އެކަހަލަ ހަނގުރާމައެއް ތެރޭގައިވީމަ ޝިޕިންގއަށް އަންނާނެ ވަރަށް ބޮޑު ލޮޅުންތައް އެބަހުރި" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ފައްޔާޟް ވިދާޅުވީ ޝިޕިންގެ އިތުރުން ބައެއް ކަހަލަ ތަކެތި ހޯދުމުގައިވެސް ދަތިތަކެއް އުޅޭކަމަށެވެ. އެގޮތުން ކޮންސްޓަރަކްޝަނަށް ބޭނުންވާ ސާމާނާއި، ތެލާއި ބައެއް ކަހަލަ ކާބޯތަކެތި މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ހާއްސަކޮށް ކޮންސްޓްރަކްޝަން މެޓީރިއަލްއާއި ކާބޯތަކެތީގައި. އަދި އޭގެއިތުރުން ތެޔޮ އަގުބޮޑުވުން، އެހެންވީމަ ތެޔޮ އަގުބޮޑުވީމަ ހުރިހާ އެއްޗެއް އަގުބޮޑުވެގެންދާނެ. އޭގެ ލޮޅުން އަޅުގަނޑުމެންނަށް އެބަ އަރާ. މި ދޭތެރެއިން މަސްވެރިންނަށް އެ ދިމާވި ކަންކަމުގައި ތެޔޮ އަގުބޮޑުވުމަކީވެސް އޭގެ ކަންކަން. ޔޫކްރެއިންއަކީ އަޅުގަނޑުމެންގެ ފުޑް ސަޕްލައިގެ ވަރަށް ބޮޑު ހިއްސާއެއްވާ ޤައުމެއް. ހާއްސަކޮށް ކުކުޅުކަހަލަ އެއްޗެހީގެ ވަރަށް ބޮޑު ހިއްސާއެއް އެބަކުރޭ. ތި ބޭފުޅުންނަށްވެސް ފާހަގަކުރެވޭނެ ކުކުޅުގެ އަގު ވަރަށް ބޮޑުވެގެން ގޮސްފައި ހުރިކަން" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ފައްޔާޟް ވިދާޅުވީ ރަޝިޔާއާއި ޔޫކްރެއިން ހަނގުރާމައަށް ވާނީ ކިހިނެތްކަން ކަށަވަރުވާއިރު، ރައްޔިތުންނާއި ވިޔަފާރިތަކުންވެސް ސަމާލުވެ ތިބެންޖެހޭކަމަށެވެ. އަދި އިސްރާފުނުކޮށް، ރަނގަޅު ކަންކަމަށް ހަރަދުކުރުމާއި، .ވިޔަފާރިތަކުންވެސް ގެއްލުންވިހާވެސް ކުޑަވާނެ ގޮތަކަށް އިންވެސްޓްކުރުން މުހިއްމުކަން މިނިސްްޓަރ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންނަށް އޮންނާނެ އެންމެ ބޮޑު އެއް ގޮންޖެހުން އެއީ ދަރަނި ހޯދުމާއި މެނޭޖްކުރުން. އަޅުގަނޑުމެން ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް އޭގެ އުނދަގޫތަކެއް ނާންނާނެ މިންވަރެއްގައި ތަރައްގީގެ މަޝްރޫޢުތަކާއި ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމަށް އެކުރަންޖެހޭ ކަންތައްތަކެެއް ކުރަމުންދާނަން" މިނިސްޓަރ ވިދާޅުވިއެވެ.

ރަޝިޔާއާއި ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ވަނީ ބޮޑެތި ލޮޅުންތަކެއް އަރާފައެވެ. އަދި ކޯވިޑުން އަރައިގަނެ، އިގްތިސާދީގޮތުން ލިބޭނެކަމަށް ލަފާކުރި ކުރިއެރުންތައްވެސް ހަނގުރާމައިގެ ސަބަބުން މަޑުޖެހިގެންދާނެކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ. އެހެންކަމުން ރާއްޖޭގެ އިތުރުން ދުނިޔޭގެ އެހެން ގައުމުތަކުންވެސް ދަނީ ރަޝިޔާއާއި ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން އަންނާނެ އިގްތިސާދީ ލޮޅުންތަކަށް ތައްޔާރުވަމުންނެވެ..