ކުޅިވަރު

ދަ ގްރާންޑޭ ބަލިކޮށް މާޒިޔާ އެއްވަނައިގައި ހަމަޖެހިލައިފި


އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާއިން ދަ ގްރާންޑޭ ބަލިކޮށް އެއްވަނައިގައި ފަސް ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި ހުކުރު ދުވަހުގެރޭ ކުޅުނު މެޗު މާޒިޔާއިން ކާމިޔާބުކުރީ ފަސޭހަކަމާއެކު 5-0 ގެ ނަތީޖާއަކުންނެވެ.

މުޅި މެޗު އެއްކޮށް މާޒިޔާއިން ކޮންޓްރޯލްކޮށްގެން ކުޅުނުއިރު މެޗުގެ ވަރަށް ކުރީކޮޅު އެޓީމުން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މެޗުގެ ހަތަރުވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ނާއިޒް ހަސަން (ދާދު)އެވެ.

މި ލަނޑަށްފަހު ވެސް މާޒިޔާއިން ވަނީ ފުލުފުލުގައި ދަ ގްރާންޑޭގެ ގޯލަށް ނުރައްކާކޮށްފައެވެ. މާޒިޔާއިން ކާމިޔާބުކުރި ދެވަނަ ލަނޑު މެޗުގެ 22 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ސާބިއާގެ ޑިފެންޑަރު ނަމާންޏާ ކާޓަލްއެވެ. އޭގެ ފަހުން މެޗުގެ 34 ވަނަ މިނެޓުގައި ހަމްޒާ މުޙައްމަދު (ހަމްޕު) ވަނީ ލަނޑު ޖަހާ މާޒިޔާގެ ލީޑު ފުޅާކޮށްދީފައެވެ. މިއީ ދާދުގެ އެހީތެރިކަމާއެކު ހަމްޕު ކާމިޔާބުކުރި ލަނޑެކެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން މާޒިޔާގެ ހަތަރު ވަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ސެއިން ވިންސެންޓްގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ)އެވެ.

ދެވަނަ ހާފުގައި ދަ ގްރާންޑޭއިން ކުޅުން ރަނގަޅުކުރި ނަމަވެސް މާޒިޔާގެ ގޯލަށް ނުރައްކާކޮށް ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ހަމްޕު ޖެހި ލަނޑު ވަނީ އޮފްސައިޑް ވެފައެވެ. އޭގެ ފަހުން މެޗުގެ 68 ވަނަ މިނެޓުގައި ހަމްޕު ފޮނުވާލި ހަމަލާ ދަ ގްރާންޑޭގެ ކީޕަރު އަތުގައި ޖެހިފައި އަމާޒުވީ ހުރަސްދަނޑިއަށެވެ.

މާޒިޔާއިން ކާމިޔާބުކުރި ފަސްވަނަ ލަނޑު މެޗުގެ 79 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި އަސަދުﷲ އަބްދުﷲއެވެ. އޭގެ ފަހުންވެސް އަސަދުﷲ އަށް ވަނީ ލީޑު ފުޅާކުރަން ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

މި ނަތީޖާއާއެކު މާޒިޔާއިން ލީގު ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު 10 މެޗުން ލިބުނު 27 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް އީގަލްސްއަށް ނުވަ މެޗުން 22 ޕޮއިންޓް ލިބިފައިވާއިރު ތިންވަނައިގައި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އޮތީ ކުޅުނު 10 މެޗުން ލިބުނު 14 ޕޮއިންޓާއެކުގައެވެ. މި މެޗުން ބަލިވި ދަ ގްރާންޑޭ މިހާތަނަށް ލީގުގައި ކުޅުން އެއްވެސް މެޗަކުން މޮޅުވެފައި ނުވާއިރު ލީގު ތާވަލުގެ ފުލުގައި އެ ޓީމު އޮތީ ކުޅުނު 10 މެޗުން ލިބުނު އެއް ޕޮއިންޓާއެކުގައެވެ.