ޚަބަރު

ދިވެހި އަންހެނުންނަށް ކުރައްވާ އިތުބާރު ރައީސް ޞާލިޙު ވަނީ ޘާބިތުކޮށްދެއްވާފައި: މާރިޔާ


ޑިފެންސް މިނިސްޓަރަކަށް އަންހެނެއް އައްޔަންކޮށް، ދިވެހި އަންހެނުންނަށް ކުރައްވާ އިތުބާރާއ އިހްތިރާމް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ޘާބިތުކޮށްދެއްވާފައިވާކަމަށް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މާރިޔާ މިހެން ވިދާޅުވީ، 130 ވަނަ ސިފައިންގެ އަހަރީ ދުވަހާ ގުޅިގެން، "މިނިސްޓަރުގެ ގަލަންކޮޅުން" މިނަމުގައި މިނިސްޓްރީ އޮފް ޑިފެންސުން އާންމުކޮށްފައިވާ ލިޔުމެއްގައެވެ.

މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވީ، މިއީ ދިވެހި ތާރީޙުގައިވެސް ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރަން މަތިކޮށްފައިވާ ދިފާޢީ ވުޒާރާ ހިންގުމުގެ މަތިވެރި ޒިންމާ އަންހެނަކާއި ހަވާލުކުރެވުނު ފުރަތަމަ ފަހަރުކަމަށެވެ.

މިލިޔުމުގައި މިނިސްޓަރ މާރިޔާ ވަނީ، މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ގޮތުގައި އެމަނިކުފާނާ މަތިވެފައިވާ އެންމެ އިސް ވާޖިބަކީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމާއި އަމާން، ޞުލްޙަވެރި މާޙައުލެއް ދިވެހި ރައްޔިތުންނަށް ހޯދައިދިނުން ކަމަށް ވިދާޅުވެފައިވާކަން ފާހަގަކުރައްވާފައެވެ. އަދި މިކަން ކަށަވަރުކުރުމުގައި ދިވެހިރާއްޖޭގެ ދިފާޢީ އައްޑަނަކަމަށްވާ ދިވެހި ސިފައިންގެ ފުރާނަޔާއި ނިންޖާއި އަރާމު ވަޤުފްވެފައިވާކަމަށް އެމަނިކުފާނު ވިދާޅުވެފައިވާކަން ފާހަގަކުރައްވާފައެވެ.

ރައީސް ޞާލިޙްގެ އެންމެ އިސް ވާޖިބުކަމަށްވާ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރަން މަތިކޮށްފައިވާ ދިފާޢީ ވުޒާރާ ހިންގުމުގެ މަތިވެރި ޒިންމާ، ދިވެހި ތާރީޚުގައި، ފުރަތަމަ ފަހަރަށް އަންހެން ވަޒީރަކާ ޙަވާލުކުރައްވާ، ދިވެހި އަންހެނުންނަށް އެމަނިކުފާނު ކުރައްވާ އިތުބާރާއި އިޙްތިރާމް ޢަމަލުފުޅުން ޘާބިތުކޮށްދެއްވި ކަމަށްޓަކައި، ޤައުމުގެ ހުރިހާ އަންހެން ބޭފުޅުންގެ ނަމުގައި މިނިސްޓަރ މާރިޔާވަނީ ރައީސް ޞާލިޙަށް ޝުކުރުއަދާކުރައްވާފައެވެ. އަދި ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި، ސިފައިން ހޯދި ކާމިޔާބީތަކުގެ ފަހަތުގައިވަނީ ރައީސް ޞާލިޙް ސިފައިންގެ ކަންކަމަށް ދެއްވާ ޚާއްޞަ އަޙައްމިއްޔަތުކަން ޝުކުރާއެކީ ފާހަގަކުރައްވާކަމަށްވެސް މިނިސްޓަރ މާރިޔާވަނީ ވިދާޅުވެފައެވެ.

ސިފައިންގެ ދުވަހުގެ މިއަހަރުގެ ޝިޢާރަކީ "ޤައުމުގެ އަމާންކަން - ސިފައިންގެ އަމާޒު" އެވެ.

ސަލާމަތީ ބާރެއްގޮތުގައި ރަސްމީކޮށް ދިވެހި ސިފައިންގެ ޚިދުމަތް ރާއްޖޭގައި ދޭންފަށާފައި ވަނީ މީލާދީން 1892 ވަނަ އަހަރުގެ އޭޕްރީލް މަހުގެ އެކާވީސްވަނަ ދުވަހުއެވެ.

ދިވެހި ސިފައިންގެ ޚިދުމަތަށް 130 އަހަރު ފުރުން ފާހަގަކުރަމުންދާއިރު، ސިފައިންގެ ޚިދުމަތް ޤާއިމުކުރެވުނު ދުވަހުން ފެށިގެން މިއަދާ ހަމައަށްވަނީ ބޮޑެތި ކުރިއެރުންތައް ލިބިފައެވެ. ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ޢަސްކަރީ ތަމްރީން ލިބިފައިވާ ސިފައިން ދިވެހި ސިފައިންގެ ތެރޭގައި ހިމެނޭކަން ފާހަގަކުރެވެއެވެ.