ޚަބަރު

ޔޫކްރެއިނުގެ ފައުޖުތައް އިނގިރޭސިވިލާތުގައި ތަމުރީނުކުރަނީ


ރަޝިޔާގެ ވަރުގަދަ ޙަމަލާތައް ދިފާޢުކުރުމުގައި ޙަރަކާތްތެރިވާ ޔޫކްރެއިނުގެ ފައުޖުތައް އިނގިރޭސިވިލާތުގައި އަސްކަރީ ތަމުރީނުތައް ފުރިހަމަކުރަން ފަށައިފިއެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަން ފާހަގަވެފައިވަނީ ހަނގުރާމާގައި ޔޫކްރެއިނަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުންދާ ޤައުމަށެވެ. ދާދިފަހުން އިނގިރޭސިވިލާތުގެ ޤާނޫނުހަދާ މަޖިލީހުގައި ތަޤުރީރުކުރައްވަމުން ޔޫކްރެއިނުގެ ރައީސް ވޮލޮދީމީރް ޒެލެންސްކީވެސްވަނީ ޖޮންސަން ދެއްވައި އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވައި ޝުކުރުޢަދާކުރައްވައިފައެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ ރަސްމީ އިދާރާއިން ބުނެފައިވަނީ އެ ޤައުމުގެ ދިފާޢީ ވުޒާރާގެ ބެލުމުގެ ދަށުން ޔޫކްރެއިނުގެ ފައުޖުތައް ތަމުރީންުކުރުމަށް ނިންމާފައިވާކަމަށެވެ. އަދި ޔޫކްރެއިނުގެ ފައުޖުތައް ތަމުރީނުކުރާނީ ފާއިތުވި ދުވަސްތަކުގައި އިނގިރޭސިވިލާތުން ފޯރުކޮށްދީފައިވާ ހަތިޔާރުތައް ބޭނުންކުރުމަށްކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ. އެ ގޮތުން އިނގިރޭސިވިލާތުންވަނީ ޔޫކްރެއިނަށް 120 އަސްކަރީ އުޅަނދު ފޯރުކޮށްދީފައިވާކަމަށާއި އެއީ ކުރިން ޔޫކްރެއިނުގެ ސިފައިން ބޭނުންކޮށްފައިނުވާ އުޅަނދުތަކެއްކަމަށްވެސް އެ އިދާރާއިން ފާހަގަކޮށްފައިވެއެވެ. އޭގެ އިތުރުން އިނގިރޭސިވިލާތުންވަނީ ހަނގުރާމަމަތީ މަތިންދާބޯޓާއި މަނަވަރާއި ޓޭންކަރާ ދެކޮޅަށް ބޭނުންކުރާ ހަތިޔާރު ޔޫކްރެއިނަށް ފޮނުވައިފައެވެ.

2014ވަނަ އަހަރުގެ ތެރޭގައި ރަޝިޔާގެ ބާރުގެ ދަށަށް ޔޫކްރެއިނުގެ ދެކުނުގައި އޮންނަ ކުރައިމިޔާ ގެނައުމުން އިނގިރޭސިވިލާތުންވަނީ ޔޫކްރެއިނުގެ ފައުޖުތައް ތަމުރީނުކުރަން ފަށައިފައެވެ. ނަމަވެސް މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ރަޝިޔާއިން ޔޫކްރެއިނަށް ޙަމަލާދިނުމުގެ ކުރިން އެ ޤައުމުގައި ތިބި އިނގިރޭސިވިލާތުގެ ހުރިހާ އަސްކަރީ މުޝީރުންވަނީ އެނބުރި ޤައުމަށް ގެނެސްފައެވެ.

އެމެރިކާއިންވެސްވަނީ ޔޫކްރެއިނަށް 3.6 ބިލިޔަން އެމެރިކާ ޑޮލަރުގެ ހަތިޔާރު ދިނުމަށް ނިންމައި އެ ޤައުމުގެ ފައުޖުތައް ތަމުރީނުކުރަން ފަށައިފައެވެ. ނަމަވެސް އެމެރިކާގެ ތަމުރީނުތައް ބާއްވަނީ ޔޫކްރެއިނާ އަވަށްޓެރި ޤައުމުތަކުގައެވެ.