ޚަބަރު

ޖޮންސަން މަޖިލީހަށް އިތުރުފުޅުހެއްދެވި މައްސަލަ ތަޙުޤީޤުކުރަނީ


އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ޖޮންސަން އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގައި އޮޅުވާލައްވައި އިތުރުފުޅުހެއްދެވި މައްސަލަ ތަޙުޤީޤުކުރަން ނިންމައިފިއެވެ.

ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް 2020ވަނަ އަހަރުގެ ތެރޭގައި އިނގިރޭސިވިލާތުގައި ފުރަބަންދު އިޢުލާންކޮށްފައިވަނިކޮށް ޕާޓީއެއް ބޭއްވެވިކަން ހާމަވުމުން އެ ޤައުމުގެ ފުލުހުންވަނީ ޖޮންސަން ޖޫރިމަނާކޮށްފައެވެ. އެއާއެކު ޖޮންސަންވެފައިވަނީ ވެރިކަމުގައި ހުންނަވައި ޤާނޫނާއި ޤަވައިދާ ޚިލާފަށް ޢަމަލުކުރެއްވިކަން ސާބިތުވި އިނގިރޭސިވިލާތުގެ ފުރަތަމަ ބޮޑުވަޒީރަށެވެ.

އިނގިރޭސިވިލާތުގެ ފުލުހުންވަނީ ޖޮންސަންގެ އިތުރުން އޭނާގެ އަނބިކަނބަލުންނާއި އެ ޤައުމުގެ މާލީ ވަޒީރު ރިޝީ ސުނާކް ޖޫރިމަނާކޮށްފައެވެ. ޖޮންސަން ވިދާޅުވި ގޮތުގައި އޭނާ ކުރެއްވީ ޤާނޫނާއި ޤަވައިދާ ޚިލާފު ޢަމަލެއްކަމެއް ކުރިން އެނގިވަޑައިނުގަންނަވާކަމަށެވެ. އަދި އެ މައްސަލާގައި އޭނާވަނީ އެކި ފަހަރުގެމަތިން ތަފާތު ގޮތްގޮތަށް ވާހަކަފުޅުދައްކަވައިފައެވެ. އޭގެ އިތުރުން އޭނާ ދިފާޢުކުރެއްވުމަށް ވެރިކަންކުރާ ކޮންސަވޭޓިވު ޕާޓީއަށް ނިޞްބަތްވަޑައިގަންނަވާ މަޖިލިސް މެންބަރުންނަށްވެސް މަޖުބޫރުވިއެވެ. އެ ކަމުގެ ސަބަބުން އެ މެންބަރުންނަށްވެސްވަނީ ބޮޑެތި ފާޑިކިޔުންތަކެއް ޢަމާޒުވެފައެވެ. އެއާއެކު މަޖިލީހަށް އޮޅުވާލައްވައި އިތުރުފުޅުހެއްދެވި މައްސަލަ ތަޙުޤީޤުކުރުމަށްވަނީ ޚާއްޞަ ކޮމިޓީއެއް އެކުލަވާލައިފައެވެ.

2020ވަނަ އަހަރުގެ ޖޫން މަހުގެ 19ވަނަ ދުވަހު އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައި ބާއްވާފައިވަނީ ޖޮންސަނަށް 56 އަހަރުފުރުމުގެ މުނާސަބަތުގައި ބޭއްވި އުފަންދުވަހުގެ ހަފުލާއެކެވެ. މީގެ ކުރިން ޖޮންސަން ވިދާޅުވީ އެއީ ޕާޓީއެއްކަމެއް އޭނާއަށް ކުރިން އެނގިވަޑައިނުގަންނަވާކަމަށާއި އޭނާ އެ ހަފުލާގައި ހޭދަކުރެއްވި 10 ވަރަކަށް މިނެޓުކަމަށެވެ.