ޚަބަރު

އަސްކަރީގޮތުންނާއި އިޤްތިޞާދީގޮތުން ގުޅުންބަދަހިކުރަން ޖޮންސަން އިންޑިޔާއަށް


އަސްކަރީގޮތުންނާއި އިޤްތިޞާދީގޮތުން ގުޅުންބަދަހިކުރަން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަން އިންޑިޔާއަށް ވަޑައިގެންފިއެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ މަޤާމާ ޙަވާލުވެވަޑައިގަތްފަހުން އިންޑިޔާއަށް ކުރައްވައި ފުރަތަމަ ދަތުރުފުޅުގައި އެ ޤައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވައި އަސްކަރީގޮތުންނާއި އިޤްތިޞާދީގޮތުން ދެ ޤައުމުގެ ދެމެދުގައި ގުޅުންބަދަހިކުރުމަށްވަނީ މަޝްވަރާކުރައްވައިފައެވެ. އެ ގޮތުން ކުރިޔަށް އޮތް އެއް އަހަރުދުވަހުގެ ތެރޭގައި ދެ ޤައުމުގެ ދެމެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމުކުރުމަށް އެ ދެ ބޭފުޅުންވަނީ އެއްބަސްވެވަޑައިގެންފައެވެ. އެއާއެކު އިނގިރޭސިވިލާތާއި އިންޑިޔާއާ ދެމެދު ކުރަމުންދާ ވިޔަފާރި 38 ބިލިޔަން އެމެރިކާ ޑޮލަރަށް އިތުރުވާނެއެވެ. އެހެންކަމުން އެއީ ވިލާތުގެ އިއްތިޙާދުން ވަކިވުމަށްފަހު ދުނިޔޭގެ ޤައުމަކާއެކު އިނގިރޭސިވިލާތުން ސޮއިކުރާނެ އެންމެ މުޙިއްމު އަދި އެންމެ ފައިދާވާނެ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށްވެގެންދާނެއެވެ. އޭގެ އިތުރުން އެ އެއްބަސްވުމުގެ ދަށުން އިނގިރޭސިވިލާތުގައި ދިރިއުޅޭ މިލިޔަނެއްހާ އިންޑިޔާ ދަރިކޮޅަށް ނިޞްބަތްވާ މީހުންނަށްވެސް ފަސޭހަ ގޮތްތަކެއް ޤާއިމުކޮށްދޭނެއެވެ.

އިންޑިޔާއަށް ޖޮންސަން ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުންވަނީ އަސްކަރީ އެއްބަސްވުމެއްގައިވެސް ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގެ ދަށުން އިންޑިޔާގައި ހަނގުރާމަމަތީ މަތިންދާބޯޓު އުފެއްދުމަށް އިނގިރޭސިވިލާތުން އެހީތެރިވާނެއެވެ. ނަމަވެސް މޯދީއާއެކު ބޭއްވެވި މަޝްވަރާތަކުގައި ޔޫކްރެއިނަށް ވަރުގަދަ ޙަމަލާތަކެއް ދޭން ފެށުމުން ދުނިޔޭގެ ބާރުތަކުން ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތައް އިންޑިޔާއިން ތަންފީޒުކުރުމަށް ޖޮންސަން ބާރުއަޅުއްވާފައެއް ނުވެއެވެ. އެ ފިޔަވަޅުތައް ތަންފީޒުކުރުމުގެ ބަދަލުގައި އިންޑިޔާއިން އިސްކަންދީފައިވަނީ ރަޝިޔާއާއެކު އޮންނަ އަސްކަރީ އަދި އިޤްތިޞާދީ ގުޅުންތައް ބަދަހިކުރުމަށެވެ. އެ ކަމުގެ ސަބަބުން އެމެރިކާއިންވެސް ނުރުހުންފާޅުކޮށްފައެވެ.