ޚަބަރު

ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ: މެޓް އޮފީސް


ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހުމާއިއެކު ގުގުރާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ހދ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް މިއަދުގެ 17:00 އިން ފެށިގެން 23:00އާ ހަމައަށް ހުދު ސަމާލު ނެރެފައެވެ. އެގޮތުން މިގަޑިތަކުގައި މިސަރަހައްދުތަކަށް ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށްވެސް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ.

މޫސުމާއި ބެހޭ އިދާރާއިން ބުނީ މާދަމާ ހެނދުނު 6:00އާ ހަމައަށް އެންމެ ދެކުނުގެ ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށާއި އެހެން ހިސާބުތަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށެވެ. އަދި އުތުރުގެ ރަށްތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، އަދި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 8 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށްވެސް މެޓް އޮފީހުން ބުނެއެވެ. އަދި ވިލާގަނޑުގައި ގާތްގަނޑަކަށް ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.

މެޓް އޮފީހުން ބުނީ ކަނޑުތައް މެދުރާއްޖެތެރެއާއި ދެކުނުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި އުތުރުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވާނެކަމަށެވެ. އެހެންނަމަވެސް ކަނޑުތައް ގަދަވާނެކަމަށާއި އަދި ރާޅު އުސްމިނުގައި ގާތްގަނޑަކަށް 5 ފޫޓާއި 2 ފޫޓު ހުންނާނެކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.

މިވަގުތުތަކުގައި މިސަރަހައްދުގެ ކަނޑުތައް ގަދަވާނެތީ ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން ޙާއްސަ ސަމާލުކަމެއް ދިނުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.