ކުޅިވަރު

ސައުތު އޭޝިއަން ޖޫނިއަރ ޓީޓީ މުބާރާތަށް ރާއްޖޭގެ ސްކޮޑް އެކުލަވާލައިފި


ސައުތު އޭޝިއަން ޖޫނިއަރ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމީ ޓޭބަލް ޓެނިސް ޓީމުގެ ސްކޮޑް އިއުލާންކޮށްފިއެވެ.

އަންނަ މަހު ރާއްޖޭގައި ބާއްވާ މި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީޓީ ޓީމުގެ ކޯޗަކީ ގްރީސްގެ ކޮންސްޓަންޓީނޯސް ކޮސްޓޮޕޮލޮސް (ކޮސްޓޯ)އެވެ. ކޮސްޓޯ އާއިއެކު ހަރަކާތްތެރިވާނެ ކޯޗިންގ ޓީމަކީ، މުޙައްމަދު މުންތިފް އަޙްމަދު، މޫސާ މުންސިފް އަޙްމަދު އަދި ފާތިމަތު ޖުމާނާ ނިމާލްއެވެ. އަދި ޓީމުގެ މެނޭޖަރަކީ އާއިޝަތު ފަދުވާ ރަޝީދެވެ.

ރާއްޖޭގެ ޖޫނިއާ ފިރިހެން ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ މުޙައްމަދު ތާބިން ސުޖާއު، އިބްރާހީމް އައުޒަމް އަޒީމް، ޒީކް ހުސައިން ލަތީން އަދި އުމީރް މުހައްމަދު މުއިއްޒުއެވެ. ޖޫނިއާ އަންހެން ޓީމުގެ ކުޅުންތެރިންނަކީ ރާއްޖޭގެ އެއް ނަމްބަރު ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ، އާއިޝަތު ރަފާ ނާޒިމް، މިޝްކާ މުޙައްމަދު އިބްރާހީމް އަދި މަލާކް ބިންތި މުއިއްޒުއެވެ.

ކެޑޭޓް ފިރިހެން ޓީމުގައި ހިމެނެނީ ޒީކް ހަސަން ލަތީފް، އުމީރް މުޙައްމަދު މުއިއްޒު އަދި އަޙްމަދު ރައްޔާން މުޙައްމަދު އަނީސްއެވެ. ކެޑޭޓް އަންހެން ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ ފާތިމަތު ދީމާ އަލީ، މިޝްކާ މުޙައްމަދު އިބްރާހީމް އަދި މަލާކް ބިންތި މުއިއްޒުއެވެ.

އަންނަ މަހު 9-11އަށް ރާއްޖޭގައި ބާއްވާ މި މުބާރާތައް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން އަންނަނީ މާލޭގައި ކްރޮއޭޝިއާގެ ގައުމީ ޓީމުގެ ދެ ކުޅުންތެރިންނާއެކު ޓްރެއިނިންގ މެޗުތަކެއް ކުޅެމުންނެވެ. މިއީ މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2022އަށް ރާއްޖެ އަައި ޓީޓީގެ ކުރީގެ ޗެމްޕިއަން ކްރޮއޭޝިއާގެ ޒޯރާން ޕްރިމޯރަކްއާ އެކު ރާއްޖޭގެ ޓޭބަލް ޓެނިސް އެސޯސިއޭޝަން (ޓީޓީއޭއެމް) އިން ކުރި މަޝްވަރާގެ އަލީގައި ހަމަޖެހިގެންދިޔަ ޓްރެއިނިން މެޗުތަކެކެވެ.

މި މުބާރާތުގައި އެތުލީޓުން ބައިވެރިވާ ޤައުމުތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން ސްރީލަންކާ، ބޫޓާން،ނޭޕާލް، ބަންގްލަދޭޝް، އިންޑިޔާ އަދި ޕާކިސްތާން ހިމެނެއެވެ.

މީގެ ކުރިން 2019 ވަނަ އަހަރު ބޭއްވި މި މުބާރާތުގެ ކެޑޭޓް ބައިގެ ފައިނަލުގައި ރާއްޖޭގެ އެއް ނަމްބަރު ޓީޓީ ކުޅުންތެރިޔާ ދީމާ ވަނީ ކުޅެފައެވެ.