ކުޅިވަރު

ޔުނައިޓެޑުގެ އައު ކޯޗަކަށް ޓެން ހާގް


އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަކުރަމުން އަންނަ މެންޗެސްޓާ ޔުނައިޓެޑުގެ އައު ކޯޗަކަށް އަޔެކްސްގެ މިހާރުގެ ކޯޗު އެރިކް ޓެން ހާގް ހަމަޖައްސަން ނިންމައިފިއެވެ.

އުމުރުން 52 އަހަރުގެ ޓެން ހާގް ޔުނައިޓެޑްގެ ކޯޗް ކަމާއި ހަވާލުވާނީ މިއަންނަ ސީޒަނުން ފެށިގެންނެވެ.

ޔުނައިޓެޑުން މަޢުލޫމާތުދޭ ގޮތުގައި ޓެން ހާގް އެ ކްލަބާއި ގުޅެނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި މިއެއްބަސްވުމުގައި ވާގޮތުން އެތިން އަހަރަށްފަހު އެއް އަހަރު އިތުރު ކުރުމުގެ ފުރުސަތު ހުޅުވާލާފައިވެއެވެ.

ޔުނައިޓެޑްގެ ކޯޗުކަން ވަގުތީ ގޮތުން ކުރަމުންދާ ރަލްފް ރަންގްނިކް މިއަންނަ ސީޒަންގައި މަސައްކަތް ކުރާނީ ކޮންސަލްޓަންޓެއްގެ ގޮތުގައެވެ. ޓެން ހާގް ވެގެން ދާނީ 2013 ވަނަ އަހަރު ޔުނައިޓެޑްގެ އޭރުގެ ކޯޗް ސަރ އެލެކްސް ފަރގަސަން މަގާމުން ރިޓަޔަރ ކުރި ފަހުން އެކްލަބާއި ހަވާލުވާ ފަސްވަނަ ދާއިމީ ކޯޗަށެވެ.

ޔުނައިޓެޑުން ޓެން ހާގްގެ ވާހަކަ ހާމަ ކުރިފަހުން ވާހަކަ ދައްކަމުން ޓެން ހާގް ވަނީ ޔުނައިޓެޑްގެ ކޯޗުކަމާއި ހަވާލުވުމުގެ ފުރުސަތު ލިބުމަކީ ބޮޑު ޝަރަފެއްގެގޮތުގައި ސިފަކޮށްފައެވެ. އަދި ކުރިމަތީ އޮތް ގޮން ޖެހުންތަކާއި ކުރިމަތިލުމަށް ކެތް މަދުވެފައިވާކަމަށްވެސް ހާމަކުރިއެވެ. އަދި ޔުނައިޓެޑްގެ ކާމިޔާބު ތާރީހް އެނގޭ ކަމަށާއި އަދި އެ ކްލަބަކީ ޖޯޝުން ފުރިފައިވާ ސަޕޯޓަރުންތަކެއް ހިމެނޭ ކްލަބެއް ކަމަށާއި އޭނާ މަސައްކަތް ކުރާނީ އެހުރިހާ ފަރާތްތަކެއް ހިތްހަމަ ޖެހޭވަރުގެ ކާމިޔާބީތަކެއް ކުރި މަގުގައި ހާސިލް ކުރެވޭފެންވަރުގެ ޓިމެއް ބިނާކުރުމަށް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

މިސީޒަންގައި މިހާރު ބާކީ ފަސް މެޗް އޮތް އިރު ޔުނައިޓެޑް އުޅެނީ ތާވަލްގެ ހަވަނައިގައެވެ. އެއި ހަތަރުވަނަ މަގާމްގައި މިވަގުތު އޮތް ޓޮޓްނަމް ހޮޓްސްޕާ އަށްވުރެ ތިން ޕޮއިންޓް މަދުން ލިބިގެންނެވެ. އަދި މިވަގުތު ޓެން ހާގް ކޯޗް ކޮށްދެމުންދާ އަޔެކްސް އުޅެނީ ނެދަލެންޑްސް ލީގުގެ ތާވަލްގެ އެއްވަނައިގައެވެ. އެއީ ދެވަނައިގައި އުޅޭ ޕީއެސްވީ އެއިންދޯވެންގެ މައްޗަށް ހަތަރު ޕޮއިންޓްގެ ލީޑެއް އެބައޮތެވެ.

ޓެން ހާގް އަޔެކްސްގެ ކޯޗް ކަމާއި ހަވާލުވެފައިވަނީ 2017 ވަނަ އަހަރުއެވެ. އަދި 2018-2019 ވަނަ ސީޒަނާއި 2020-2021 ވަނަ ސީޒަންގައި ލީގާއި ކަޕް ކާމިޔާބުކޮށްފައިވެއެވެ.