އަންގްސާނާ ވެލާވަރު ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަންކަން ރާޅު އެފްސީން ހޯދައިފިއެވެ.
އެފްސީ ބްލެކް ބިއުޓީސް އާއި ވާދަކޮށް ރާޅު އެފްސީން ޗެމްޕިއަންކަން ހޯދީ ފައިނަލް މެޗު 7-4 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.
މެޗުގެ ފުރަތަމަ ހާފު ފަށައިގެން އެފްސީ ބްލެކް ބިއުޓީސް އިން ވަނީ 3 ލަނޑުގެ ލީޑެއް ނަގައިފައެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ރާޅު އެފްސީން ވަނީ ދެ ލަނޑު ޖަހާ ފަރަގު ކުޑަކޮށްފައެވެ.
ދެވަނަ ހާފުގައި ރާޅު އެފްސީގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު މި ހާފުގެ ކުރީކޮޅު ރާޅު އެފްސީން ވަނީ ދެ ލަނޑު ޖަހާ އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލައިފައެވެ. އެކަމަކު ދެވަނަ ހާފުގެ 10 ވަނަ މިނެޓުގައި ބްލެކް ބިއުޓީސް އިން ވަނީ އިތުރު ލަނޑެއް ޖަހާ ފަރަގު ކުޑަކޮށްފައެވެ.
ރާޅު އެފްސީން މެޗު ނިމެން ގާތް ވެފައިވަނިކޮށް ވަނީ ގާތް ގާތުގައި ދެ ލަނޑު ޖަހާ މުބާރާތުގެ ޗެމްޕިއަންކަން ކަށަވަރުކޮށްފައެވެ.
މި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ރާޅު އެފްސީގެ ކެޕްޓަން އަޙްމަދު ޝިފާން، ރާޅު އެފްސީގެ އަލީ ނަދީމް ރާޅު އެފްސީގެ ކީޕަރު މުޙައްމަދު ޔަމީން، އެފްސީ ބްލެކް ބިއުޓީސްގެ މުހައްނިކް މުޙައްމަދު އަދި އެފްސީ ބްލެކް ބިއުޓީސްގެ އަޙްމަދު ޝައިހާންއެވެ.
މުބާރާތުގެ ކިންގ އޮފް ދި ޓޯނަމެންޓަށް ހޮވިފައިވަނީ އެފްސީ ބްލެކް ބިއުޓީސްގެ މުހައްނިކް މުޙައްމަދެވެ.
މި މުބާރާތް ކާމިޔާބު ކުރުމަށްފަހު ރާޅު އެފްސީގެ ކެޕްޓަން އަޙްމަދު ޝިފާން ބުނީ މިހާ ބޮޑުކޮށް ސްޓާފުންގެ މެދުގައި މިކަހަލަ މުބާރާތެއް ބޭއްވީތީ ރިސޯޓުގެ މެނޭޖުމަންޓަށް ޝުކުރުއަދާކުރާ ކަމަށެވެ.
މި މުބާރާތް ކުރިއަށް ގެންދިޔައީ މުވައްޒަފުންގެ ފަސް ޓީމު ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކުރަން ޖެހޭ ގޮތަށް ލީގު އުސޫލުން ކުރިއަށް ގޮސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލުގައި ކުޅެން ޖެހޭ ގޮތަށެވެ.
މި މުބާރާތަކީ އަންގްސާނާ ވެލާވަރުގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކޮށް އެއްބައިވަންތަ ކުރުމުގެ މަގުސަދުގައި ކޮންމެ އަހަރެއްގެ ރަމަޟާން މަހު ބާއްވާ މުބާރާތެކެވެ. އަދި މިއީ މި މުބާރާތް އެ ރިސޯޓުގައި ބޭއްވި ދެވަނަ ފަހަރެވެ.