ވިޔަފާރި

ކުންމިން ފެއާރއަށް ދިވެހިރާއްޖެއިން ތައްޔާރުވަނީ


ކުންމިން ފެއަރގައި އުފެއްދުންތައް ބައިވެރިކުރަން އެދޭ ފަރާތްތަކުން، ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުގެ ކުރިން އެ ތަކެތި އިޤްތިޞާދީ ތަރައްޤީއާއިބެހޭ ވުޒާރާއަށް ހުށައަޅަން ޖެހޭނެކަމަށް އެ ވުޒާރާއިން ހާމަކުރައްވައިފިއެވެ.ފެއަރގައި ބައިވެރިކުރާ ތަކެތި އެމިނިސްޓްރީއަށް ހުށަހަޅަންޖެހޭ މައިގަނޑު ސަބަބަކީ ކުންމިން ފެއަރއަކީ ރާއްޖެއިން ބޭރުގައި އޮންނަ ފެއަރއަކަށްވެފައި، ފެއަރގައި ބައިވެރިކުރާ ތަކެއްޗަކީ ވަކި ފެންވަރެއްގައި އުފައްދައި ބަންދުކުރެވިފައިވާ ތަކެތިކަމުގައި ހެދުންކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވިއެވެ. މިފަހަރުގެ ކުންމިން ފެއަރގައި ރާއްޖެއިން ބައިވެރިވުމަށް ލިބިފައިވާ ފުރުޞަތަކީ ދިވެހިންގެ އުފެއްދުންތައް މާކެޓްކޮށް، އުފައްދާ ތަކެތި އިޝްތިހާރު ކުރުމަށް ލިބިގެންދާ ވަރަށް ބޮޑު ފުރުޞަތެއްކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ. އަދި ރާއްޖޭގެ އުފެއްދުންތެރިކަން އިޝްތިހާރުކުރުމަށް ޗައިނާއިން އެހީތެރިވަމުންދާކަންވެސް އެ މިނިސްޓްރީން ފާހަގަކުރައްވައެވެ. އެހެންކަމުން މިފެއަރގައި ބައިވެރިކުރާ ތަކެއްޗާއި، ފެއަރގައި ބައިވެރިވާ ފަރާތްތަކުގެ އުފެއްދުންތައް މާކެޓް ކުރުމަށް ބޭނުންވާ މެޓީރިއަލް ތައްޔާރުކުރުމަކީ މުހިންމު ކަމެއްކަމަށް އެވުޒާރާއިން ވިދާޅުވިއެވެ.ކުންމިން ފެއަރއަކީ މިއަހަރުގެ ޖޫންމަހު ޗައިނާގެ ކުންމިންގައި ބޭއްވުމަށް ހަމަޖެހިފައިވާ ފެއަރއެކެވެ. މި ފެއަރގައި ރާއްޖެއިން ފުރިހަމައަށް ބައިވެރިވުމަށް ގިނަ ތައްޔާރީތަކެއް ވަމުންދާކަމަށް އިކޮނޮމިކް މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ. މި ފެއަރގައި 25 ކެޓަގަރީއަކުން ތަކެތި ބައިވެރިކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.