ޚަބަރު

އެންމެފަހުން މެރިއުޕޯލް ރަޝިޔާގެ ބާރުގެ ދަށަށް


ދެ މަސްދުވަހަށް ދިގުދެމިގެންދިޔަ ނުރައްކާތެރި އަދި ގެއްލުންބޮޑު ހަނގުރާމައަކަށްފަހު ޔޫކްރެއިނުގެ ދޮންބާސްގައި އޮންނަ މުޙިއްމު ބަނދަރުމަތީ ރަށެއްކަމަށްވާ މެރިއުޕޯލް ރަޝިޔާގެ ފައުޖުތަކުގެ ބާރުގެ ދަށަށް ގެނެސްފިއެވެ.

ފެބްރުއަރީ މަހުގެ 24ވަނަ ދުވަހު ރަޝިޔާގެ ފައުޖުތަކުން ޙަމަލާދިނުމުގެ ކުރިން މެރިއުޕޯލުގައި 400،000 މީހުންގެ އާބާދީއެއް އޮތެވެ. ނަމަވެސް މެރިއުޕޯލުގައި ދިރިއުޅުނު އެތައް ސަތޭކަހާސް ބަޔަކުވަނީ އެ ރަށް ދޫކޮށް ރައްކާތެރި ސަރަޙައްދުތަކަށް ބަދަލުވެފައެވެ. ރަޝިޔާގެ ފައުޖުތަކުގެ ބާރުގެ ދަށަށް މެރިއުޕޯލް ގެނައުމަށް ކުރި ވަރުގަދަ ހަނގުރާމާގައި އެ ރަށަށްވަނީ ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާންޖެހިފައެވެ. ޔޫކްރެއިނަށް މެރިއުޕޯލް ގެއްލުމުން އެ ޤައުމުގެ އިރުމަތީގައި އޮންނަ ދޮންބާސުން ފެށިގެން އެ ޤައުމުގެ ދެކުނުގައި އޮންނަ ކުރައިމިޔާއާ ހަމައަށް މިހާރު އޮތީ ރަޝިޔާގެ އަސްކަރީ ބާރުވެރިކަމެވެ. ރަޝިޔާއިން ހޯދި ކާމިޔާބީއާއެކު އާޒޯވު ކަނޑުގެ ސަރަހައްދުވެސް ޔޫކްރެއިނަށް ގެއްލިފައެވެ.

ރަޝިޔާގެ ފައުޖުތަކުގެ ބާރުގެ ދަށަށް މެރިއުޕޯލް ގެނެސްފައިވާކަން އިޢުލާންކުރައްވާފައިވަނީ އެ ޤައުމުގެ ރައީސް ވުލަޑުމީރް ޕުޓިންނެވެ. އަދި އޭނާވަނީ އެ ރަށުގެ ކާރުޚާނާއެއްގައި ބަންދުވެގެން ތިބި ހަނގުރާމަވެރިން އަމާންދިނުމަށް އެދިވަޑައިގެންފައެވެ. އެ ގޮތުން އޭނާވަނީ ރަޝިޔާގެ ފައުޖުތަކުން އެ ކާރުޚާނާއަށް ޙަމަލާދިނުން ހުއްޓާލުމަށްވެސް ޢަމުރުކުރައްވައިފައެވެ. ބެލެވޭ ގޮތުގައި އެ ކާރުޚާނާގައި ގާތްގަނޑަކަށް 1،500 މީހުން އެބަތިއްބެވެ. ޕުޓިންވަނީ މެރިއުޕޯލުގައި ރަޝިޔާގެ ފައުޖުތަކުން ހޯދި ކާމިޔާބީއަށް ޝުކުރުޢަދާކުރައްވައި އެ ޤައުމުގެ ސިފައިންގެ ހިތްވަރުގަދަކަން ފާހަގަކުރައްވައިފައެވެ.

މެރިއުޕޯލަކީ ޔޫކްރެއިނުގައި ކުރަމުންދާ ހަނގުރާމާގައި ރަޝިޔާއިން ހޯދި އެންމެ ފާހަގަކޮށްލެވޭ އެއް ކާމިޔާބީއެވެ. ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނެފައިވާ ގޮތުގައި މެރިއުޕޯލުގައި ކުރި ހަނގުރާމާގައި ޔޫކްރެއިނުގެ 4،000 މަރުވެ އިތުރު 1،500 ސިފައިންވަނީ ހަތިޔާރު ބަހައްޓައި އަމާންދީފައިވެއެވެ. އަދި އެ ރަށުގައި ކުރި ހަނގުރާމައިން ސަލާމަތްވުމަށް ބޭނުންވި 140،000 މީހުން އެހެން ސަރަޙައްދުތަކަށް ރައްކާތެރިކަމާއެކު ފޮނުވާދީފައިވާނެކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ. މީގެ ކުރިން ރަޝިޔާގެ ފައުޖުތަކުގެ ބާރުގެ ދަށަށް ޔޫކްރެއިނުގެ ދެކުނުގައި އޮންނަ މުޙިއްމު ރަށެއްކަމަށްވާ ކާސަންވެސް ގެނެސްފައިވެއެވެ. ނަމަވެސް ޔޫކްރެއިނުގެ ދެވަނައަށް އެންމެ ބޮޑު ރަށްކަމަށް ކާރްކީވުގައި އަދިވެސް ވަރުގަދަ ހަނގުރާމައެއް ދަނީ ކުރަމުންނެވެ.

ޔޫކްރެއިނުގެ ވެރިރަށް ކިޔޭވަށް ރަޝިޔާއިން ދެމުންދިޔަ ޙަމަލާތައް ހުއްޓާލައި އެ ސަރަޙައްދުތަކުގައި ޙަރަކާތްތެރިވި ފައުޖުތައްވަނީ އެ ޤައުމުގެ އިރުމަތީގެ ސަރަހައްދުތަކަށް ފޮނުވައިފައެވެ. ހަނގުރާމައިގެ މައިދާނަށް ރަޝިޔާއިން ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން ފާއިތުވި ދުވަސްތަކުގައި އެ ޤައުމުގެ ފައުޖުތަކަށްވަނީ ބޮޑެތި ކުރިއެރުންތަކެއް ލިބިފައެވެ. އެ ގޮތުން ރަޝިޔާގެ ބާރުގެ ދަށަށް ދޮންބާސްގެ ލުހާންސްކުގެ %80ވަނީ ގެނެސްފައެވެ. ހަނގުރާމައިގެ ކުރިން ލުހާންސްކުގެ %60 އޮތީ ރަޝިޔާއަށް ވަފާތެރި ފައުޖުތަކުގެ ބާރުގެ ދަށުގައެވެ. އޭގެ އިތުރުން މެރިއުޕޯލް ހިމެނޭހެން ދޮންބާސްގެ ދޮންޔެސްކުގެ ބޮޑު ބައެއްވެސް މިހާރު އޮތީ ރަޝިޔާގެ ބާރުގެ ދަށަށް ގެނެސްފައެވެ.

ރަޝިޔާގެ ފައުޖުތަކުން ދެމުންދާ ވަރުގަދަ ޙަމަލާތައް ދިފާޢުކުރުމަށް އެމެރިކާއިން އިތުރު 800 މިލިޔަން އެމެރިކާ ޑޮލަރުގެ ބަރުހަތިޔާރު ދިނުމަށް ނިންމާފައިވާކަމަށް އެ ޤައުމުގެ ރައީސް ޖޯ ބައިޑަންވަނީ އިޢުލާންކުރައްވައިފައެވެ. މިދިޔަ ހަފުތާގެ ތެރޭގައިވެސް ޔޫކްރެއިނަށް 800 މިލިޔަން އެމެރިކާ ޑޮލަރުގެ ބަރުހަތިޔާރު ފޮނުވުމަށް ނިންމަވާފައިވާކަން ބައިޑަންވަނީ އިޢުލާންކުރައްވައިފައެވެ. އެއާއެކު ފާއިތުވި ދެ މަސްދުވަހުގެ ތެރޭގައި ޔޫކްރެއިނަށް ދޭން ނިންމާފައިވާ ހަތިޔާރުގެ އަގުވަނީ 3.6 ބިލިޔަން އެމެރިކާ ޑޮލަރަށް އަރައިފައެވެ. އޭގެ އިތުރުން ޔޫކްރެއިނުގެ ސިފައިން ތަމުރީނުކުރުންވެސް އެމެރިކާގެ ދިފާޢީ ވުޒާރާއިންވަނީ ފަށައިފައެވެ.