ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ހަރަކާތްތެރިވަމުންދާ ފަރާތްތަކަށް ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމަށް މީހުން ބިނާކުރުމަށް ހިންގާ އެޕެރެންޓިސްޝިޕް ޕްރޮގްރާމް ހިންގުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއެކު 3 ކުންފުންޏަކުން އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި އިކޮނޮމިކް މިނިސްޓްރީން ސޮއިކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އެވެ.
މިއެމް.އޯ.ޔޫ އަކީ ކޯވިޑް-19 އިމަރޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓްގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ އެޕްރެންޓިސްޝިޕް ޕްރޮގްރާމެކެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ މިފަދަ ޕްރޮގްރާމެއް ހިންގުމުގެ މައިގަނޑު މަގްސަދަކީ ކޯވިޑާއި ގުޅިގެން ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ހަރަކާތްތެރިވަމުންދާ ފަރާތްތަކަށް ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުންކަމަށެވެ. އެގޮތުން ވަޒީފާގެ ބާޒާރަށް ނިކުތުމުގައި ވަޒީފާއާއި ގުޅުންހުރި ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު އެ ފަރާތްތަކަށް ފަހިކޮށްދިނުން ކަމުގައި އެމިނިސްޓްރީން ހާމަކުރައްވައެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މި ޕްރޮގްރާމްގެ ދަށުން 220 ބައިވެރިން ތަމްރީންކުރެވިގެންދާނެ ކަމަށެވެ. އެގޮތުން އެކި އެކި ޑިވިޝަންތަކުގައި ކުންފުނީގެ މުވައްޒަފުންގެ ބެލުމުގެ ދަށުން އެކުދިން ތަމްރީންވެގެންދާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
"މި ޕްރޮގްރާމްގެ ދަށުން އަޅުގަނޑުމެން ބޮޑަށް ބަލަމުން މިދަނީ، އަޅުގަނޑުމެންގެ ތެރޭގައިވެސް އެބަހުރި މަޝްވަރާ ކުރެވުނު އިރުގައި އެކި ދާއިރާތަކަށް ބޭނުންވާ މީހުންގެ ޝޯޓޭޖް އެބައުޅޭ. އޭގެ ތެރޭގަ ވެލްޑިންގ، މެކޭނިކަލް އިންޖިނިއަރިން، އިލެކްޓްރިކަލް އިންޖިނިއަރިން އަދި އެކިއެކި މެކޭނިކްސް ހުންނަ މީހުން އަޅުގަނޑުމެން ބޭނުންވޭ" އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވިއެވެ.
މި ޕްރޮގްރާމްއާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުޙައިލް އަހްމަދު ވިދާޅުވީ މިއީ ބޭނުންވާ ދާއިރާތަކަށް ކުދިން ތަމްރީންކުރުން އިތުރު ކުރުމަށް ލިބިގެންދިޔަ ރަނގަޅު ފުރުސަތެއްކަމަށެވެ. އެގޮތުން މިޕްރޮގްރާމްގެ ދަށުން 100 ބައިވެރިންނާއި ކުންފުނީގެ އިތުރު 30 މުވައްޒަފުންނާއެކު ޖުމްލަ 130 ބައިވެރިން ތަމްރީން ކުރެވިގެންދާނެ ކަމަށް ސުޙައިލް ވިދާޅުވިއެވެ.
"މިޕްރޮގްރާމްގެ ސަބަބުން ވަރަށް ގިނަ ބަޔަކަށް އިތުރު ފުރުސަތުތަކެއް ލިބިގެންދާނެތީ އެކަމަށް އަޅުގަނޑުމެން އެޗްޑީސީން ވަރަށް އުފާކުރަން. އަދި އަޅުގަނޑަށް ހީވަނީ މިއީ މުޅީ ޤައުމަށް ވެސް ލިބޭ އެހީތެރިކަމަކަށް ވެގެން ދާނެހެން. މިގޮތަށް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ އަދަދު މަތިވެގެން ދާނެހެން" އެޗްޑީސީގެ މެނޭޖިންގ ޑައިރެކްޓަރ ސުޙައިލް އަހްމަދު ވިދާޅުވިއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ވެމްކޯ ހިންގުމާއި ހަވާލުވެ ހުންނެވި މެނޭޖިން ޑިރެކްޓަރ ޔޫސުފް ސިރާޖް ވިދާޅުވީ ވޭސްޓް މެނޭޖްމަންޓް ދާއިރާއަކީ ރާއްޖޭގައި މިހާރު ފުޅާވަމުން އަންނަ ދާއިރާއަކަށްވެފަ، ތަމްރީނު ލިބިގެންވާ ހުނަރުވެރި ބަޔަކު ބޭނުންވާ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރަނީ މި ހުނަވަރު ޕްރޮގްރާމްގެ ދަށުން ޒުވާނުންނަށް ލިބިގެންދާ ފުރުސަތުތައް ވީހާވެސް ރަނގަޅަކަށް ބޭނުން ހިފައި ހުނަރުވެރި ޒުވާނުންތަކެއް އުފެދި އަޅުގަނޑުމެންނާއި ގުޅިގެން ވެމްކޯގަ މަސައްކަތް ކުރުމަށް ލިބިގެންދާ ފުރުސަތު ރަނގަޅު ގޮތުގައި ހިފާ މިދާއިރާއިން ކުރިއަށް ދިޔުމަށް މަސައްކަތްކުރާނެ ބަޔަކު އަޅުގަނޑުމެންގެ ތެރޭގައި އުފެދިގެންދާނެކަމަށް" ވެމްކޯ ހިންގުމާއި ހަވާލުވެ ހުންނެވި މެނޭޖިން ޑިރެކްޓަރ ޔޫސުފް ސިރާޖް ވިދާޅުވިއެވެ.
މި އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ކޮންސްޓްރަކްޝަން ޓްރާންސްޕޯޓޭޝަން އެންޑް ލޮޖިސްޓިކްސް އަދި މިނޫންވެސް އެހެން ދާއިރާތަކުން ޖުމްލަ 400އަށްވުރެ ގިނަ ފަރާތްތަކަށް ވަޒީފާގެ ތަމްރީނު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 24ވަނަ ދުވަހާއި ހަމައަށް ހުޅުވިގެންދާނެއެވެ.