ޚަބަރު

އިންޑިއާއާ ދެކޮޅަށް ހިންގާ ހަރަކާތްތައް ހުއްޓުވުމަށް ތަންފީޒީ އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާ އަންގަވައިފި


އިންޑިއާއި ދެކޮޅަށް ހިންގާ ހަރަކާތްތައް ހުއްޓުވުމަށް ކަނޑައަޅައި، އެކަން ތަންފީޛް ކުރުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު އަންގަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު މިފަދައިން އަންގަވާފައިވަނީ އިންޑިއާއާ މެދު ނަފްރަތު އުފެއްދުމަށް ހިންގާ ހަރަކާތްތަކާކީ ޤާއުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި ޤައުމީ ސަލާމާތާބެހޭ މަޖިލީހުން ނިންމަވާފައިވާތީ މިއަދު ނެރުނު ޤަރާރެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ނެރުނު ޤަރާރުގައި އިންޑިއާއާއި ދެކޮޅަށް ހިންގާ ހަރަކާތްތަކަކީ ޤަނޫނު އަސާސީން ލިބިދީފައިވާ ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމާއި އެއްވެއުޅުމުގެ މިނިވަންކަމުގެ ނާޖާއިޒު ފައިދާ ނަގައި، ރާއްޖޭގެ ޞުލްޙަ މަސަލަސްކަން ނަގައިލުމުގެ ނިޔަތުގައި ހިންގާ ހަރަކާތެއްކަން ފާހަގަކުރައްވާފައިވެއެވެ. އަދި ދިވެހިރާއްޖެއާ އިންޑިޔާއާއެކު އޮތް ޒަމާންވީ ބަދަހި ގުޅުމަށާއި، ރާއްޖޭގެ ތަރައްޤީއަށާއި މި ސަރަޙައްދުގެ ސަލާމަތާއި ހަމަޖެހުމާއި އަމަންއަމާންކަން ދެމެހެއްޓުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރަމުންދާ މުހިންމު މަސައްކަތްތަކަށް ހުރަސްއެޅުމަށް ރާވައިގެން ހިންގާ ހަރަކާތެއްކަންވެސް ރައީސްގެ ޤަރާރުގައި ވިދާޅުވިއެވެ.

މި ޤަރާރުގައި ރައީސް ވިދާޅުވީ ރާއްޖޭގައި ޤާއިމުކޮށްފައިވާ ބޭރުގެ ޑިޕްލޮމެޓިކް މިޝަންތަކާއި އެ ތަންތަނުގައި މަސައްކަތްކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކައުތެރިކަން ކަށަވަރުކޮށްދިނުމަކީ ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސް (1981) އާއި، ވިއެނާ ކޮންވެންޝަން އޮން ކޮންސިއުލަރ ރިލޭޝަންސް (1963) ގެ ދަށުން، ހޯސްޓް ނޭޝަންގެ ހައިސިއްޔަތުން ދިވެހި ދައުލަތުގެ ޒިންމާއެއް ކަމުގައި ވިދާޅުވިއެވެ. އަދި އިންޓަރނޭޝަނަލް ކޮންވެންޝަން އޮން ދަ އެލިމިނޭޝަން އޮފް އޯލް ފޯމްސް އޮފް ރޭޝަލް ޑިސްކްރިމިނޭޝަން (1966) ގެ ދަށުން، ވަކި ނަސްލަކަށް ނުވަތަ ނަސަބަކަށް ނިސްބަތްވީތީ ކުރާ ތަފާތުކުރުން ހުއްޓުވުމަކީ ޤައުމުތަކުގެ މައްޗަށް އޮންނަ ޒިންމާއެއް ކަމުގައި މި ޤާރާރުގައި ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިންޓަރނޭޝަނަލް ކޮވަނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (1967) އާއި، އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަންގެ އެކިއެކި މުޢާހަދާތަކާއި، ނަސްލީ ތަފާތުކުރުން ހުއްޓުވުމަށް ގޮވައިލައި އ.ދ. އިން ފާސްކޮށްފައިވާ އެކިއެކި ޤަރާރުތަކަށް ބަލާއިރު، ވަކި ނަސްލަކަށް ނުވަތަ ނަސަބަކަށް ނިސްބަތްވީތީ ދަތިކުރުން، ނުވަތަ ފުރައްސާރަކުރުން، ނުވަތަ ތަފާތުކުރުމަކީ މަނާކަމެއް ކަމަށެވެ.

އެހެންކަމަުން ރާއްޖޭގެ ޤާނޫން މިފަދަ ކަންކަމަކީ ދިވެހިރާއްޖޭގައި ޖިނާއީ ކުށުގެ ގޮތުގައި ކަނޑައަޅައިފައިވާ ޢަމަލުތަކެއް ކަމަށާއި އިންޑިޔާއާ މެދު ނަފުރަތު އުފެއްދުމަށް ހިންގާ ހަރަކާތްތަކަކީ ޤައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާ ހަރަކާތެއް ކަމުގައި ސާފުކޮށް އެނގެން އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ހަރަކާތަކީ ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި އޮތް އަމަން އަމާންކަމާއި ދާޚިލީ ހަމަޖެހުން ނަގައިލައި، ސަރަޙައްދީ ސަލާމަތާއި ރައްކައުތެރިކަން ގެއްލުވައިލައި، ރާއްޖޭގެ އިޤްތިޞާދީ ރައްކައުތެރިކަމާއި އިޖުތިމާޢީ ނިޒާމުތަކަށް ބޮޑު ބުރައެއް އުފުލަންޖެހޭނެ ކަމެއްކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ހަރަކާތުގެ ސަބަބުން ޚާއްޞަކޮށް ބައިނަލްއަޤްވާމީ މައިދާނުގައި އެކަހެރިވެ، އިތުބާރު ގެއްލި، ޒަމާނުއްސުރެ ދިވެހި ދައުލަތުން ގެންގުޅެމުން އަންނަ ޚާރިޖީ ސިޔާސަތު ރޫޅި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށެވެ. އަދި ނުރައްކާތަކުން ރާއްޖެ ސަލާމަތް ނުކުރެވިއްޖެނަމަ، އެކި ގޮތްގޮތުން ދިވެހި ރައްޔިތުން ތަޙައްމަލުކުރަންޖެހޭނެ ބުރަޔަކީ މިން ނުކުރެވޭނެ އަދި ފޫނުބެއްދޭނެ ބުރަތަކެއް ކަމުގައިވެސް ރައީސް ވިދަޅުވިއެވެ.

ރައީސްގެ ޤަރާރުގައި އިންޑިއާ އައުޓް ހަރަކާތަކީ ރާއްޖެ މިނިވަން ދައުލަތެއްގެ ގޮތުގައި ދެމެހެއްޓުމަށާއި، ޤައުމުތަކުގައި ދިރިއުޅޭ ދިވެހީންނާއި ބޭރު ޤައުމުތަކަށް ޒިޔާރަތްކުރާ ދިވެހީންނަށް ރައްކައުތެރިކަން ކަށަވަރު ކޮށްދިނުމަށާއި، ދިވެހި ރައްޔިތުންނާއި ދިވެހި ދައުލަތުގެ ރައްކައުތެރިކަމުގައި ތިބި ބިދޭސީންނަށް ފޯރުކޮށްދޭންޖެހޭ ރައްކައުތެރިކަމާއި ޙިމާޔަތް ޔަގީންކޮށްދިނުމަށް ދަތިވާނެކަމެއް ކަމުގައިވެސް ވިދާޅުވިއެވެ.

އެހެންކަމުން ޤައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކޮންމެ ހަރަކާތަކީ ދިވެހި ސަރުކާރުން އެ ކަމެއް ހުއްޓުވަންޖެހޭނެ ކަމެއް ކަމުގައި ފާހަގަކުރައްވާ ރައީސް ވިދާޅުވީ ދިވެހި ދައުލަތުގެ ފުދުންތެރިކަމާއި ފާގަތިކަމަށާއި ރާއްޖޭގެ ޤައުމީ ސަލާމަތަށް ކުރާ ނޭދެވޭ ކޮންމެކަމަކީ ދިވެހި ކޮންމެ ރައްޔިތަކަށް ލިބިގެންދާނެ އަނިޔާއެއްކަމަށް ރައީސްގެ ޤަރާރުގައިވެއެވެ.