ކުޅިވަރު

ސެލްޓިކާއި، ސެވަންޓީ ސިކްސާސް އަދި ބުލްސްއިން މެޗުތައް ކާމިޔާބުކޮށްފި


އެން.ބީ.އޭ. ބާސްކެޓްބޯޅަ މުބާރާތުގެ ޕްލޭ އޮފްގައި ބޮސްޓަން ސެލްޓިކާއި ފިލަޑެލްފިއާ ސެވަންޓީ ސިކްސަރސް އަދި ޝިކާގޯ ބުލްސް ރޭ ކުޅުނު މެޗްތައް ކާމިޔާބުކޮށްފިއެވެ.

ސެލްޓިކާއި ބްރޫކްލިން ނެޓްސްގެ މެދުގައި ކުރިއަށްދާ ފުރަތަމަ ބުރުގެ ސީރީޒްގެ ދެވަނަ މެޗް ސެލްޓިކްސް ކާމިޔާބުކޮށް މިސީރީޒްގައި އެޓީމް މިވަނީ ދެ މެޗްގެ ލީޑެއް ނަގާފައެވެ. އީސްޓަރން ކޮންފަރެންސްގެ ދެވަނަ ޓީމް ކަމަށްވާ ސެލްޓިކްސް އާއި 7ވަނަ ޓީމް ކަމަށްވާ ނެޓްސްގެ ދެވަނަ މެޗް ސެލްޓިކްސް ކާމިޔާބު ކުރީ 114 ޕޮއިންޓް 107 ޕޮއިންޓުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ސެލްޓިކްސްގެ ޖޭސަން ޓަޓުމް ވަނީ 19 ޕޮއިންޓް ހޯދާދީ 6 ރިބައުންޑް ނަގާދީ 10 އެސިސްޓް ކޮށްފައެވެ. އަދި ނެޓްސްގެ ކެވިން ޑުރާންޓްވަނީ 27 ޕޮއިންޓް ހޯދާދީ 4 ރީބައުންޑް ނަގާދީ 5 އެސިސްޓް ކޮށްފައެވެ. މިސީރީޒްގެ ދަށުން ކުޅޭ ތިންވަނަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 ވަނަ ދުވަހުގެ ރޭ ބްރޫކްލިންގައެވެ.

އީސްޓަރން ކޮންފަރެންސްގެ ތިން ވަނަ ޓީމް މިލްވައުކީ ބަކްސް އާއި ހަވަނަ ޓީމް ކަމަށްވާ ޝިކާގޯ ބުލްސްގެ މެދުގައި ކުރިއަށްދާ ޕްލޭ އޮފް ސީރީޒްގެ ދެވަނަ މެޗް 114 ޕޮއިންޓް 110 ޕޮއިންޓުން ކާމިޔާބުކޮށް ބުލްސް މިވަނީ މިސީރީޒް އެއްމެޗް އެއްމެޗުން އެއްވަރު ކޮށްފައެވެ. މިމެޗްގައި ބުލްސްގެ ޑިމާ ޑިރޯޒަންވަނީ 41 ޕޮއިންޓް ހޯދާދީ 7 ރީބައުންޑް ނަގާދީ 4 އެސިސްޓް ކޮށްފައެވެ. އަދި ބަކްސްގެ ޖިއާނިސް އެންޓެޓޮކޮއުމްޕޯ ވަނީ 33 ޕޮއިންޓް ހޯދާދީ 18 ރީބައުންޑް ނަގާދީ 9 އެސިސްޓް ކޮށްފައެވެ.

ރޭ ކުޅުނު ޕްލޭ އޮފްގެ ފަހު މެޗްގައި އީސްޓަރން ކޮންފަރެންސްގެ ހަތަރު ވަނަ ޓީމް ކަމަށްވާ ފިލަޑެލްފިއާ ސެވަންޓީ ސިކްސަރސް އާއި ފަސްވަނަ ޓީމް ޓޮރޮންޓޯ ރެޕްޓަރސް ބައްދަލުކުރިމެޗް 104 ޕޮއިންޓް 101 ޕޮއިންޓުން ކާމިޔާބުކުރީ ސިކްސަރސްއެވެ. މިމެޗްގައި ސިކްސަރސްގެ ޖޮއެލް އެމްބިޑް ވަނީ 33 ޕޮއިންޓް ހޯދާދީ 13 ރީބައުންޑް ނަގާދީ 2 އެސިސްޓް ކޮށްފައެވެ. އަދި ރެޕްޓަރސްގެ އޯޖީ އަނުނޮބީވަނީ 26 ޕޮއިންޓް ހޯދާދީ 5 ރީބައުންޑް ނަގާދީ 4 އެސިސްޓް ކޮށްފައެވެ. މިކާމިޔާބީއާއެކު ސިކްސަރސް މިވަނީ މިސީރީޒްގައި ތިން މެޗްގެ ލީޑެއް ނަގާފައެވެ. ހަތް މެޗްގެ ތެރެއިން އެންމެ ގިނަ މެޗް ކާމިޔާބު ކުރާ ޓީމަކަށް ސީރީޒް ކާމިޔާބު ވާގޮތަށް އޮންނަ ޕްލޭ އޮފްގެ ކުރިއަށް މެޗް ސިކްސަރސް ކާމިޔާބުކޮށްފި ނަމަ ފުރަތަމަ ބުރުގެ މި ކުރިމަތިލުން ކާމިޔާބުވެ ޕްލޭ އޮފްގެ ދެވަނަ ބުރަށް ދަތުރު ކުރާނެއެވެ.