އިނގިރޭސި ޕްރިމިއާ ލީގުގައި ބްރައިޓަން ބަލިކޮށް ތާވަލުގެ އެއްވަނައަށް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ޖެހިލައިފިއެވެ.
ސިޓީގެ ދަނޑުގައި ރޭ ކުޅުނު މި މެޗް އެ ޓީމުން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.
ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓީންނެވެ. މިމެޗްގެ ފުރަތަމަ ހާފްގައި ސިޓީން މެޗް ކޮންޓްރޯލް ކުރި ނަމަވެސް، ބްރައިޓަންގެ ޑިފެންސް ފޫއަޅުވާލެވޭގޮތެއް ނުވިއެވެ. އަދި ތާވަލްގެ އެއްވަނައަށް އެރުމަށްޓަކައި ސިޓީއަށް މޮޅުވުން މަޖުބޫރުވި މި މެޗްގައިގެ ފުރަތަމަ ހާފުގައި ލަނޑެއް ނުޖެހި ދާން ފެށުމުން ސަޕޯޓަރުންގެ ފަރާތުން ހާސްކަން ފެންނަމުންދިޔައެވެ.
މިހާސްކަން ފިލައިގެން ދިޔައީ މެޗްގެ 53 ވަނަ މިނެޓްގައި ރިޔާދު މާރޭޒް ޖަހާދިން ލަނޑުންނެވެ. މި މެޗްގައި ސިޓީގެ ދެވަނަ ލަނޑު މެޗްގެ 65 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ފިލް ފޯޑެންއެވެ. އަދި ސިޓީގެ ފަހު ލަނޑު މެޗްގެ 82 ވަނަ މިނެޓްގައި ޖަހާދިނީ ބެނާޑޯ ސިލްވާއެވެ.
މި ކާމިޔާބީއާއެކު ސިޓީ މިހާރު ވަނީ ކުޅުނު 32 މެޗުން ލިބިފައިވާ 77 ޕޮއިންޓާއެކު އަނެއްކާވެސް ތާވަލުގެ އެއްވަނައަށް އަރާފައެވެ. އަދި ދެވަނައިގާ އުޅޭ ލިވަޕޫލް އޮތީ އެއް ޕޮއިންޓް ފަހަތުން ފުލުގައި ވިއްދާފައެވެ.
ރޭގެ މެޗަށްފަހު ވާހަކަ ދައްކަމުން ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ބުނީ ކުރިއަށް ހުރި ހުރިހާ މެޗެއް ކާމިޔާބު ކުރަންޖެހޭކަން އޭނާ އަށާއި ހުރިހާ ކުޅުންތެރިންނަށްވެސް އެނގޭ ކަމަށާއި، އަދި އެއް މެޗް އެއްވަރުވި ނަމަވެސް ލިވަޕޫލަށް ލީގު ލިބޭނެކަން އެނގޭ ކަމަށެވެ. ރޭގެ މެޗުން ބަލިވުމާއެކު ބްރައިޓަން އުޅެނީ 40 ޕޮއިންޓާއެކު ތާވަލުގެ 10 ވަނައިގައެވެ.