ޕާކިސްތާނަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ދަތި ޙާލަތުން އަރައިގަތުމަށް ބައިނަލްއަޤްވާމީ މާލީ އިދާރާއިން އެހީތެރިކަން ހޯދުމުގެ ކުރިން ޚަރަދުތައް ކުޑަކުރަންޖެހޭކަމަށް އެ ޤައުމުގެ މާލީ ވަޒީރު މިފްތާހު އިސްމާއީލް ވިދާޅުވެެއްޖެއެވެ.
ޕާކިސްތާނުގެ ވެރިރަށް އިސްލާމުއާބާދުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިފްތާހު ވިދާޅުވީ ބައިނަލްއަޤްވާމީ މާލީ އިދާރާއިން އެހީތެރިކަން ލިބޭނެކަމުގެ އުއްމީދު ބޮޑުކަމަށެވެ. ނަމަވެސް އޭގެ ކުރިން އެ ޤައުމުގެ ޚަރަދުތައް ކުޑަކުރަންޖެހޭކަމަށާއި އޭގެ ތެރޭގައި ތެލާއި ކަރަންޓަށް ދެމުންދާ ސަބްސިޑީތައް ކަނޑާލުން ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ. އެ ސަބްސިޑީތައް ދިނުމަށް ޕާކިސްތާނުގެ ސަރުކާރުން އަހަރަކު 2.1 ބިލިޔަން އެމެރިކާ ޑޮލަރު ޚަރަދުކުރެއެވެ.
ޕާކިސްތާނުގެ އައު ސަރުކާރުން އުއްމީދުކުރަނީ 2019ވަނަ އަހަރުގެ ތެރޭގައި ބައިނަލްއަޤްވާމީ މާލީ އިދާރާއިން ދޭން އެއްބަސްވެފައިވާ ހަ ބިލިޔަން އެމެރިކާ ޑޮލަރުގެ ލިބޭނެކަމަށެވެ. ނަމަވެސް ބެލެވޭ ގޮތުގައި އެ އިދާރާއިން ދޭން ނިންމާނީ 900 މިލިޔަން އެމެރިކާ ޑޮލަރެވެ. އަދި ބާކީ ބައި ހަމަޖައްސާނީ އެހެން ގޮތްގޮތުންކަމަށްވަނީ ބެލެވިފައެވެ. ފާއިތުވި ދުވަސްތަކުގައި ޕާކިސްތާނުގެ ބޭރު ފައިސާގެ ރިސާވުވަނީ 10.8 ބިލިޔަން އެމެރިކާ ޑޮލަރަށް ދަށްވެފައެވެ. އެހެންކަމުން ބޭރުގެ އިދާރާތަކުގެ މާލީ އެހީތެރިކަން ހޯދުމަށް އެ ޤައުމަށްވަނީ މަޖުބޫރުވެފައެވެ.
ކޯވިޑް-19ގެ ސަބަބުންނާއި ޔޫކްރެއިނުގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ޕާކިސްތާނުގައި ތަކެތީގެ އަގުވަނީ އިންތިހާއަށް އުފުލިފައެވެ. އޭގެ އިތުރުން އެ ޤައުމުގެ އިޤްތިޞާދު މި އަހަރުގެ ތެރޭގައި ކުރިއަރާނެކަމަށް ބައިނަލްއަޤްވާމީ މާލީ އިދާރާއިން ލަފާކޮށްފައިވަނީ %4އަށެވެ.