ކުޅިވަރު

ދަ ގްރާންޑޭ އަތުން އީގަލްސްއަށް ޕޮއިންޓެއް


މައިލޯ އެފްއޭއެމް ވެޓެރަންސް ލީގު 2022 ގައި ބުދަ ދުވަހު ހަވީރު ކުޅުނު މެޗުގައި ފަހު ވަގުތު ލަނޑު ޖަހައި، ދަ ގްރާންޑޭ ސްޕޯޓްސް ކުލަބުން ކުލަބު އީގަލްސްއާ އެއްވަރުކޮށްފިއެވެ.

އެފްއޭއެމް ޓާފު އެއް ނަމްބަރު ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

ހަތް ޓީމުގެ މެދުގައި ކުޅޭ ލީގު ބުރުން އެއް ވަނަ އަދި ދެ ވަނަ ފައިނަލަށް ހޮވޭއިރު، ފައިނަލުގެ އެއް ޖާގަ ހުޅުމާކެ ވެޓްރަންސް އިން ވަނީ ޔަގީންކޮށްފަ އެވެ. ދެ ވަނަ ޖާގަ އަކަށް ވާދަކުރަނީ މުޅިން އަލަށް ވެޓެރަންސް މުބާރާތުގައި ކުޅެމުން އަންނަ ދަ ގްރާންޑޭ އާއި ތަރިން ގިނަ، މޯލްޑިވްސް ސޮކަ މޭޓްސް ޓީމެވެ. ހުޅުމާލެ ވެޓެރަންސް ޓީމަށް ފަސް މެޗުން 13 ޕޮއިންޓް ލިބިފައިވާއިރު،، ދެ ވަނައިގައި އޮތް ދަ ގްރާންޑޭ އަށް ވަނީ ފަސް މެޗުން 10 ޕޮއިންޓް ލިބިފައެވެ. ތިން ވަނައިގައި އޮތް ސޮކަ މޭޓްސް އަށް ހަތަރު މެޗުން ލިބިފައިވަނީ އަށް ޕޮއިންޓެވެ.

ސޮކަ މޭޓްސް އަށް ބާކީ އޮތީ ދަ ގްރާންޑޭ މެޗާއި އީގަލްސް މެޗެވެ. ދަ ގްރާންޑޭ އަށް ހަމައެކަނި އޮތީ ސޮކަ މޭޓްސް މެޗެވެ. ދަ ގްރާންޑޭ އަށް ދެން ފައިނަލުގެ ޖާަގަ އަމިއްލަ ބާރުގައި ޔަގީންކުރެވޭނީ ސޮކަ މޭޓްސް ބަލިކޮށްގެންނެވެ.

މި މެޗުގައި ދެ ޓީމުން ވެސް ލަނޑު ޖެހީ މެޗުގެ ފަހު 10 މިނިޓް ތެރޭގައެވެ. އެ ގޮތުން މެޗުގެ 50 ވަނަ މިނިޓްގައި ގޯލު ކުރިމަތިން ލިބުނު ބޯޅައަކުން އިބްރާހިމް އާމިރު އީގަލްސް އަށް ލީޑުަނަގައިދިނެވެ. ދަ ގްރާންޑޭ އަށް މެޗުގެ ފަހު މިނިޓްގައި އެއްވަރުކޮށްދިނީ ޓީމުގެ ކެޕްޓަން އަހުމަދު ޝަކީބް ޖެހި ލަނޑުންނެވެ. އޭރިއާތެރެއިން ޝަކީބް މި ލަނޑު ޖެހީ ބޮލުންނެވެ.

ތިން އަަހަރުގެ މެދުކެނޑުމަކަށް ފަހު އެފްއޭއެމްގެ ވެޓެރަންސް މުބާރާތް މި ފަހަރު ކުރިއަށްދާއިރު، އިންތިޒާމްކުރަނީ ކްލަބް އިވެންޓްސް އިންނެވެ.

މުބާރާތުގައި ބުރާސްފަތި ދުވަހު ހަވީރު ކުޅޭ މެޗުގައި ސިފައިން ކުޅޭނީ ޕޮލިހާއެވެ. މެޗު ފަށާނީ 16:30 ގައެވެ.