އިންޑިޔާގައި ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދު ދެގުނައަށް އިތުރުވެއްޖެއެވެ.
އިންޑިޔާގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނެފައިވަނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި 2,183 މީހުންނަށް ބަލިޖެހިފައިވާކަމަށެވެ. އެއީ އެއް މަސްދުވަހަށްފަހު ބަލިޖެހޭ މީހުންގެ ޢަދަދު އެ މިންވަރަށް އިތުރުވި ފުރަތަމަ ފަހަރެވެ. އޭގެ އިތުރުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލިޖެހިގެން 214އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. އޭގެ ތެރެއިން 151 މީހުން މަރުވެފައިވަނީ އިންޑިޔާގެ ދެކުނުގައި އޮންނަ ކެރަލާއިންނެވެ.
ފާއިތުވި ދުވަސްތަކުގައި އިންޑިޔާގައި އެންމެ ބޮޑަށް ކޯވިޑް-19 ފެތުރެން ފަށާފައިވަނީ ކެރާލާއި ދިއްލީއާއި މަހާރާޝްތުރާއާއި ހާރްޔާނާގައެވެ. ނަމަވެސް ބަލިޖެހިގެން ޙާލުދެރަވެގެން ހަސްފަތާލުގައި އެންދުމަތިކުރާ މީހުންގެ ޢަދަދުތައް ދަށެވެ. ބަލިފެތުރުން ހުއްޓުވުމަށް ދިއްލީއާއި އިންޑިޔާގެ އެންމެ އާބާދީބޮޑު އުއްތަރު ޕުރަދޭޝުގައި ޢާއްމު ތަންތަނުގައި އަލުން މާސްކުއެޅުންވަނީ މަޖުބޫރުކޮށްފައެވެ.
މިދިޔަ އަހަރުގެ އޭޕުރީލް އަދި މެއި މަހުގެ ތެރޭގައި އިންޑިޔާގައި ހަލުވިކަމާއެކު ކޯވިޑް-19 ފެތުރިފައިވެއެވެ. ފާއިތުވި ދެ އަހަރުދުވަހުގެ ތެރޭގައި އެ ޤައުމުގައި 43 މިލިޔަނަށްވުރެ ގިނަ މީހުންނަށްވަނީ ބަލިޖެހިފައެވެ. އަދި ބަލިމަޑުގައި 522,000އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.