އިނގިރޭސި ޕްރިމިއަރ ލީގުގެ އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ އާއި ބޮރޫޝިއާ ޑޯޓްމުންޑަށް ކުޅޭ ނޯވޭގެ ބައިނަލްއަޤްވާމީ ކުޅުންތެރިޔާ އަރލިންގ ބްރައުޓް ހާލަންޑާއި ގުޅުވައިގެން ދެކެވޭ ވާހަކަތަކަށް އެއްވެސް އެއްޗެއް ބުނަން ބޭނުން ނުވާކަމަށް ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ހާމަކޮށްފިއެވެ.
ޕެޕް މިކަން ހާމަކޮށްފައިވަނީ ބްރައިޓަން އެންޑް ހޯވް އެލްބިއަން އާއި މިރޭ ބައްދަލުކުރާ މެޗްގެ ކުރިން ނޫސްވެރިންނާއި ވާހަކަ ދައްކަމުންނެވެ.
އެންމެފަހުގެ ހަބަރުތައް ބުނާގޮތުން ސިޓީއިންވަނީ ހާލަންޑްގެ ރެފްރެސެންޓޭޓިވުންނާއި އެކު އެއްބަސްވުމަކަށް އައިސްފައެވެ. އަދި މިއަންނަ ސީޒަންގައި ހާލަންޑް ފެނިގެންދާނީ ސިޓީއިންކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. ނަމަވެސް ޕެޕް ހާމަކުރިގޮތުގައި އޭނާއަށް އެކަމާއި ގުޅެގޮތުން ދެވޭނެ އެއްވެސް ޖަވާބެއް ނެތް ކަމަށާއި އަދި މިއަންނަ ސީޒަންގައި ކްލަބްގައި ކަންވާނެ ގޮތަކާއި މެދު އޭނާގެ މާބޮޑު ފިކުރެއް ނެތް ކަމަށެވެ.
ސިޓީގައި ރަނގަޅު ފޯވަޑުން ތަކެއްއެބަތިބި ކަމަށާއި ޓްރާންސްފަރގެ ވާހަކަ އޭނާ ނުދައްކާނެކަމަށެވެ. ޕެޕްގެ އިތުރުން ސިޓީގެ މެނޭޖްމަންޓުންވެސް މިކަމާއި ގުޅެގޮތުން އެއްވެސް ވާހަކައެއް ހާމަކުރާކަށް ބޭނުމެއް ނުވެއެވެ. މަޢުލޫމާތު ލިބޭގޮތުގައި ހާލަންޑް ގެންދިއުމަށް ސިޓީގެ އިތުރުން ރެއާލް މެޑްރިދްވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. ޑޯޓްމުންޑާއި އެކު ހާލަންޑް ހަދާފައިވާ އެއްބަސްވުމުގެ ދަށުން 75 މިލިއަން ޔޫރޯގެ ރިލީޒް ކްލައުސްއެއް ހިމެނެއެވެ.