ކޮޕާ އިޓާލިއާގެ ފައިނަލުން އިންޓަރ މިލާން ޖާގަހޯދައިފިއެވެ.
މިމުބާރާތުގެ ފައިނަލުން އިންޓަ ޖާގަހޯދީ ސެމީފައިނަލްގައި ވާދަވެރި އޭސީ މިލާނާއި ވާދަކޮށް ކުޅުނު ދެމެޗް 3-0 ގެ އެގްރިގޭޓް ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.
މިދެޓީމުގެ މެދުގައި ކުޅުނު ފުރަތަމަ ލެގް އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި ނިމުނު އިރު ރޭ ކުޅުނު ދެވަނަ ލެގް ހީކުރި ވަރަށް ވުރެ ފަސޭހަ ކަމާއެކު އިންޓަ ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.
މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ މިލާނުން އުފެއްދި ނަމަވެސް އިންޓަގެ ޑިފެންސް ފޫއަޅުވާލެވޭގޮތެއް ނުވިއެވެ. އަދި މިމެޗްގެ ފެށުން ރަނގަޅުވީ އިންޓަގެއެވެ. މިގޮތުން މެޗްގެ ހަތަރުވަނަ މިނެޓްގައި ލައުޓާރޯ މާޓިނޭޒްވަނީ އިންޓައަށް ލީޑު ނަގާދީފައެވެ. އަދި މެޗްގެ 40 ވަނަ މިނެޓްގައި މާޓިނޭޒްވަނީ އިންޓަރގެ ލީޑު ފުޅަވެސް ކޮށްދީފައެވެ. މިމެޗްގެ ފުރަތަމަ ހާފްގައި މިލާނުން ފޮނުވާލި ނުރައްކާތެރި ދެ ހަމަލާއެއްވަނީ އިންޓަރގެ ގޯލްކީޕަރ ސަމީރު ހެންޑަނޮވިޗް ވަނީ ދިފާއު ކޮށްފައެވެ. މިމެޗްގައި އިންޓަރގެ ތިންވަނަ ލަނޑު މެޗްގެ 82 ވަނަ މިނެޓްގައި ޖަހާދިނީ ބަދަލު ކުޅުންތެރިޔާ ރޮބިން ގޮސެންސްއެވެ.
މިކާމިޔާބީއާއެކު މިމުބާރާތުގެ ފައިނަލުން އިންޓަ ޖާގަހޯދާފައިވާއިރު ފައިނަލްގައި އެޓީމާއި ވާދަކުރާ ޓީމެއް ކަށަވަރު ވެގެންދާނީ ޔުވެންޓަސް އާއި ފިއޮރެންޓީނާގެ މެދުގައި ކުޅޭ ސެމީފައިނަލް ކާމިޔާބުކުރާ ޓީމަކާއެވެ. މިދެޓީމް ބައްދަލުކުރި ފުރަތަމަ މެޗް އެއްލަނޑު ސުންލަނޑުން ކާމިޔާބުކޮށްފައިވަނީ ޔުވެންޓަސްއެވެ.