މައިލޯ އެފްއޭއެމް ވެޓެރަންސް ލީގު 2022 ގައި އަންގާރަ ދުވަހު ހަވީރު ކުޅުނު މެޗުގައި މޯލްޑިވްސް ސޮކަ މޭޓްސްއާ އެއްވަރުކޮށް ހުޅުމާލެ ވެޓެރަންސް ފައިނަލުގެ ޖާގަ ޔަގީންކޮށްފިއެވެ.
އެފްއޭއެމް ޓާފު އެއްނަމްބަރު ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.
ހަތް ޓީމުގެ މެދުގައި ކުޅޭ ލީގު ބުރުން އެއް ވަނަ އަދި ދެ ވަނަ ފައިނަލަށް ހޮވޭއިރު، މިއަދުގެ ނަތީޖާއާއެކު ހުޅުމާލެ ވެޓެރަންސް ވަނީ ގަދަ ދެ ޓީމުގެ ތެރެއިން ޖާގައެއް ޔަގީންކޮށްފައެވެ. ހުޅުމާލެ ވެޓެރަންސް އަށް ފަސް މެޗުން 13 ޕޮއިންޓް ލިބިފައިވާއިރު، ދެން ދެ ޓީމަކަށް އެ އަށް ވުރެ އިތުރަށް ޕޮއިންޓެއް ނުހޯދޭނެއެވެ. ދެ ވަނައިގައި އޮތް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ހަތަރު މެޗުން ނުވަ ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ސޮކަ މޭޓްސް އަށް ވަނީ ހަތަރު މެޗުން އަށް ޕޮއިންޓް ލިބިފައެވެ.
މި މެޗުގައި ފުރަތަމަ ލީޑުނެގީ މޯލްޑިވްސް ސޮކަ މޭޓްސް އިންނެވެ. މެޗުގެ 20 ވަނަ މިނިޓްގައި ސޮކަ މޭޓްސްގެ ލަނޑު ޖެހީ އެ ޓީމުގެ ފޯވާޑް، އަހުމަދު މަމްދޫހު (ފެނާންޑޯ)އެވެ. އޭނާ މި ލަނޑު ޖެހީ މުހުތާރް ނަސީރު (ޓޫކިލޯ)ގެ އެހީތެރިކަމާއެކުގައެވެ. އޭގެ އިރުކޮޅެއް ފަހުން ޓޫކިލޯ ކަކުލަށް އަނިޔާވެގެން ވަނީ ބަދަލުކޮށްފައެވެ.
ދެ ވަނަ ހާފުގައި ހުޅުމާލެ ވެޓެރަންސް އިން ވަނީ ކުޅުން ރަނގަޅުކޮށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ހުޅުމާލެ ވެޓެރަންސް އިން ނަތީޖާ ހަމަހަމަކުރީ މެޗުގެ 52 ވަނަ މިނިޓްގައި އިސްމާއިލް މުހައްމަދު (އިއްސެ) ޖެހި ލަނޑުންނެވެ.
ތިން އަަހަރުގެ މެދުކެނޑުމަކަށް ފަހު އެފްއޭއެމްގެ ވެޓެރަންސް މުބާރާތް މި ފަހަރު ކުރިއަށްދާއިރު، އިންތިޒާމްކުރަނީ ކްލަބް އިވެންޓްސް އިންނެވެ.