ކުޅިވަރު

އެމްއެމްއޭ އާއި ކުޅިވަރާ ބެހޭ ވުޒާރާއަށް މޮޅެއް


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ ރަމަޟާން ކްރިކެޓް ކާނިވަލުގައި ކުޅުނު މެޗުތައް މޯލްޑިވްސް މަނިތަރީ އޮތޯރިޓީ އާއި ކުޅިވަރާ ބެހޭ ވުޒާރާއިން ކާމިޔާބުކޮށްފިއެވެ.

އަންގާރަ ދުވަހު ކުޅުނު ފުރަތަމަ މެޗު ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އާއި ބައްދަލުކޮށް އެމްއެމްއޭ އިން މެޗު ކާމިޔާބުކުރީ 8 ވިކެޓުންނެވެ. މި މެޗުގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އިން ކުޅެންއަރާ 8 އޯވަރު ހަމަވިއިރު، 2 ކުޅުންތެރިން ނުބައިވެގެން 98 ލަނޑު ވަނީ ހަދާފައެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 20 ލަނޑު ހެދި އާދަމް އަބްދުﷲއެވެ. ޖަވާބުގައި އެމްއެމްއޭ ކުޅެންއަރާ 7 ވަނަ އޯވަރުގައި 100 ލަނޑު ހަދާ މެޗު ކާމިޔާބުކުރިއެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 35 ލަނޑު ހެދި އަޙްމަދު ސިންހާދު އާއި 25 ލަނޑު ހެދި މުޙައްމަދު މުބީންއެވެ.

އަންގާރަ ދުވަހު ހަވީރު ކުޅުނު ދެވަނަ މެޗު ކުޅިވަރާ ބެހޭ ވުޒާރާއިން ވަނީ 8 އޯވަރުގެ ތެރޭގައި ދެ ކުޅުންތެރިން ނުބައިވެގެން 142 ލަނޑު ހަދާފައެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 31 ލަނޑު ހެދި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް އާއި 31 ލަނޑު ހެދި ސައިފުލްގެ އިތުރުން 30 ލަނޑު ހެދި މުޙައްމަދު ރިޔާޒްއެވެ. ޖަވާބުގައި ރައީސް އޮފީސް ކުޅެންއަރާ 8 އޯވަރު ހަމަވިއިރު ހެދިފައިވަނީ 115 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 34 ލަނޑު ހެދި މުންސިދު މުހައްމަދެވެ.

މި މުބާރާތުގައި ބުދަ ދުވަހުވެސް ދެ މެޗު ކުޅޭނެއެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މޯލްޑިވްސް އިމިގްރޭޝަން އަދި މީރާއެވެ. ދެވަނަ މެޗު ގައި ބައްދަލުކުރާނީ ޕޮލިސް ކްލަބާއި ތީމުގެ ޓީމެވެ.