ވިޔަފާރި

ދަރަނިވެސް ދެއްކޭނެ؛ ތަރައްގީގެ މަޝްރޫއުތައްވެސް ކުރިއަށްދާނެ: ފައްޔާޟް


ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން ދަރަނި މެނޭޖްކޮށްގެން، ތަރައްގީގެ މަޝްރޫއުތައް ހިންގޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޟް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި މިނިސްޓަރ ފައްޔާޟް މިހެން ވިދާޅުވެފައި މިވަނީ، ދައުލަތުގެ މާލީ ފުދުންތެރިކަން ދެމެހެއްޓުމަށްޓަކައި ދަރަނި މެނޭޖްކުރުން ކޮންމެހެންވެސް މުހިންމުކަމަށް ވޯލްޑް ބޭންކުން ނެރެފައިވާ "މޯލްޑިވްސް ޑިިވެލޮޕްމެންޓް އަޕްޑޭޓް" ރިޕޯޓުގައި ބުނެފައިވާ ދަނޑިވަޅެއްގައެވެ.

ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ކޯވިޑަށްފަހު ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް ގެންގުޅުއްވާ ސިޔާސަތާއި ބެހޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން މިނިސްޓަރ ފައްޔާޟް ވިދާޅުވީ، ކޯވިޑްގެ ހާލަތު އައުމުގެ ކުރިންވެސް އަދި ކޯވިޑްގެ ތެރޭގައިވެސް ވޯލްޑް ބޭންކާއި ދުނިޔޭގެ މާލީ އިދާރާތަކާއެކު ރާއްޖެއިން ދިޔައީ މަސައްކަތްކުރަމުންކަމަށެވެ. އަދި ރާއްޖެގެ ތަރައްގީއަށް ދަރަނި ނަގަންޖެހޭކަން މާލީ އިދާރާތަކުންވެސް ގަބޫލުކުރައްވާކަމަށް ފައްޔާޒު ވިދާޅުވިއެވެ.

"އެބޭފުޅުންވެސް ބައިވަރު ދަރަނި އެބަ ހޯދައިދޭ. އެހެންނަމަވެސް އަޅުގަނޑުމެންނާއި ވޯލްޑް ބޭންކާއި ވާހަކަ ދެކެވި ޕްލޭންތަކެއް ކުރެވިގެން މިދަނީ ދަރަނި މެނޭޖްކުރެވޭނެ ގޮތްތަކަށް. ފިނޭންސް މިނިސްޓަރ ވަރަށް ވަރުގަދަ ޕްލޭންތަކަކާ އެއްކޮށް ވޯލްޑް ބޭންކާއި އެއްކޮށް އިށީންދެ އަޅުގަނޑުމެން ދަރަނި މެނޭޖްކުރަން ކުރާނެ ކަންތައްތަކެއްގެ މަގު ޗާޓެއްގެ ތެރެއިން ހަގީޤަތުގައި މަސައްކަތްކުރަމުން މިދަނީ" ފައްޔާޟް ވިދާޅުވިއެވެެ.

މިނިސްޓަރ ފައްޔާޟް ވިދާޅުވީ ރަޝިޔާއާއި ޔޫކްރެއިންގެ ހަނގުރާމައިގެ ސަބަބުން އިގްތިސާދަށް ލޮޅުންތަކެއް އަރަމުންދާކަމަށެވެ. ނަމަވެސް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާއި، ގެންގުޅުއްވާ ސިޔާސަތުތަކުގެ ސަަބަބުން މާބޮޑު ދައްޗެއް ކުރިމަތިނުވެ، ކަންކަން ރަނގަޅަށް ކުރިއަށްގެންދެވޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ފައްޔާޟް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން، ވިސްނުންތެރިކަމާއެކު ސަރުކާރުން ކުރާ މަސައްކަތްތަކުގެ ތެރެއިން ދަރަނި މެނޭޖްވެސް ކުރެވޭނެކަމަށެވެ. އަދި ގައުމުގެ ތަރައްޤީއަށާއި އަސާސީ އެކިއެކި ކަންކަން ކުރަމުން ބޭނުންވާ ފައިސާ އަދިވެސް ލިބެމުންދާކަން މިނިސްްޓަރ ފައްޔާޟް ފާހަގަކުރެއްވިއެވެ.

"އެއީވެސް އޭގެ ޒާތުގައި ހެއްކެއް އަޅުގަނޑުމެންގެ އިޤްތިޞާދުގެ ވަރުގަދަކަން، އެއީ އަޅުގަނޑުމެންގެ މި ހާލަތުގައިވެސް އަޅުގަނޑުމެންނަށް ދަރަނިވެސް އެބަ ލިބޭ. ދަރަނި ނަގަން އެބަޖެހޭ. ތަރައްޤީގެ ކަންކަންވެސް ރައްޔިތުން އެބަ ބޭނުންވޭ. އެ ކަންކަންވެސް ކުރެވޭނީ ދަރަނިވެސް ނަގައިގެން. ވަރަށް އުޖާލާކޮށް ފެންނަނީ.އިރާދަކުރެއްވިއްޔާ މިހާރު ހުރި ޕްލޭންތަކުގެ ތެރެއިން ކާމިޔާބު ލިބޭނެ" ފައްޔާޟް ވިދާޅުވިއެވެެ.

ދަރަނި މެނޭޖްކޮށްގެންވެސް ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދެވޭނެކަމަށް ސަރުކާރުން ވިދާޅުވާއިރު ރާއްޖޭގެ އިގްތިސާދު ކުރިއަރަމުންދާކަން ދުނިޔޭގެ މާލީ އިދާރާތަކުންވެސް ދަނީ ފާހަގަކުރަމުންނެވެ. އެގޮތުން ވޯލްޑް ބެންކު، އައިއެމްއެފް އަދި އޭޑީބީންވެސް އެންމެފަހުން ނެރުނު ރިޕޯޓްތަކުގައި ވަނީ ރާއްޖޭގެ އިގްތިސާދަކީ މިސަރަހައްދުގައިވެސް އެންމެ ބާރަށް ކުރިއަރަމުން އަންނަ އިގްތިސާދުކަން ފާހަގަކޮށްފައެވެ. އަދި އިގްތިސާދީގޮތުން ހޯދަމުންދާ ކުރިއެރުންތަކަކީ ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަކުގެ ކާމިޔާބީއެއްކަންވެސް ރިޕޯޓްތަކުގައި ފާހަގަކޮށްފައިވެއެވެ.