ޚަބަރު

ދޮންބާސަށް ރަޝިޔާގެ ވަރުގަދަ ޙަމަލާތަކެއް


ޔޫކްރެއިނުގެ އިރުމަތީގައި އޮންނަ ދޮންބާސްގެ ދެ ދަޢުލަތް މިނިވަންކުރުމަށް ރަޝިޔާގެ ފައުޖުތަކުން ވަރުގަދަ ޙަމަލާތަކެއް ދޭން ފަށައިފިއެވެ.

ދޮންބާސްގެ ދެ ދަޢުލަތްކަމަށްވާ ދޮންޔެސްކާއި ލުހާންސްކް މިނިވަންކުރުމަށް ރަޝިޔާގެ އެތައް ހާސް ސިފައިންނެއް ބަރުހަތިޔާރާއެކު އެ ސަރަޙައްދަށްވަނީ ފޮނުވައިފައެވެ. ޔޫކްރެއިނުގެ ވެރިރަށްކަމަށްވާ ކިޔޭވަށް ދެމުންދާ ޙަމަލާތައް މެދުކަނޑާލުމަށްފަހު ރަޝިޔާއިން ކުރިން ބުނެފައިވަނީ އެންމެ ބޮޑު އިސްކަމެއް ދޭނީ ދޮންބާސް މިނިވަންކުރުމަށްކަމަށެވެ. އެއާއެކު ދޮންބާސަށް ދޭން ފެށި ވަރުގަދަ ޙަމަލާތަކުގައި ރަޝިޔާގެ ފައުޖުތަކުންވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދައިފައެވެ.

ޔޫކްރެއިނުގެ ދިފާޢީ ވުޒާރާއިން ބުނެފައިވަނީ ދޮންބާސް ދިފާޢުކުރުމަށް ހިތްވަރާއެކު ހަނގުރާމަކުރާނެކަމަށެވެ. ނަމަވެސް ދޮންބާސްގެ 4،000 ކިލޯމީޓަރަށްވުރެ ދިގު ސަރަޙައްދީ ރޮނގު ބޭނުންކޮށްގެން ރަޝިޔާއިން ޙަމަލާދެމުންދާކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ. އެ ގޮތުން ރަޝިޔާގެ އަސްކަރިއްޔާއިންވަނީ ޔޫކްރެއިނުގެ ޢަމާޒުތަކަށް ގިނަ ޢަދަދެއްގެ މިސައިލާއި ރޮކެޓުން ޙަމަލާދޭން ފަށައިފައެވެ. އެ ޙަމަލާތަކުގައި ލުހާންސްކުގެ 18،000 މީހުން ދިރިއުޅޭ އަވަށެއްވަނީ ރަޝިޔާގެ ބާރުގެ ދަށަށް ގެނެސްފައެވެ.

ދޮންބާސް މިނިވަންކުރުމަށް ދެމުންދާ ޙަމަލާތަކާ ގުޅޭގޮތުން ރަޝިޔާގެ ދިފާޢީ ވުޒާރާއިން އެއްވެސް ތަފްޞީލެއް ނުދެއެވެ. ނަމަވެސް އެ ވުޒާރާއިން ބުނެފައިވަނީ ޔޫކްރެއިނުގެ ހަނގުރާމައިގެ އިތުރު ބާބެއް ފެށިފައިވާކަމަށެވެ. ދޮންބާސްގެ އިތުރުން ޔޫކްރެއިނުގެ ދެކުނުގައި އޮންނަ މުޙިއްމު ބަނދަރުމަތީ ރަށެއްކަމަށްވާ މެރިއުޕޯލަށް ދެމުންދާ ޙަމަލާތައްވެސް ރަޝިޔާއިންވަނީ އިތުރުކޮށްފައެވެ. މެރިއުޕޯލުގެ ބޮޑު ބައެއް ރަޝިޔާގެ ބާރުގެ ދަށުގައި އޮތް ނަމަވެސް އެ ރަށުގެ ބައެއް ސަރަޙައްދުތައް އަދިވެސް އޮތީ ޔޫކްރެއިނުގެ ސިފައިންގެ ބާރުގެ ދަށުގައެވެ. ޔޫކްރެއިނުގެ ދެކުނުގެ އެހެން ހުރިހާ ސަރަޙައްދެއް އޮތީ ރަޝިޔާގެ އަސްކަރީ ބާރުގެ ދަށުގައެވެ.

ޔޫކްރެއިނުގެ އުތުރުގައި އޮންނަ ކިޔޭވު ކައިރިއަށް ޖަމާކޮށްފައިވާ އެތައް ހާސް ސިފައިންނެއް އެ ޤައުމުގެ އިރުމަތީގެ ސަރަހައްދުތަކަށް ފޮނުވުމަށްފަހު ރަޝިޔާއިން ސިފައިން ދެމުންދާ ޙަމަލާތަކުގައި ޔޫކްރެއިނުގެ ދެވަނައަށް އެންމެ ބޮޑު ރަށްކަމަށްވާ ކަރްކީވަށް ދެމުންދާ ޙަމަލާތައްވެސްވަނީ އިތުރުކޮށްފައެވެ. އަދި ޔޫކްރެއިނުގެ ހަނގުރާމައިގެ ކުރީކޮޅުގައި ހެދުނު ގޯސްތައް ދެނެގަނެ ރަޝިޔާގެ ލަޝްކަރުތައް އަލުންވަނީ އިންތިޒާމުކޮށްފައެވެ.

ދޮންބާސްގެ ދޮންޔެސްކާއި ލުހާންސްކަކީ އަމިއްލައަށް މިނިވަންކަން އިޢުލާންކޮށްފައިވާ ދެ ދަޢުލަތެވެ. އަދި ފެބްރުއަރީ މަހުގެ 24ވަނަ ދުވަހު ޔޫކްރެއިނަށް ޙަމަލާދިނުމުގެކުރިން ރަޝިޔާއިންވަނީ އެ ދެ ދަޢުލަތުގެ މިނިވަންކަން ޤަބޫލުކޮށްފައެވެ. ދޮންޔެސްކާއި ލުހާންސްކުގައި ދިރިއުޅެނީ ރަޝިޔާ ބަހުން ވާހަކަދައްކައި ރަޝިޔާ ނަޞްލުގެ މީހުންނެވެ. އަދި 2014ވަނަ އަހަރުން ފެށިގެން ޔޫކްރެއިނުން މިނިވަންކަން ހޯދުމަށް ދޮންބާސުން ދަނީ ހަނގުރާމަކުރަމުންނެވެ. ނަމަވެސް ފާއިތުވި ހަފުތާތަކުގައި ދޮންޔެސްކާއި ލުހާންސްކުންވަނީ ރަޝިޔާއާ ގުޅުމުގެ ޝައުޤުވެރިކަން ފާޅުކޮށްފައެވެ.