ޚަބަރު

ނޭޕާލުގެ ސަރުކާރަށް މަރުކަޒީ ބޭންކުގެ ގަވަރުނަރެއް ބޭރެއްނުކުރެވުނު


ނޭޕާލުގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު ބޭރުކުރަން އެ ޤައުމުގެ ސަރުކާރުން ކުރަމުންދިޔަ މަސައްކަތް ސުޕުރީމު ކޯޓުން ހުއްޓުވައިފިއެވެ.

އޭޕުރީލް މަހުގެ 8ވަނަ ދުވަހު ނޭޕާލުގެ ސަރުކާރުންވަނީ މަރުކަޒީ ބޭންކުގެ ގަވަރުނަރުގެ މަޤާމުން މަހާ ޕުރަސާދު އަދީކަރި އެކަހެރިކޮށްފައެވެ. އަދި މަޤާމުގެ މަސްޢޫލިއްޔަތުތައް އޭނާގެ ނައިބާވަނީ ޙަވާލުކޮށްފައެވެ. ނަމަވެސް ނޭޕާލުގެ ސުޕުރީމު ކޯޓުން ނެރުނު ވަޤުތީ ޢަމުރުގައިވަނީ އެ ނިންމުން މަޑުޖައްސާލުމަށް އަންގައިފައެވެ. އަދި މަރުކަޒީ ބޭންކުގެ ގަވަރުނަރަށް ވަޒީފާގެ މަސްޢޫލިއްޔަތުތައް ޢަދާކުރެވޭނެ މާޙައުލެއް ފަހިކޮށްދިނުމަށްވެސް ކޯޓުންވަނީ ޢަމުރުކޮށްފައެވެ. އެ މައްސަލާގެ އިތުރު އަޑުއެހުމެއް އޭޕުރީލް މަހުގެ 26ވަނަ ދުވަހު ބޭއްވުމަށް ކޯޓުންވަނީ ނިންމައިފައެވެ.

ނޭޕާލުގެ ސަރުކާރުން އެ ޤައުމުގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު އެކަހެރިކުރި ސަބަބެއް ސާފެއްނުވެއެވެ. ނަމަވެސް އޭނާގެ މައްޗަށް ތުޙްމަތުކުރެވިފައިވަނީ ދަޢުލަތުގެ މާލީ ސިއްރުތައް ޢާއްމުކުރުންކަމަށް ބުނެވެއެވެ. ނޭޕާލަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ދަތި ޙާލަތުން އަރައިގަތުމަށް މުޙިއްމު ފިޔަވަޅުތަކެއް އެޅުމުގެ ޒިންމާ މަރުކަޒީ ބޭންކުގެ ގަވަރުނަރަށް އޮވެއެވެ.

ފާއިތުވި ދުވަސްތަކުގައި ނޭޕާލުގެ ބޭރު ފައިސާގެ ރިސާވު %18 ދަށަށް ގޮސްފައިވުމުން އެ ޤައުމުގައި ބޭރު ފައިސާ ދަޢުރުކުރުން އިތުރުކުރުމަށް އެ ޤައުމުގެ ސަރުކާރުންވަނީ ގިނަ ފިޔަވަޅުތަކެއް އަޅައިފައެވެ.