ޚަބަރު

ޕާކިސްތާނަށް އައު ވަޒީރުންގެ މަޖިލީހެއް، ޗައިނާއާ ގުޅުންބަދަހިކުރަން އިސްކަންދޭނެ


ޕާކިސްތާނުގެ އައު ވަޒީރުންގެ މަޖިލިސް އެކުލަވާލައިފިއެވެ.

ޕާކިސްތާނުގައި އަލަށް އެކުލަވާލި ވަޒީރުންގެ މަޖިލީހުގައި ގިނައިން ތިއްބެވީ ބޮޑުވަޒީރުގެ މަޤާމުން އިމުރާން ޚާން ވަކިކުރެއްވުމަށް އިސްކޮށް ޙަރަކާތްތެރިވެވަޑައިގަތް ބޭފުޅުންނެވެ. އޭގެ ތެރޭގައި ފަސް އަންހެން ބޭފުޅުންވެސް ހިމެނިވަޑައިގަންނަވައެވެ.

ބޮޑު އިޤްތިޞާދީ ކާރިޘާއަކާ ކުރިމަތިލާން ޖެހިފައިވާ ޕާކިސްތާނުގެ މާލީ ވަޒީރުގެ މަޤާމަށް ޢައްޔަންކޮށްފައިވަނީ ޢުމުރުފުޅުން 57 އަހަރުގެ މިފްތާހު އިސްމާއީލެވެ. އޭނާގެ ނައިބެއްގެ ގޮތުގައި ޢައްޔަންކޮށްފައިވަނީ ޢާއިޝާ ގައުސް ޕާޝާއެވެ. އެ ބޭފުޅުންގެ އެންމެ ބޮޑު ޒިންމާއަކަށްވެފައިވަނީ ޗައިނާއާއެކު އޮތް ގުޅުންތައް ވަރުގަދަކުރުމެވެ. އެ ގޮތުން މިފްތާހު އިސްމާއީލުގެ ރަސްމީ ފުރަތަމަ ބައްދަލުކުރެއްވުން އޮތީ ޗައިނާގެ އެންބަސީގައެވެ.

ޗައިނާ ޕާކިސްތާން އެކޮނޮމިކް ކޮރިޑޯ، ސީޕެކުގެ ދަށުން ޗައިނާއިންވަނީ އެތައް ބިލިޔަން އެމެރިކާ ޑޮލަރެއް ލޯނުގެ ގޮތުގައި ޕާކިސްތާނަށް ފޯރުކޮށްދީފައެވެ. އަދި ޕާކިސްތާނުގެ ތަރައްޤީއަށް ޗައިނާއިންވަނީ ބޮޑު ޚަރަދެއްކޮށްފައެވެ. ނަމަވެސް ޕާކިސްތާނަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ދަތި ޙާލަތުގެ ސަބަބުން އެ ލޯނުތައް ދެއްކުމަށް ލުއި ގޮތްތަކެއް ހޯދުމަށް އެ ޤައުމުގެ ސަރުކާރުން ބޭނުންވެއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޝާހުބާޒު ޝަރީފު ވިދާޅުވެފައިވަނީ އައު ވަޒީރުން މަޖިލިސް އެކުލަވާލެއްވީ އޭނާގެ ބޭބޭފުޅު އަދި ތިން ފަހަރެއްގެ މަތިން ބޮޑުވަޒީރުކަން ކުރެއްވި ނަވާޒު ޝަރީފުގެ ލަފާފުޅުގެ މަތިންކަމަށެވެ. އަދި ޕާކިސްތާނުގެ އައު ވަޒީރުންނާއި އެ ބޭފުޅުންގެ ނައިބުންނާއި މުޝީރުންގެ ހަމައެކަނި ޒިންމާއަކީ ޤައުމުގެ ޙާލަތުގެ ރަނގަޅުކުރުމަށް ހުއްޓާނުލައި މަސައްކަތްކުރެއްވުންކަމަށް ޝާހުބާޒު ވިދާޅުވިއެވެ.

ޕާކިސްތާނުގެ އައު ވަޒީރުން މަޖިލީހުގައި ހިމެނެނީ 33 ވަޒީރުންނެވެ. އޭގެ އިތުރުން ތިން މުޝީރުން ޢައްޔަންކޮށްފައިވެއެވެ.