ޚަބަރު

ލަންކާގެ މުޒާހަރާތައް ހުއްޓުވަން ފުލުހުން ބަޑިޖަހައިފި


ސުރީ ލަންކާއަށް ކުރިމަތިވެފައިވާ ނާޒުކު އިޤްތިޞާދީ ޙާލަތުގެ ސަބަބުން ރުޅިގަދަވެފައިވާ ޢާއްމުން ކުރަމުންދާ މުޒަހަރާތައް ހުއްޓުވުމަށް ފުލުހުން ބަޑިޖަހައިފިއެވެ. އެއީ ސުރީ ލަންކާގައި ދިގުލައިގެން ގޮސްފައިވާ މުޒާހަރާތައް ހުއްޓުވުމަށް އެ ޤައުމުގެ ފުލުހުން ޢާއްމުންނާ ދެކޮޅަށް ބަޑިޖެހި ފުރަތަމަ ފަހަރެވެ. ފުލުހުންގެ ޙަމަލާތަކުގައި ޢާއްމުންގެ މީހަކު މަރުވެ ގިނަ ބަޔަކު ޒަޚަމުވިއެވެ.

ސުރީ ލަންކާގެ ފުލުހުން ބުނެފައިވަނީ ވެރިރަށް ކޮލޮންބޯގެ މުޙިއްމު ރޭލްވޭއެއް އެތައް ގަޑިއިރުތަކަކަށް ބަންދުކޮށްގެން ތިބުމުން އެ ސަރަޙައްދުން ޢާއްމުން ފޮނުވާލުމަށް ބާރުގެ ބޭނުންކުރަން ޖެހުނުކަމަށެވެ. އަދި އެއްވެފައިވާ ޢާއްމުން ނުކިޔަމަންތެރިކަން ދައްކައި ގަލުންނާއި އެ ނޫންވެސް ނުރައްކާތެރި އެއްޗެހިން ޙަމަލާދޭން ފެށުމުން ކަރުނަގޭހާއި ބަޑިޖަހަން މަޖުބޫރުވިކަމަށް ފުލުހުން ބުނެފައިވެއެވެ. އެ ހަމަނުޖެހުންތަކުގައި ފުލުހުންގެ ގިނަ ބަޔަކަށް އަނިޔާވެ ހަސްފަތާލަށް ގެންދަންޖެހުނުކަމަށްވެއެވެ. އެ ސަރަޙައްދުގައި ފުލުހުން ފަހުންވަނީ ކާފިޔު އިޢުލާންކޮށްފައެވެ.

ސުރީ ލަންކާގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގާފައިވަނީ އެ ޤައުމުގެ ވަޒީރުންގެ މަޖިލިސް އަލުން އެކުލަވާލައި އެ ޤައުމަށް ކުރިމަތިވެފައިވާ އިޤްތިޞާދީ މައްސަލަތަކުން އަރައިގަތުމަށް ބައިނަލްއަޤްވާމީ މާލީ އިދާރާއާ މަޝްވަރާކުރަން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. ސުރީ ލަންކާގެ މާލީ ވަޒީރު ޢަލީ ޞަބްރީ ވިދާޅުވެފައިވަނީ އެ އިދާރާއިން ލޯނެއް ހޯދުމަށް އެދިފައިވާނެކަމަށެވެ. އަދި އެ އިދާރާއިން އެހީތެރިކަން ހޯދުމަށް ސުރީ ލަންކާގެ ފަރާތުން އިންޑިޔާގެ ސަރުކާރުންވެސް ވަކާލާތުކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. ކުރިޔަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި ސުރީ ލަންކާއަށް ތިން ބިލިޔަން އެމެރިކާ ޑޮލަރު ބޭނުންވާކަމަށް އޭނާވަނީ ކުރިން ވިދާޅުވެފައެވެ.

ސުރީ ލަންކާއަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށް އެ ޤައުމުން އެދިފައިވަނީ ބައިނަލްއަޤްވާމީ މާލީ އިދާރާގެ އިތުރުން ވޯލްޑު ބޭންކުންނާއި އިންޑިޔާގެ ސަރުކާރުންނެވެ. ފާއިތުވި ދުވަސްތަކުގައި އިންޑިޔާއާއި ޗައިނާއިންވަނީ މާލީ އެހީގެ ގޮތުގައި އެތައް ބިލިޔަން އެމެރިކާ ޑޮލަރެއް ސުރީ ލަންކާއަށް ފޯރުކޮށްދީފައެވެ. އޭގެ އިތުރުން އިންޑިޔާއިންވަނީ ސުރީ ލަންކާއަށް ބޭނުންވާ ތެލާއި ހަނޑުލާއި ބޭހާއި އެ ނޫންވެސް ޒަރޫރީ ސާމާނު ފޯރުކޮށްދޭން ފަށައިފައެވެ. ސުރީ ލަންކާގެ މަރުކަޒީ ބޭންކުން ބުނެފައިވަނީ ޢާއްމުންނަށް ބޭނުންވާ ޒަރޫރީ ސާމާނު ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން ބައިނަލްއަޤްވާމީ އެކި ފަރާތްތަކަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުން މަޑުޖައްސާލާފައިވާކަމަށެވެ. އެ ޤައުމުން ބުނެފައިވާ ގޮތުގައި އަންނަ ޖުލައި މަހުގެ ތެރޭގައި ދަރަނީގެ ގޮތުގައި އެއް ބިލިޔަން އެމެރިކާ ޑޮލަރު ދައްކަންޖެހެއެވެ.