ސްޕެނިޝް ލަލީގާގައި އެފްސީ ބާސެލޯނާ އާއި ކާޑީޒް ބައްދަލުކުރިމެޗް ކާޑީޒް ކާމިޔާބުކޮށް ގިނަ ބަޔަކު ހައިރާން ކޮށްލައިފިއެވެ.
ބާސާގެ ދަނޑުގައި ކުޅުނު މިމެޗް ކާޑީޒް ކާމިޔާބުކުރީ އެއްލަނޑު ސުންލަނޑުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވަެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބާރސާއިންނެވެ. ނަމަވެސް ބާރސާއިން މެޗް ކޮންޓްރޯލް ކުރުމާއެކުވެސް ކާޑީޒްގެ ޑިފެންސް ފޫއަޅުވާލެވޭގޮތެއް ނުވިއެވެ. މިމެޗްގައި ކާޑީޒްއިން ޖެހި ހަމައެކަނި ލަނޑު ދެވަނަ ހާފްގެ ކުޅުން ފެށިތާ ތިންވަނަ މިނެޓްގައި ޖަހާދިނީ ލޫކަސް ޕެރޭޒްއެވެ. މިމެޗަށް ބާރސާއިން ނިކުތީ ބަދަލުތަކަކާއެކުއެވެ. މިއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހަށްފަހު ލަލީގާގައި ބާރސާ ބަލިވި ފުރަތަމަ މެޗެވެ. އަދި މިއީ އަމިއްލަ ދަނޑުގައި ބާރސާ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗެވެ. މީގެ ފަސްރޭ ކުރިން އަމިއްލަ ދަނޑުގައި އެއިންޓްރެކްޓް ފްރޭންކްފަރޓް އާއި ބައްދަލުކުރިމެޗުން ބަލިވެ ޔޫރޮޕާ ލީގުންވެސް ކަޓާފައެވެ.
މިކާމިޔާބީއާއެކު ތާވަލްގެ 18 ވަނައިގާ އޮވެގެން މެޗްފެށި ކާޑީޒް އަށް މިހާރުވަނީ 32 މެޗުން ލިބިފައިވާ 31 ޕޮއިންޓައެކު ތާވަލްގެ 16 ވަނައަށް ކުރިއަށް ޖެހިލުމުގެ ފުރުސަތު ލިބި ރެލިގޭޝަން ސަރަހައްދުން މިވަގުތަށް ބޭރުވެވިފައެވެ. އަދި މިމެޗުން ބަލިވުމުން ބާރސާއިން ލީގުގެ އެއްވަނައިގާ އުޅޭ ރެއާލް މެޑްރިޑައި ދެމެދުގައިވާ ފަރަގު ކުޑަކުރުމަށް ލިބުނު ފުރުސަތު މިވަނީ ގެއްލިގެން ގޮސްފައެވެ. މިހާރު ރެއާލް އާއި ބާރސާއާއި ދެމެދު 15 ޕޮއިންޓްގެ ތަފާތު ހުރުމުން މިފަހަރުގެ ލީގު ރެއާލްއިން ކާމިޔާބު ކުރާނެކަން މިހާރުވަނީ ގާތްގަޑަކަށް ޔަގީންވެފައެވެ