ކުޅިވަރު

ގޯލްޑްކަޕް ނުހޯދެންވީ ސަބަބެއް ނެތް - އެމްބެސެޑަރ


ބަންގްބަންދު ގޯލްޑްކަޕްގެ ތަށި ރާއްޖެއަށް ނުހޯދެންވީ އެއްވެސް ސަބަބެއް ނެތްކަމަށް ބަނގްލަދޭޝްގައި ހުންނަވާ ރާއްޖޭގެ އެންބެސެޑަރ ޑރ.މުހައްމަދު އާސިމް ވިދާޅުވެއްޖެއެވެ. އެންބެސެޑަރ ޑރ.މުހައްމަދު އާސިމް މިހެން ވިދާޅުވެފައިވަނީ ރާއްޖޭގެ ޓީމަށް ހިތްވަރު ދިނުމުގެ ގޮތުން ގުލްޝަންގައި އިއްޔެ ބޭއްވި ހާއްސަ ސައިފޮދަކަށްފަހު ޤައުމީ ޓީމްގެ ކުޅުންތެރިންނާ މުހާބަތްކޮށް ދެއްކެވި ވާހަކަފުޅުގައެވެ. އެންބެސެޑަރ ވިދާޅުވީ ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ތިބީ ޓީމްގެ ފަހަތުގައިކަމަށާ ހާއްސަކޮށް ބަންގްލަދޭޝްގައި ކިޔަވަމުންދާ ދިވެހި ކުދިންވެސް ތިބީ ޓީމްގެ ފަހަތުގައިކަމަށެވެ. މިހާތަނަށް ރާއްޖޭގެ ޓީމްގެ ފަރާތުން ފެނިފައިވަނީ މޮޅު ކުޅުމެއްކަމަށާ ހާއްސަކޮށް ގްރޫޕް ސްޓޭޖްގައި ކުޅުނު މެޗްތަކުން ޓީމަށް އިތުރު ހިތްވަރެއް ލިބިގެންގޮސްފައިވާކަމަށް ޤަބޫލް ކުރައްވާކަމަށް އެންބެސެޑަރ ޑރ.މުހައްމަދު އާސިމް ވިދާޅުވިއެވެ. އަދި ކޮންމެ ޤައުމެއްގައި ކުޅުނަސް ރީތިނަން ލިބޭނީ ޤައުމަށްކަމަށާ ކޮންމެ ކުއްޖަކުވެސް ޤައުމަށް ރީތިނަން ހޯދައިދިނުމަށް މަސައްކަތްކޮށް ދިނުމަށް އެމްބެސެޑަރ ގޮވާލެއްވިއެވެ."ކުރިއަށްއޮތް މެޗަކީ އަޅުގަނޑުމެންނަށް ވަރަށް މުހިންމު މެޗެއް. މިހާރު އަޅުގަނޅުމެން މިއޮތީ ސެމީއަށް ގޮސްފަ. ނޭޕާލް ޓީމާއެކު އަޅުގަނޑުމެން ދެން މިއޮތީ ކުޅެން. އަޅުގަނޑަށް ޔަގީން އެމެޗްގައިވެސް އަޅުގަނޑުމެންނަށް ވަރަށް ފުރިހަމަ ކާމިޔާބީއެއް ލިބިގެންދާނެކަން. އަޅުގަނޑު މިފުރުސަތުގަ ޓީމްގެ މެނޭޖްމަންޓާއި، އޮފިޝަލުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ކުޅުންތެރިން މިފަދަ ކާމިޔާބީއަކާ ހަމައަށް ގެންގޮސްދިނުމުގައި ކުރާ ބުރަ މަސައްކަތަށް." އެމްބެސެޑަރ ވިދާޅުވިއެވެ.މުބާރާތުގައި ރާއްޖެއަށް ކުރިއަށް އޮތީ ސެމީފައިނަލް މެޗެވެ. ސެމީފައިނަލްގައި މާދަމާ ރާއްޖެ ނިކުންނާނީ ނޭޕާލާދެކޮޅަށެވެ. މެޗު ފަށާނީ ހަވީރު 4:30 ގައެވެ. މިމެޗު ޓީވީއެމްއިން ވަގުތުން ދައްކާނެއެވެ. އަދި މެޗު ހިނގަމުންދާގޮތް ދިވެހިރާއްޖޭގެ އަޑުން ދުރަށް ފޮނުވާނެއެވެ.