މައިލޯ އެފްއޭއެމް ވެޓެރަންސް ލީގު 2022 ގައި ދިވެހި ސިފައިންގެ ކްލަބާއި ކްލަބް ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
އެފްއޭއެމް އެއް ނަމްބަރު ޓާފް ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވީ 3-3 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ 11 ވަނަ މިނިޓުގައި ކްލަބް ގްރީން ސްޓްރީޓްސް އަށް ލީޑުނަގައިދިނީ އިބްރާހިމް މަމްނޫން (މަންމު)އެވެ. އަހުމަދު ފަޒަލް ވަނީ ފުރަތަަމަ ހާފުގެ ފަހު ކޮޅުގައި ސިފައިންގެ ޓީމަށް އެއްވަރުކޮށްދީފައެވެ.
ދެ ވަނަ ހާފުގެ ކުޅުން ފެށިގެން 10 މިނިޓުގެތެރޭ ގްރީން ސްޓްރީޓްސްގެ އިލްޔާސް އިބްރާހިމް (އިއްލެ) ވަނީ އެ ޓީމަށް އަލުން ލީޑުނަގައިދީފަ އެވެ. އޭގެ ފަސް ވަރަކަށް މިނިޓު ފަހުން އަފްރާހް އިބްރާހިމް ވަނީ ސިފައިންގެ ޓީމަށް ދެ ވަނަ ފަހަރަށް އެއްވަރުކޮށްދީފައެވެ. އަދި އަހުމަދު ޝާމިންގެ ލަނޑުން ސިފައިން ފުރަތަަމަ ފަހަރަށް ލީޑުނެގިއިރު، ގްރީން ސްޓްރީޓްސް އަށް އެއްވަރުކޮށްދިން ލަނޑު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މަންމު އެވެ
މި މެޗުން ލިބުނު ޕޮއިންޓާ އެކު ގްރީން ސްޓްރީޓްސް އޮތީ ހަ ވަނައިގަ އެވެ. ޖެހިޖެހިގެން ތިން ވަނަ މެޗު އެއްވަރުކޮށް ސިފައިން އޮތީ ފަސް ވަނައިގައެވެ
ތިން އަަހަރުގެ މެދުކެނޑުމަކަށް ފަހު އެފްއޭއެމްގެ ވެޓެރަންސް މުބާރާތް މި ފަހަރު ކުރިއަށްދާއިރު، އިންތިޒާމްކުރަނީ ކްލަބް އިވެންޓްސް އިންނެވެ.
މުބާރާތުގައި އަންގާރަ ދުވަހު ހަވީރު ހުޅުމާލެ ވެޓެރަންސް ބައްދަލުކުރާނީ މޯލްޑިވްސް ސޮކަ މޭޓްސްއާއެވެ. މެޗު ފަށާނީ 16:30 ގައެވެ.