ޚަބަރު

ރާއްޖޭގެ ނިޒާމީ ތަޢުލީމުގެ މުންނާރު، މަޖީދިއްޔާ ގަރުނަކާ ގާތަށް!


ރާއްޖޭގެ ތަޢުލީމީ ނިޒާމު ފެށިގެންދިޔައީ 1927ވަނަ އަހަރުގެ އޭޕްރިލް 19ވަނަ ދުވަހު މަދަރުސަތުއްސަނިއްޔާއާ އެކުއެވެ. އެއީ އައްސުލްތާން މުޙައްމަދު ޝަމްދުއްދީން 3ގެ އިސްނެންގެވުމާއެކުގައެވެ. މިހާރުގެގޮތުން ނަމަ އެއީ މަޖީދިއްޔާ ސްކޫލެވެ.

މަދަރުސަތުއް ސަނިއްޔާގެ ކިޔެވުން ފެށީ ފިރިހެން 60 ދަރިވަރުންނާއެކުގައެވެ.

މަދަރުސަތުއް ސަނިއްޔާއިން މަދަރުސަތުލް މަޖީދިއްޔާއަށް ނަން ބަދަލުކުރީ 1947ވަނަ އަހަރުއެވެ. އޭރު ރާއްޖޭގެ އެންމެ މުހިންމު ބިނާ، 1952 ވަނަ އަހަރު ތަރައްޤީކުރި "ދާރުލް އުލޫމު" އިމާރާތަކީވެސް ސްކޫލަށް އަދި ރާއްޖެއަށްވެސް ވަރަށް މުހިންމު ބިނާއެކެވެ. ފެނަން ދިޔާހަކުރު އަޅައިގެން ގަލާ އުވަޔާއި ވެލިން ރާނުއްވައި އިލްމުތަކުގެ ބިނާގެ ގޮތުގައި އަލްއަމީރު މުހައްމަދު އަމީން ބިނާކުރެއްވި މި ބިނާ ޙިމާޔަތްކުރެވި، މިހާރުވެސް މަޖީދިއްޔާގެ ގޯތި ތެރޭގައި އެގޮތުގައި އެބަހުއްޓެވެ. ދާރުލް އުލޫމާއެކު ސްކޫލްގެ ޖާގަ 400 ދަރިވަރުންނަށް ކިޔެވޭ ތަނަކަށް ބަދަލުކުރެވުނެވެ.

މިހާރުގެ ގޮތަށް މަޖީދިއްޔާ ސްކޫލަށް ނަން ބަދަލުކުރީ، 1960ވަނަ އަހަރު، އިނޑިރޭސިި މީޑިއަމަށް ކިޔެވުމުގެ ނިޒާމަކަށް ސްކޫލް ބަދަލުކުރުމާއެކުގައެވެ. އިނގިރޭސި މީޑިއަމަށް ކިޔެވުން ފެށުމާއިއެކު ރާއްޖޭގައި ފުރަތަމަ ފަހަރަށް ބައިނަލްއަޤްވާމީ އިމްތިޙާންތަކުގައި ބައިވެރިވާން ފެށި ސްކޫލަކީވެސް މަޖީދިއްޔާއެވެ.

މިއަދު މަޖީދިއްޔާ ސްކޫލު ފާހަގަކުރަމުންދަނީ ތަޢުލީމީ ޚިދުމަތުގެ 95ވަނަ އަހަރެވެ. ގަރުނަކާ ގާތަށް އައީއެވެ.

މަޖީދިއްޔާ ސްކޫލަކީ ތަޢުލީމު ދިނުމުގެ އިތުރަށް، މީހުން ބިނާކުރުމުގެ ބުރަ ބޮޑު މަސައްކަތްވެސް ފެށުނު ހިސާބެވެ. އެގޮތުން އަޚުލާގާއި ތަރުބިއްޔަތާއި، އިޖްތިމާއީ ކުރިއެރުމަށް ޒުވާނުން ތައްޔާރުކުރުމާއި، ކުޅިވަރާއި އަދަބިއްޔާތުފަދަ ދާއިރާތަކުން މީހުން ބިނާކުރި ސްކޫލެވެ.

ސްކޫލްގެ މުސްކުޅި ދަރިވަރު އިބްރާހީމް އިސްމާއިލް ވިދާޅުވިގޮތުގައި މަޖީދިއްޔާ ސްކޫލަކީ އެތައް ދިވެހި ދަރިންނެއް، ދުނިޔެއަށް ލޯހުޅުވައިދީ، ދިރިއުޅުމުގައި ވަކި ދާއިރާއެއް ޚިޔާރުކޮށް ކުރިއަރައިގެން ދިއުމުގައި ލިބުނު ބޮޑު އެހީއެއްކަމަށެވެ. އިބްރާހީމް އިސްމާޢީލް މަޖީދިއްޔާ ސްކޫލަށް ވަދެވަޑައިގަތީ 1965ވަނަ އަހަރުއެވެ.

"ވަރަށް ގިނަ ލީޑަޝިޕް ހުނަރުތަކެއް ދަސްވީ. ކެޑޭޓް، ސްކައުޓް، އެކިކަހަލަ ކްލަބް ޖަމިއްޔާތަށް އުފެދިގެން ދިޔައީ އޭރު. އެހެންވީމަ ވަރަށް ގިނަ ކަންކަން ދަސްވެ ކުރިއަރައިގެން ދާން ފުރުޞަތު ލިބުނު." އިބްރާހީމް އިސްމާއިލް ވިދާޅުވިއެވެ.

މިހާރު ރާއްޖެ ދެކޭ ތަރައްޤީގެ މަތީ ފަޑީގައި ތިބި އެތަށް ދިވެހިންނަކީ، މަޖީދިއްޔާގެ މުސްކުޅި ދަރިވަރުންނެވެ. ގައުމުގެ ހިންގުމުގެ އެކި ދާއިރާތަކުގައި ހީވާގިކަމާއެކު ދަނީ މަސައްކަތް ކުރައްވަމުންނެވެ. ރާއްޖޭގައި ވެރިކަން ކުރެވި އެކިއެކި ބޭފުޅުންނާއި، ވަޒީރުންނާއި ކުންފުނިތަކުގެ ގިނަ އިސް މަޤާމުތަކުގައި މިވަގުތުވެސް، މަޖީދިއްޔާއިން ތަޢުލީމު ޙާސިލްކުރެއްވި އިހުގެ ދަރިވަރުން އެބަތިއްބެވިއެެވެ.

މިއަހަރު މިސްކޫލަށް 95އަހަރު ފުރުން ފާހަގަކުރުމަށް ސްކޫލުންވަނީ ގިނަ ހަރަކާތްތަކެއްވެސް ރާވާފައެވެ. ސްކޫލްގެ މިހާރުގެ ޕްރިންސިޕަލް ޢާއިޝަތު މުޙައްމަދު ޞާލިހު ވިދާޅުވީ މިއަހަރުގެ އެންމެ މުހިންމު ޙަރަކާތަކީ ސްކޫލްގެ 100ވަނަ އަހަރުގެ ތައްޔާރީތައް ފެށުންކަމަށެވެ. އެގޮތުން ކައުންޑައުންއެއް ފެށުމާއި، ސްކޫލްގެ ތާރީޚާ ގުޅޭ މަޢުލޫމާތު އެއްކޮށް، ޢާއްމުންނާ ހަމައަށް ގެނެސްދިނުމުގެ މަސައްކަތްތަކެއް ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ. އަދި 95ވަނަ އަހަރާ ގުޅިގެން ދުވުމެއް ބޭއްވުމާއި، ސްކޫލްގެ މުސްކުޅި ދަރިވަރުން ބައިވެރިވާ ޙަރަކާތްތަކެއްވެސް ރާވާފައިވާކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ.

"މިއީ ހަމައެކަނި މިހާރުގެ ދަރިވަރުންގެ ސްކޫލެއް ނޫން. މިއީ ވަރަށް ގިނަ ބަޔަކާއި ގުޅިފައިވާ، ވަރަށް ގިނަ މީހުން ލޯބި ލިބިފައިވާ ސްކޫލެއް. ސްކޫލްގެ ކުދިންނަށްވެސް ބުނެލަން ބޭނުންވަނީ، ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ސްކޫލްގައި ކިޔެވުމުގެ ފަޚުރަކީ އެންމެނަށް ލިބޭނެ ފަޚުރެއް ނޫނޭ. އެހެންވީމާ އޭރާ އެއްގޮތަށް މިހާރުވެސް ކާމިޔާބީއަށް ވާސިލުވުމަށް އެކުގައި މަސައްކަތް ކުރާށޭ." ސްކުލްގެ ޕްރިންސިޕަލް ވިދާޅުވިއެވެ.

ހަމައެކަނި ފިރިހެން ކުދިންނަށް ކިޔަވައިދޭ ސްކޫލެއްގެ ގޮތުގައި އެތައް އަހަރަކު އޮތުމަށްފަހު، 2011ވަނަ އަހަރު މަޖީދިއްޔާގައި ދެ ޖިންސަށް ކިޔަވައިދޭން ފެށިއެވެ. މިހާރު އެ ސްކޫލްގައި ޕްރައިމަރީ އަދި ސެކަންޑްރީ ގްރޭޑަށްވެސް ކިޔަވައިދެއެވެ. މަޖީދިއްޔާގައި މިވަގުތު 1500އާއި ގާތްކުރާ އަދަދަކަށް ކުދިން ކިޔަވަމުންދެއެވެ.

މަޖީދިއްޔާ ސްކޫލަކީ ރާއްޖޭގެ ނިޒާމީ ތައުލީމުގެ "މުންނާރެވެ." އެއީ ޒަމާނީ ނިޒާމީ ތަޢުލީމުގެ ފެށުމެވެ. މިއަދާހަމައަށް މި މުއައްސަސާގެ ޚިދުމަތް މެދުކެނޑުމެއް ހުއްޓުމެއް ނެތި ދަނީ ކުރިއަށެވެ. ޤައުމު ބިނާކުރުމުގައި މަޖީދިއްސާ ސްކޫލް ބައި ޤަރުނާ ގާތަށް އައީއެވެ.