ޚަބަރު

ޙާލަތާމެދު ހިތާމަކުރަން، އިސްތިޢުފާއެއް ނުދޭނަން: ގޮތަބަޔާ


ސުރީ ލަންކާއަށް ކުރިމަތިވެފައިވާ ނާޒުކު އިޤްތިޞާދީ ޙާލަތާމެދު ހިތާމަކުރާކަމަށާއި އަޅަންޖެހޭ ގިނަ ފިޔަވަޅުތަކެއް އެޅުމުގައި ސަރުކާރުން އިޙްމާލުވެފައިވާކަމަށް އެ ޤައުމުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ވިދާޅުވެއްޖެއެވެ.

ސުރީ ލަންކާގެ ވަޒީރުންގެ މަޖިލީހަށް އަލަށް ޢައްޔަންކުރެއްވި 17 ބޭފުޅުންނާ މުޙާތަބުކުރައްވައި ގޮތަބަޔާ ވިދާޅުވީ އެ ޤައުމުގެ އިޤްތިޞާދީ ޙާލަތު ރަނގަޅުކުރުމަށް ބައިނަލްއަޤްވާމީ މާލީ އިދާރާއާ މަޝްވަރާކުރުން ލަސްކުރުމަކީ ސަރުކާރަށް ހެދުނު ވަރަށް ބޮޑު ގޯހެއްކަމަށެވެ. އަދި އެ ކަމުގެ ސަބަބުން ސުރީ ލަންކާގެ ޢާއްމުންނަށް ކުރިމަތިލާން ޖެހުނު ތަކުލީފަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސުރީ ލަންކާގެ އިޤްތިޞާދީ ޙާލަތު ރަނގަޅުކުރުމަށް އޭނާ މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވަމުން ގޮތަބަޔާވަނީ މަޤާމުން އިސްތިޢުފާދެއްވުމުގެ އެއްވެސް ވިސްނުންފުޅެއް ނުގެންގުޅުއްވާކަމަށް ވިދާޅުވެފައެވެ. އަދި ޤާނޫނުއަސާސީއަށް ގެންނަން ޖެހުނު ބަދަލެއް ގެނެސްގެން ނަމަވެސް ސުރީ ލަންކާގެ ސަރުކާރުން ޢަދާކުރަންޖެހޭ ޒިންމާތައް ޢަދާކުރާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރުން އޭނާވަނީ ޤައުމުގެ ޙާލަތު ރަނގަޅު މިޞްރާބަކަށް ގެންދިޔުމަށް އިދިކޮޅު ފަރާތްތަކުން އެއްބާރުލުން ދިނުމަށް އަނެއްކާވެސް އެދިވަޑައިގެންފައެވެ.

ސުރީ ލަންކާއަށް ކުރިމަތިވެފައިވާ ނާޒުކު އިޤްތިޞާދީ ޙާލަތުގެ ސަބަބުން ރުޅިގަދަވެފައިވާ ޢާއްމުން އެ ޤައުމުގެ އެކި ސަރަޙައްދުތަކުގައި މުޒާހަރާކުރަން ފެށުމުން އެ ޤައުމުގެ ވަޒީރުންގެ މަޖިލީހުގައި ހިމެނޭ 26 ވަޒީރުންވަނީ އެއްފަހަރާ އިސްތިޢުފާދީފައެވެ. އޭގެ ތެރޭގައި ސުރީ ލަންކާގައި ވެރިކަންކުރާ ރާޖަޕަކްސަ ޢާއިލާއަށް ނިޞްބަތްވާ ވަޒީރުންވެސް ހިމެނިވަޑައިގަންނަވައެވެ. ނަމަވެސް ސަރުކާރު ހުއްޓުމަކަށް އަޔަނުދިނުމަށް އެ ޤައުމުގެ ވަޒިރުންގެ މަޖިލީހަށް އޭޕުރިލް މަހުގެ 5ވަނަ ދުވަހުވަނީ ހަތަރު މެންބަރުން ޢައްޔަންކޮށްފައެވެ. އެ ގޮތުން އެ ޤައުމުގެ މާލީ ވަޒީރުގެ މަޤާމަށް ޢައްޔަންކޮށްފައިވަނީ ކުރިން ޢަދުލުއިންޞާފާބެހޭ ވަޒީރުކަންކުރެއްވި ޢަލީ ޞަބްރީއެވެ.

ދެ ހަފުތާއަށްފަހު ސުރީ ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ އަލުން އެކުލަވާލެއްވި ވަޒީރުންގެ މަޖިލީހަށްވަނީ 17 މެންބަރުން ޢައްޔަންކުރައްވައިފައެވެ. އޭގެ ތެރޭގައި ކުރިން ވަޒީރުކަން ކުރެއްވި ފަސް ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. ނަމަވެސް ރާޖަޕަކްސަ ޢާއިލާއަށް ނިޞްބަތްވާ އެއްވެސް މީހަކު އަލަށް އެކުލަވާލި ވަޒީރުންގެ މަޖިލީހުގައި ނުހިމެނެއެވެ. އޭގެ އިތުރުން ސުރީ ލަންކާގެ ވެރިކަންކުރާ އިއްތިޙާދުން ވަކިވެފައިވާ 42 މެންބަރުންގެ ތެރެއިން ހަތަރު މެންބަރަކުވަނީ އަލުން ސަރުކާރާ ގުޅިފައެވެ.