ޚަބަރު

އިޓަލީވިލާތުގެ ބޮޑުވަޒީރަށް ކޯވިޑް-19 ޖެހިއްޖެ


އިޓަލީވިލާތުގެ ބޮޑުވަޒީރު މާރިޔޯ ޑުރާގީއަށް ކޯވިޑް-19 ޖެހިއްޖެއެވެ.

އިޓަލީވިލާތުގެ ބޮޑުވަޒީރުގެ ރަސްމީ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޑުރާގީއަށް ކޯވިޑް-19 ޖެހުނު ނަމަވެސް ބަލީގެ އެއްވެސް އަލާމާތެއް އޭނާގެ ހަށިކޮޅުން ނުފެންނަކަމަށެވެ. ޢުމުރުފުޅުން 74 އަހަރުގެ ޑުރާގީއަށް ބަލިޖެހިފައިވަނީ އެފްރިކާގެ ދެ ޤައުމަކަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނިކޮށެވެ. އެހެންކަމުން އޭނާގެ ބަދަލުގައި އިޓަލީވިލާތުގެ ވަފުދުގައި އެންމެ އިސްކޮށް ހުންނަވާނީ އެ ޤައުމުގެ ޚާރިޖީ ވަޒީރު ލުއިޖީ ދީ މާޔޯއެވެ.

ފާއިތުވި ދުވަސްތަކުގައި އިޓަލީވިލާތާއި އެފްރިކާގެ ޤައުމުތަކާ ގުޅުންބަދަހިކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެ ގޮތުން ޑުރާގީ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ތެލުގެ މުއްސަނދިކަން ލިބިފައިވާ އެންގޯލާއާއި ރިޕަބްލިކް އޮފް ކޮންގޯއަށެވެ. އޭގެ ކުރިން އިޓަލީވިލާތުންވަނީ އަލްޖަޒާއިރާއެކު ހަކަތައިގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ޔޫކްރެއިނަށް ވަރުގަދަ ޙަމަލާތަކެއް އެޅުމުން އިޓަލީވިލާތުންވެސްވަނީ ރަޝިޔާއާ ދެކޮޅަށް ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފައެވެ. އަދި ރަޝިޔާގެ ބަދަލުގައި ތެލާއި ގޭސް ހޯދޭނެ އިތުރު ގޮތްތަކެއް ހޯދުމަށް އިޓަލީވިލާތުންވަނީ މަސައްކަތް ފަށައިފައެވެ. އިޓަލީވިލާތަށް ބޭނުންވާ %40 ގޭހާއި ތެޔޮ ފޯރުކޮށްދެނީ ރަޝިޔާއިންނެވެ.