ޚަބަރު

ފެން ވިއްކުމުގައި ލިމިޓްކުރުމެއް ނުގެންގުޅެން - އައިބީއެމް


ފުޅީގައި ބަންދުކޮށްފައިވާ ފެން ވިއްކުމުގައި ލިމިޓްކުރުމެއް ނުގެންގުޅޭކަމަށް ތާޒާ ބްރޭންޑުގެ ފެން އުފައްދާ އައިބީއެމުން ހާމަކޮށްފިއެވެ.

އެމްޑަބްލިއުއެސްސީގެ ދަށުން ހިންގާ އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް (އައިބީއެމް) އިން ވިދާޅުވީ ޑިމާންޑާ އެއްވަރަށް ފެން ފޯރުކޮށްދެމުންދާ ކަމަށެވެ. އަދި މިހާރު ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ ފެން ޑެލިވަރކޮށްދިނުމަށް ކަނޑައަޅާފައިވާ ވަގުތު ކުޑަވުން ކަމަށް އެކުންފުނިން ވިދާޅުވެއެވެ.

ފެން ޑެލިވަރކުރުމަށް ކަނޑައަޅާފައިވާ ގަޑިތަކަކީ ހެނދުނު 9:00އިން މެންދުރުފަހު 3:00އަށް އަދި ރޭގަނޑު 9:00އިން މެންދަމު 2:30އަށެވެ. ލިބޭ ވަގުތު ކުޑަވުމުގެ ސަބަބުން ރަށްރަށަށް ފެން ގެންދިޔުމަށް ބޯޓުތަކަށް ފެން ޑެލިވަރކޮށްދިނުމަށް ބައެއް ދަތިތަކެއް އެބަހުރިކަމަށް އައިބީއެމުން ފާހަގަކުރެއެވެ. މިއާއެކު ބައެއް ރަށްރަށަށް ތާޒާ ފެން ލިބުނުމުގައި ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ.

އައިބީއެމުން ވިދާޅުވީ މިދުވަސްވަރު މޫސުމީގޮތުން ހޫނު ގަދަވެފައި ރޯދަމަސް ކަމަށްވުމުންވެސް ފުޅީގައި ބަންދުކުރި ފެނަށް އޮންނަ ޑިމާންޑު ބޮޑުވެފައިވާ ކަމަށެވެ. އެހެންނަމަވެސް ފެން އުފެއްދުމުގައި އެއްވެސް ދަތިކަމެއް ނެތްކަން އައިބީއެމުން ފާހަގަކުރެއެވެ.

"ތާޒާ" ފެނުގެ 5 ލީޓަރުގެ ފެން އުފައްދަނީ މާލޭގައި ހުންނަ ކާރުޚާނާއިންނެވެ. އެހެން ނަމަވެސް "ތާޒާ" ފެނުގެ އެހެން ސައިޒްތަކުގެ ފުޅި އުފައްދަނީ ހުޅުމާލޭގައި ހުންނަ ކާރުޚާނާއިންނެވެ.