ޖެހިޖެހިގެން 10 ވަނަ ފަހަރަށް ޖަރުމަން ލީގު ކާމިޔާބުކުރުމާ ގާތަށް ބަޔާން މިޔުނިކް ޖެހިލައިފިއެވެ.
އެގޮތުން ބަޔާނުން ވަނީ ރޭ ކުޅުނު މެޗުގައި އާމީނިއާ ބިއެލެފެލްޑް އަތުން 3-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ.
ބަޔާންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީވެސް އެ ޓީމުންނެވެ. މިމެޗްގެ ފުރަތަމަ ލަނޑަކީ ބިއެލެފެލްޑްގެ ޖޭކޮބް ބެރެޓް ލައުސެން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި މި މެޗްގައި ބަޔާންގެ ދެވަނަ ލަނޑު ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ ހަތްވަނަ މިނެޓްގައި ޖަހާދިނީ ސަރޖީ ގިނެބްރީއެވެ. އަދި ފަހު ލަނޑު މެޗްގެ 84 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޖަމާލް މުސިއަލާއެވެ.
ޖަރުމަން ލީގުގައި މިހާރު ކޮންމެ ޓީމެއް 30 މެޗް ކުޅެފައިވާއިރު، ބަޔާންއަށް ވަނީ 72 ޕޮއިންޓް ލިބިފައެވެ. އަދި ދެވަނައިގާ އުޅޭ ބޮރުޝިއާ ޑޯޓްމުންޑަށް ލިބިފައިވަނީ 63 ޕޮއިންޓެވެ.
މިހާރު ކޮންމެ ޓީމަކަށް ބާކީ ހަތަރު މެޗް އޮތްއިރު، އަންނަ ހަފްތާ އަކީ ބަޔާން އާއި ޑޯޓްމުންޑް ބައްދަލުކުރާ ހަފްތާ ކަމުން އަމިއްލަ ދަނޑުގައި ޑޯޓްމުންޑް ބަލިކޮށް ލީގު ކާމިޔާބުކުރުމުގެ ފުރުސަތު ބަޔާންއަށް އެބައޮތެވެ. އަދި މިމެޗުން ބަލިވުމުން ބިއެލެފެލްޑް އުޅެނީ 26 ޕޮއިންޓާއެކު 18 ޓީމް ހިމެނޭ މި ލީގުގެ 17 ވަނައިގައެވެ.