ކުޅިވަރު

ޕޮލިސް ބަލިކޮށް އީގަލްސްއަށް ފުރަތަމަ މޮޅު


މައިލޯ އެފްއޭއެމް ވެޓެރަންސް ލީގު 2022 ގައި ޕޮލިސް ކުލަބު ބަލިކޮށް، ކުލަބު އީގަލްސްއިން ފުރަތަމަ މޮޅު ހޯދައިފިއެވެ.

އެފްއޭއެމް އެއް ނަމްބަރު ޓާފު ދަނޑުގައި އާދީއްތަ ދުވަހު ކުޅުނު މި މެޗު އީގަލްސްއިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ހަތަރު ލަނޑު ވެސް ފެނުނީ ދެ ވަނަ ހާފުގައެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޕޮލިހުންނެވެ. ދެ ވަނަ ހާފް ކުޅުން ފަށައިގެން ހަތް ވަނަ މިނިޓްގައި ޕޮލިހަށް ލީޑުނަގައިދިނީ މުހައްމަދު ނާޒިމްއެވެ.

އީގަލްސް މޮޅުވީ ފަހު 10 މިނިޓް ތެރޭ ތިން ލަނޑު ޖަހައިގެންނެވެ. މެޗުގެ 50 ވަނަ މިނިޓްގައި އީގަލްސްއަށް އެއްވަރުކޮށްދިނީ އިބްރާހިމް އާރިފްއެވެ. އީގަލްސްއަށް މެޗުގެ 57 ވަނަ މިނިޓްގައި ލީޑުނަގައިދިނީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އާރިފްއެވެ. މެޗުގެ ފަހު މިނިޓްގައި އީގަލްސް އަށް ތިން ޕޮއިންޓް ކަށަަވަރުކޮށްދިން ލަނޑު ޖެހީ އަހުމަދު ޝަރީފްއެވެ.

މި މޮޅާ އެކު އީގަލްސް އޮތީ ލީގުގެ ހަތަރު ވަނައިގަ އެވެ. އެއީ ތިން މެޗުން ހަތަރު ޕޮއިންޓާ އެކުއެވެ. ޕޮލިސް ކްލަބް ފުލުގައި އޮތީ ހަތަރު މެޗުން ވެސް ބަލިވެގެންނެވެ

ތިން އަަހަރުގެ މެދުކެނޑުމަކަށް ފަހު އެފްއޭއެމްގެ ވެޓެރަންސް މުބާރާތް މި ފަހަރު ކުރިއަށްދާއިރު، އިންތިޒާމްކުރަނީ ކްލަބް އިވެންޓްސް އިންނެވެ.

މުބާރާތުގައި ހޯމަ ދުވަހު ހަވީރު ކުޅޭ މެޗުގައި ދިވެހި ސިފައިންގެ ކްލަބް ބައްދަލުކުރާނީ ކްލަބް ގްރީން ސްޓްރީޓްސްއާ އެެވެ. މެޗު ފަށާނީ 16:30 ގަ އެވެ