ޚަބަރު

މަޖިލީހުގެ ޖަލްސާތަކާއި މަސައްކަތްތައް ތަޖުރިބާކޮށްލުމުގެ ފުރުޞަތު


މަޖިލިސް މެންބަރުންގެ މަސައްކަތްތައްކާއި، މަޖިލީހުގެ ޖަލްސާތައް ކުރިއަށް ދާގޮތް ތަޖުރިބާ ކުރުމަށް ކުރިއަށްގެންދާ "ޕްރެކްޓިސް ޕަރލިމެންޓް" ޕްރޮގްރާމްގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.

މިފަހަރުގެ ޕްރޮގްރާމް ޚާއްސަކުރަނީ އަންހެނުންނެވެ. މިއީ "ޕްރެކްޓިސް ޕަރލިމަންޓް" ޕްރޮގްރާމްގެ ދެވަނަ ބުރެވެ. ޕްރޮގްރާމްގެ އެންމެ ބޮޑު މަޤުސަދަކީ ޤާނުނުތައް ހެދުމާއި،ކަންކަމުގައި މަޝްވަރާ ކުރުމާއި ޚިޔާލު ހޯދުން އަދި ސިޔާސީ މައިދާނުގައި މީހުންގެ ބައިވެރިވުން އިތުރުކުރުމަށް ޝައުގުވެރިކުރުވުމުވެ.

މި ޕްރޮގްރާމް ކުރިއަށްގެންދަނީ ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް ޔޫއެންޑީޕީގެ ރާއްޖޭގެ އޮފިހާއި ، ރައްޔިތުންގެ މަޖިލީހާއި، އޮސްޓްރޭލިއަން އެއިޑްސް ގުޅިގެންނެވެ.

އަންހެނުންނަށް ޚާއްސަކޮށްގެންދާ ގެންދާ، މިފަހަރުގެ ޕްރޮގްރާމް އޮންނާނީ އަންނަ މަހުގެ 22އިން 28އަށެވެ. މިކަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް އެމީހެއް ފުރިހަމަ ނަމާއި އެޑްރެސް އަދި އައިޑީކާޑް ނަމްބަރު ހިމެނޭގޮތަށް 9397651 އެސްއެމްއެސް ކުރުމުގެ ފުރުސަތު މިމަހުގެ 30 ވަނަދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ނުކުޅެދުންތަރިކަން ހުންނަ މީހުންނަށްވެސް މި ފަހަރުގެ ޕްރޮގްރާމްގައި ބައިވެރިވެވޭނެކަމަށް ޔޫންއެންޑީޕީގެ ރާއްޖޭގެ އޮފީހުން ބުނެއެވެ. އަދި މިފަދަ މީހުން ބައިވެރިވުމަށް ހަމަޖައްސަންޖެހޭ އެންމެހާ އިންތިޒާމުތައް ހަމަޖައްސާފައިވާނެކަމަށްވެސް އެ އިދާރާއިން ބުނެއެވެ.

"ޕްރެކްޓިސް ޕަރލިމެންޓް"ގެ ފުރަމަ ޕްރޮގްރާމް ކުރިއަށްގެންދިޔައީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ. މި ޕްރޮގްރާމް ކުރިއަށްގެން ދިޔައީ ޒުވާނުންނަށް ޚާއްސަކޮށްގެންނެވެ. އަދި އަންހެނުންނަށް ޚާއްސަ ސެޝަންތަކެއްވެސް ކުރިއަށްގެންދިޔައެވެ.

ޕްރޮގްރާމްގެ ތެރެއިން މަޖިލީހުގެ މަސައްކަތްތައް ރާވާ ހިނގާގޮތް ކިޔާދިނުމާއި، މަޖިލީހުގެ ތާރީޚާ ގުޅޭ މަޢުލޫމާތު ޙިއްސާކުރުމާއި، މަޖިލީސް ކުރިއަށްދާގޮތް ޢަމަލީގޮތުން ތަޖުރިބާކުރުމުގެ ފުރުޞަތުވަނީ ދީފައެވެ. އަދި މަޖިލިސް އިދާރާއާއި ޗެމްބަރގެ މަސައްކަތްތައް ބެހިފައިވާގޮތްވެސް ދައްކާލާފައިވެއެވެ.

އެކި ސެޝަންތަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މިޕްރޮގްރާމްގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ބައިވެރިވެ ވަޑައިގެން މަޖިލީހުގެ ތާރީޚާ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ވަނީ ބައިވެރިންނާ ޙިއްސާކޮށްފައިވެއެވެ.

މި ޕްރޮގްރާމްގެ ތަމްރީންތައް ދިނުމުގައި މަޖިލީހުގެ އިދާރީ މެންބަރުންނާ، މަޖިލިހުގެ އެކި ދާއިރާތަކުގެ ބައެއް މެންބަރުންވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.