ޚަބަރު

ޗައިނާގެ އިތުރު ސަރަޙައްދުތަކަށް ބަލިފެތުރުމުގެ ބިރުބޮޑުވެއްޖެ


ޗައިނާގެ ވިޔަފާރީގެ ވެރިރަށްކަމަށްވާ ޝަންހާއީގައި ރެކޯޑު ޢަދަދެއްގެ ބަޔަކަށް ކޯވިޑް-19 ޖެހިއްޖެއެވެ. އެއާއެކު ޗައިނާގެ އިތުރު ސަރަޙައްދުތަކަށް ބަލިމަޑުކަން ފެތުރިދާނެކަމުގެ ބިރުވަނީ ހީވެފައެވެ.

ޗައިނާގެ އެންމެ ބޮޑު ރަށްކަމަށްވާ ޝަންހާއީގައި ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދުވަނީ މާރިޗު މަހުގެ ފުރަތަމަ ހަފުތާއިން ފެށިގެން ވަރަށް ބޮޑަށް އިތުރުވާން ފަށައިފައެވެ. އެ ގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ރަށުގައި 23،500އަށްވުރެ ގިނަ މީހުންނަށްވަނީ ބަލިޖެހިފައެވެ. އޭގެ ތެރެއިން ބަލީގެ އަލާމަތް ފެނިފައިވަނީ 3,590 މީހުންގެ ގައިންނެވެ. ފާއިތުވި އެއް މަސްދުވަހުގެ ތެރޭގައި ޝަންހާއީގައިވަނީ ރައްކާތެރިކަމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފައެވެ. އެ ގޮތުން އެ ރަށުގައި ދިރިއުޅޭ 25 މިލިޔަން މީހުންގެ ބޮޑު އާބާދީ އެއްކޮށް ބައްޔަށް ތަޙްލީލުކުރުމުގެ މަސައްކަތްވެސްވަނީ ފަށައިފައެވެ. އަދި ބަލިޖެހިފައިވާ މީހުން އެކަހެރިކުރުމަށް ޚާއްޞަ މަރުކަޒުތަކެއްވަނީ ޤާއިމުކޮށްފައެވެ. އެ ނިންމުމުގެ ސަބަބުން ޢާއިލާތަށް ވަކިވެ އެ ރަށުގައި ކުރަމުންދާ ވިޔަފާރިތައް ހުއްޓި ބޮޑެތި އިޤްތިޞާދީ ގެއްލުމަކާވަނީ ކުރިމަތިލާން ޖެހިފައެވެ.

ޝަންހާއީގެ އިތުރުން ފާއިތުވި ދުވަސްތަކުގައި ޒެންގްޒޫއާއި ޝިޔާންގައި ބަލިޖެހޭ މީހުންގެ ޢަދަދުވަނީ އިތުރުވެފައެވެ. އެއާއެކު އެ ސަރަޙައްދުތަކުގައިވެސްވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ފަށައިފައެވެ. ނަމަވެސް އެފަދަ ފިޔަވަޅުތަކަށް ޢާއްމުންގެ ފަރާތުން ކުރިން ލިބުނުފަދަ އެއްބާރުލުމެއް މިހާރަކު ނުލިބެއެވެ.

ދުނިޔޭގައި އެންމެ ފުރަތަމަ ކޯވިޑް-19 ފެތުރެން ފެށުނު ޗައިނާގައި ފާއިތުވި ދެ އަހަރުދުވަހުގެ ތެރޭގައި 563،000އަށްވުރެ ގިނަ މީހުންނަށްވަނީ ބަލިޖެހިފައެވެ. އަދި ބަލިމަޑުކަމުގައި 4,638 މީހުންވަނީ މަރުވެފައެވެ.