ޚަބަރު

ޣައްޞާނާއި ސައީދު މިރޭ ފުލުސް އޮފީހަށް ހާޒިރުކުރަނީ


އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ އިސް ދެ މެމްބަރުންކަމަށްވާ ގުރައިދޫ ދާއިރާގެ މެމްބަރު ޣައްޞާން މައުމޫނާއި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު މިރޭ ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފިއެވެ.

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ޕީއެންސީގެ ނާއިބު ރައީސް މުހައްމަދު ސައީދާއި ޕީޕީއެމްގެ ނާއިބު ރައީސް މުހައްމަދު ޣައްޞާން މައުމޫން ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައިވަނީ މިދިޔަމަހުގެ 25 ވަނަ ދުވަހު ބޭއްވި މުޒާހަރާއާ ގުޅިގެން ކަމަށެވެ.

ސައީދު ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައި އޮތީ މިރޭ 9:00 ޖަހާއިރަށެވެ. އަދި ޣައްޞާން ހާޒިރުވާން އަންގާފައި އޮތީ މިރޭ 10:30 އަށްކަމަށެވެ.

މިމަހުގެ 25 ވަނަ ދުވަހު އިދިކޮޅު ކޯލިޝަނުން މާލޭގައި މުޒާހަރާއެއް ބާއްވާފައިވާއިރު، ފުލުހުން ވަނީ އެދުވަހުގެ މުޒާހަރާ ރޫޅާލައި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ބައެއް ފަރާތްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ފުލުހުން ވިދާޅުވެފައިވަނީ އެދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާއަކީ ޤާނޫނާ ޚިލާފު ގިނަ ކަންތައްތަކެއް އެ މުޒާހަރާގެ ތެރެއިން ހިންގުމަށް ރޭވި މުޒާހަރާއެއްކަމަށެވެ. އެގޮތުން އެއްވުމުގައި ބައިވެރިވުމަށް ރަށްރަށުން މީހުން ގެނައުމާއި ގިނަ ޢަދަދެއްގެ ދުއްވާ އެއްޗެތި ބޭނުންކޮށްގެން މާލޭގެ ބޮޑެތި މަގުތައް ބްލޮކްކޮށް ރައްޔިތުންނަށާއި ޢާއްމު ދަތުރުފަތުރަށް ހުރަސްއެޅޭގޮތަށް ކަންކަން އިންތިޒާމުކުރުން ފުލުހުން ފާހަގަކުރެއެވެ.

މީގެއިތުރުން އިދިކޮޅުން އަވަށްޓެރި ޤައުމަކާއި ދެކޮޅަށް ކުރިއަށްގެންދާ ޙަރަކާތަކީ ވަކިބަޔަކު ސިޔާސީ އަދި މާލީ މަންފާތަކެއް ޙާސިލްކުރުމަށް ކުރިއަށްގެންދާ ޙަރަކާތެއްކަމަށް ސަރުކާރުގެ އިސްބޭފުޅުންވެސް ވަނީ ވިދާޅުވެފައެވެ. އަދި މީގެ ސަބަބުން ޤައުމުގެ ދާޚިލީ ހަމަޖެހުން ގެއްލި ގިނަ ގެއްލުންތަކެއް ރާއްޖެއަށް ކުރިމަތިވުމުގެ ފުރުސަތު އޮތްކަމުގެ ކަންބޮޑުވުން ރާއްޖޭގެ ސަލާމަތީ ބާރުތަކުން ވަނީ ފާޅުކުރައްވާފައެވެ.