އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑާއި ނޯވިޗް ސިޓީ ބައްދަލުކުރި މެޗް ޔުނައިޓެޑް ކާމިޔާބުކޮށްފިއެވެ.
ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 3 ލަނޑު 2 ލަނޑުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޔުނައިޓެޑުންނެވެ. އަދި މިގޮތުން މެޗްގެ ފުރަތަމަ ލަނޑު މެޗްގެ 7 ވަނަ މިނެޓްގައި ޖަހާ ލީޑު ނެގީވެސް ޔުނައިޓެޑުންނެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އަދި މެޗްގެ 32 ވަނަ މިނެޓްގައި ޔުނައިޓެޑަށް ލީޑު ފުޅާކޮށްދިނީވެސް ފުރަތަމަ ލަނޑު ޖަހާދިން ރޮނާލްޑޯއެވެ. މިމެޗްގައި ނޯވިޗްގެ ފުރަތަމަ ލަނޑު ލަނޑު ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ޖަހާދިނީ ކިއެރެން ޑޮވެލްއެވެ. އަދި މެޗްގެ 52 ވަނަ މިނެޓްގައި ޓީމޫ ޕޫކީ ވަނީ އެތީމްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑާއެކު މެޗްގައި ކުޅުން ރަނގަޅުކޮށް ފެނިގެންދިޔައީވެސް ނޯވިޗްގެއެވެ. ނަމަވެސް މެޗްގެ 76 ވަނަ މިނެޓްގައި ރޮނާލްޑޯ ވަނީ އޭނާ މިމެޗްގައި ކާމިޔާބުކުރީ ތިންވަނަ ލަނޑައެކު ހެތްރިކް ހަދާފައެވެ. މިއީ އޭނާ އެންމެފަހުން ކުޅުނު ޕްރިމިއަރ ލީގުގެ ތިން މެޗްގައި އޭނާ ކާމިޔާބުކުރި ދެވަނަ ހެޓްރިކެވެ. އަދި މިއީ ލީގުގައި އޭނާ ކާމިޔާބުކުރި 15 ވަނަ ލަނޑެވެ. ލަނޑު ލިސްޓުގައި ރޮނާލްޑޯއަށް ވުރެ ކުރީގައި މިހާރު އުޅެނީ ސޮން ހެއުންގ މިން އާއި މުހަންމަދު ސަލާހްއެވެ.
މިކާމިޔާބީއާއެކު ޔުނައިޓެޑް މިހާރު އުޅެނީ ކުޅުނު 32 މެޗުން ލިބިފައިވާ 54 ޕޮއިންޓާއެކު ތާވަލްގެ ފަސްވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ހަތަރު ވަނައިގާ އުޅޭ ޓޮޓްނަމް ހޮސްޕަރ އާއި ތިން ޕޮއިންޓަށް މިހާރުވަނީ ގާތްވެފައެވެ. އަދި ނޯވިޗް އުޅެނީ 21 ޕޮއިންޓާއެކު ތާވަލްގެ ފުލުގައެވެ.