ޚަބަރު

ލަންކާއާއި ޕާކިސްތާނަށްފަހު ނޭޕާލަށްވެސް އިޤްތިޞާދީ ހީނަރުކަން


ނޭޕާލުން ބޭރުގައި ދިރިއުޅޭ އެ ޤައުމުގެ ރައްޔިތުން އެ ޤައުމުގެ ބޭންކުތަކަށް ބޭރު ފައިސާ ޖަމާކުރުމަށް އެ ޤައުމުގެ މާލީ ވުޒާރާއިން އަންގައިފިއެވެ.

ނޭޕާލުގެ މާލީ ވަޒީރު ޖަނާރްދާން ޝަރުމާ ވިދާޅުވީ އެ ޤައުމުގެ ބޭންކުތަކަށް ބޭރު ފައިސާ ޖަމާކުރަން އެންގެވީ އެ ޤައުމުގެ އެތެރޭގައި ބޭރު ފައިސާ ދަޢުރުކުރުމަށްކަމަށާއި އެ ނިންމުމުގެ ސަބަބުން އެ ޤައުމުގެ އިޤްތިޞާދީ ޙާލަތަށް ދިރުމެއް ލިބޭނެކަމަށެވެ. ކޯވިޑް-19ގެ ސަބަބުންނާއި ފަތުރުވެރިކަން ހީނަރުވުމުގެ ސަބަބުން އެ ޤައުމުގެ ތަކެތީގެ އަގުތައް އުފުލިފައިވާ ދަނޑިވަޅެއްގައި އެ ޤައުމުގެ ބޭންކުތަކަށް ބޭރު ފައިސާ ޖަމާކުރަން އެންގެވި ނަމަވެސް ޝަރުމާ ވިދާޅުވީ އެ ޤައުމަށް އިޤްތިޞާދީ ކާރިޘާއެއް ކުރިމަތިވެފައިނުވާކަމަށެވެ.

ޗައިނާއާއި އިންޑިޔާއާ ސަރަޙައްދީ ރޮނގު ޙިއްޞާކުރާ ނޭޕާލުގެ ބޭރު ފައިސާގެ ރިސާވުވަނީ %18 ދަށަށްގޮސް 9.6 ބިލިޔަން އެމެރިކާ ޑޮލަރަށް ވެއްޓިފައެވެ. އެއީ ހަ މަސްދުވަހަށް އެ ޤައުމަށް ބޭނުންވާ ޒަރޫރީ މުދާ ގަނެވޭނެ މިންވަރެވެ. އެއާއެކު ނޭޕާލުގެ ސަރުކާރުންވަނީ އެ ޤައުމުގެ މުއްސަނދިން ލޯބިކުރާ ބައެއް އަގުބޮޑު ބާވަތްތަކުގެ މުދާ އެ ޤައުމަށް އެތެރެކުރުން މަނާކޮށްފައެވެ. އަދި އެ ނިންމުމުގެ ސަބަބުން ނޭޕާލުގެ އެތެރޭގައި ބޭރު ފައިސާ ހިފެހެއްޓޭނެކަމަށް އެ ޤައުމުގެ ސަރުކާރުން ޤަބޫލުކުރެއެވެ.

ސުރީ ލަންކާއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ކާރީޘާފަދަ ޙާލަތެއް ނޭޕަލަށް ކުރިމަތިވެދާނެކަމަށް ޤަބޫލުނުކުރައްވާކަން ފާހަގަކުރައްވަމުން ޝަރުމާ ވިދާޅުވީ އެ ޤައުމުގެ ބޭންކުތަކަށް ޖަމާކުރާ ބޭރު ފައިސާއިން %6 ނުވަތަ %7 އިންޓެރެސްޓުގެ ގޮތުގައި ނަގާނެކަމަށެވެ. އެހެންކަމުން ނޭޕާލުން ބޭރުގައި ދިރިއުޅޭ 100،000 މީހުންގެ ތެރެއިން ކޮންމެ މީހަކު 10،000 އެމެރިކާ ޑޮލަރު އެ ޤައުމުގެ ބޭންކަކަށް ޖަމާކޮށްފިނަމަ އޭގެ ސަބަބުން އެ ޤައުމުގެ އިޤްތިޞާދީ ޙާލަތަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރުން ފާއިތުވި ދުވަސްތަކުގެ ތެރޭގައި ނޭޕާލުގައި މަސައްކަތްކުރާ ބޭރު ޤައުމުތަކަށް ނިޞްބަތްވާ މީހުން ދައްކަމުންދާ ފައިސާގެ ޢަދަދުވަނީ %3 ދަށަށްގޮސް 5.3 މިލިޔަން އެމެރިކާ ޑޮލަރަށް ވެއްޓިފައެވެ.

ނޭޕާލަށް ކުރިމަތިވެފައިވާ ބޭރުގެ ފައިސާގެ މައްސަލަ ޙައްލުކުރުމަށް އެމެރިކާއިންވަނީ 659 މިލިޔަން ޑޮލަރުގެ އެހީއެއް ދިނުމަށް ނިންމައިފައެވެ. އެމެރިކާއިން އެ އެހީ ދޭން ނިންމާފައިވަނީ ފަސް އަހަރުދުވަހަށް ބަހާލައިގެންނެވެ. އޭގެ އިތުރުން ވޯލްޑު ބޭންކުންވެސްވަނީ 150 މިލިޔަން އެމެރިކާ ޑޮލަރުގެ ލުއި ލޯނެއް ނޭޕާލަށް ދިނުމަށް ނިންމައިފައެވެ.